ސީރިޔާގައި ހަތިޔާރު ގުދަނެއް ގޮވައި 39 މީހުން މަރުވެއްޖެ

ސީރިޔާގެ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮތް އިދްލިބު ޕްރޮވިންސުގައި އިމާރާތެއް ގޮވައި ވެއްޓުމުގެ ސަބަބުން 39 މީހުން މަރުވެއްޖެއެވެ. ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި މަރުވި މީހުންގެ ތެރޭގައި 12 ކުޑަކުދިން ވެސް ހިމެނެއެވެ.

އިދްލިބުގެ ސަރްމަދާ އަވަށުގައި ހުރި އެ އިމާރާތަކީ ހަތިޔާރުގެ ވިޔަފާރިކުރާ މީހަކު ގޮވާތަކެތި ރައްކާކޮށްފައި ހުރި އިމާރާތެއް ކަމަށް ޚަބަރުތައް ބުނެއެވެ.

އިދްލިބަކީ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮތް ސީރިޔާގެ އެންމެ މުހިއްމު ސަރަހައްދެވެ. ދާދި އަވަހަށް ސަރުކާރު ސިފައިން އެ ސަރަހައްދު ހިފަން ހަމަލާދޭނެ ކަމަށް ބެލެވެއެވެ.

ބާރުގަދަ ގޮވުމުގެ ސަބަބުން ދެ އިމާރާތް އެއްކޮށް ވެއްޓިފައިވާ ކަމަށް ވެއެވެ. އަދި ފަތިހުއްސުރެ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ގިނަ ބަޔަކު ދަނީ ހަރަކާތްތެރިވަމުންނެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވާ އޭއެފްޕީގެ ނޫސްވެރިއަކު ބުނިގޮތުގައި މަރުވި ގިނަ މީހުންނަކީ ހިމްސު ދޫކޮށް އިދްލިބަށް ބަދަލުވި ޖަބްހަތު ފަތުހިއްޝާމް (ކުރިން ޖަބްހަތުއް ނުޞްރާ) ގެ ހަނގުރާމަވެރިންގެ އާއިލާތަކެވެ.

"ގެއްލިފައިވާ މީހުން" ކަމުގައި އެތައް ބަޔަކު ބެލެވިފައި ވާތީ މަރުވި މީހުންގެ އަދަދު އިތުރުވެގެން ދިއުން އެކަށީގެން ވެއެވެ.

ސީރިއަން އޮބްޒަވޭޓަރީގެ ޑިރެކްޓަރު ސާމީ ޢަބްދުއްރަޙްމާން ވިދާޅުވި ގޮތުގައި ގޮވާފައި ވަނީ މީހުން ދިރިއުޅޭ އިމާރާތެވެ. އެތަންތަނުގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އިމާރާތް ގޮވަން ޖެހުނު ސަބަބު ވަނީ ސާފު ނުވެފައެވެ.

ސީރިއަން އޮބްޒަވޭޓަރީން މައުލޫމާތު ދޭ ގޮތުގައި އެއިމާރާތުގައި ހަތިޔާރާއި، ގޮވާތަކެތި ރައްކާކޮށްފައި ހުރީ ޖަބްހަތު ފަތުހިއްޝާމާއި ގުޅުން އޮތް ހަތިޔާރުގެ ވިޔަފާރިކުރާ މީހެކެވެ. އިދްލިބުގެ ބޮޑުބައި އޮތީ އެ ޖަމާއަތުގެ އަތްދަށުގައެވެ. އެހެން އިސްލާމީ ޖަމާއަތްތަކާއި ސަރުކާރު ސިފައިންވެސް އިދްލިބުގެ ކައިރީގައިވާ އަވަށްތަކުގައި ހަރަކާތްތެރިވަމުން ދެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.