ރިޔާސީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ އަދަދަށްވުރެ ގިނަމީހުންގެ ތާއީދު އުމަރު ހޯއްދަވައިފި

ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވާ އުމަރުނަސީރަށް ތާއީދު އޮތްކަމަށް ހާމަކޮށްދޭ 2،200 މީހުންގެ ސޮއި އުމަރު ހޯއްދަވައިފިއެވެ.

ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީއަކުން ނޫންގޮތަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކަމަށް ވާނަމަ މަދުވެގެން 1500 މީހުން އެކަމަށް ތާއީދު ކުރައްވާ ކަން ހާމަކޮށް ދިނުމުގެ ގޮތުން އެމީހުންގެ ސޮޔާއެކު އިލެޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ.

އުމަރަށް ތާއީދު ކުރައްވާ ކަމަށް ބުނެ ފޯމުފުރައިފައިވާ މީހުންގެ ފޯމުތަކާއެކު އެމަނިކުފާނު މިއަދުވަނީ ފޭސްބުކުގައި ފޯޓޯއެވެސް އާންމުކޮށްފައެވެ. އުމަރު ވަނީ 2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރައްވައިފައެވެ. އަދި 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އެމަނިކުފާނުވަނީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޔާމީނާ ވާދަ ކުރައްވައި ނާކާމިޔާބު ވެފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ވިދާޅުވީ އެމަނިކުފާނަށް ވެރިކަން ލބިވަޑައިގެންފި ކަމަށް ވާނަމަ މީޑިއާގެ މިނިވަންކަން އުސޫލުގެ ތެރެއިން ހޯއްދަވައި ދެއްވައި ނޫސްތައް ހިންގެވުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމަށެވެ. އަދި ވައްކަމާއި ޑްރަގާއި މާރާމާރީއާއި މިފަދަ ކަންކަން ހުއްޓުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެމީހަކަށް ލިބޭ މުސާރައާ އެކަށީގެންވާ އަގެއްގައި ގެދޮރު ހޯއްދަވައި ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި ވިޔާފާރިތަކަށް ފަހިވާނެ ގޮތައް އިގްތިސާދީ ސީޔާސަތު ބައްޓަން ކުރައްވައި އިގްތިސާދީ ޒޯންތަކެއް ވެސް ތަރައްގީ ކުރައްވާނެ ކަމަށް އުމަރުވަނީ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.