އިސްލާމްދީނުގައި ނުކުޅެދޭ މީހުންގެ އަޚްލާޤީ އަދި ޤާނޫނީ ޙައްޤުތައް (2)

(6 ޖުލައި 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޤާބިލިއްޔަތަށް އިޢުތިރާފުވުން

ބައެއް މީހުންނަކީ އެކިއެކި ޖިސްމާނީ އުނިކަން ހުރުމާއެކުވެސް ވަރަށްގިނަ ޤާބިލިއްޔަތުތަކާއި މޮޅުސިފަތަކެއް ލިބިގެންވާ މީހުންނެވެ. އެފަދަ މީހުންނަށް ހިތްވަރުދީ އެބައިމީހުންނަށް ފުރުޞަތުތައް ހޯދައިދެވިއްޖެނަމަ ޝަރަފުވެރި ދިރިއުޅުމެއް އުޅެވިދާނެ މީހުންނެވެ. މުޖުތަމަޢުގެ ބޭނުންތެރި މެންބަރުން ކަމުގައި ވެވިދާނެ މީހުންނެވެ. ނުކުޅެދޭ މީހުންގެ ކިބައިގައި ލައްވައިފައިވާ ހުރިހާ ޤާބިލިއްޔަތުތަކަކަށްވެސް އިސްލާމްދީން އިޢުތިރާފުވެއެވެ. ކޮންމެ ކުޅަދާނަކަމެއްގެ ފައިދާ ލިބިގަތުމަށް ދަޢުވަތުދެއެވެ. ނުކުޅެދޭ މީހަކަށްވިޔަސް ޚިދުމަތެއްކޮށްފިނަމަ ކަމޭހިތުމުގެ ލޮލަކުން އެކަމެއް ދެކެއެވެ. ބަލައިގަނެއެވެ.

މިޒަމާނުގައި ދީނީ ޚިދުމަތްތަކަށް މާތްކޮށްހިތުމުގެ ނަޒަރުން ބެލުމަކީ ވަރަށްބޮޑަށް ނެތެމުންދާ ކަމެކެވެ. މިސްކިތްތަކުގެ އިމާމުކަމާއި ބަންގިދިނުންފަދަ ކަންކަމާމެދު ބެލެވެނީ ނިކަމެތިކަމުގެ ނަޒަރަކުންނެވެ. އެ މަޤާމުތަކަށް ކުރިމަތިލަނީ އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ސަހަލު މީހުންނެވެ. ނަމަވެސް އިސްލާމްދީނުގެ ނަޒަރުގައި އެކަންކަމަކީ ނުހަނު މުހިންމު ކަންކަމެވެ. އެކަންކަމަށް އިންތިޚާބުކުރަން އަންގައިފައިވަނީ ޤާބިލު މީހުންނެވެ. ތަޤުވާވެރީންނެވެ. އިސްލާމީ ތާރީޚްގެ އެންމެކުރީގެ ދައުރުގައި ޢަމަލުކުރެވެމުން އައީވެސް އެގޮތަށެވެ. ރިސާލަތުގެ ދައުރުގައި އިމާމުކަން ކުރެއްވި ފަރާތްތަކާއި ބަންގިދެއްވި ބޭކަލުންނާމެދު މިދެންނެވި ފަސްމަންޒަރުގައި ވިސްނައިވަޑައިގެން ބައްލަވާށެވެ. ކައުސާހިބާ صلّى اللّه عليه وسلّم ގެ ޙަޔާތްޕުޅުގައި މުސްލިމުންނާއިގެން އިމާމުވެވަޑައިގެން ނަމާދުކުރައްވައި އުޅުއްވީ އެމާތްސާހިބާއެވެ. ޝައްކެއްނެތެވެ. ބަންގިދެއްވާ ޚާއްޞަ ދެބޭކަލަކު ޢައްޔަންކުރައްވައިފައިވއެވެ. އެއް ބޭކަލަކީ بلال رضى اللّه عنه އެވެ. އަނެއް ބޭކަލަކީ عمرو بن أمّ مكتوم رضى اللّه عنه އެވެ. (مسلم، كتاب الصلاة)

بلال بن رباح رضى اللّه عنه އަކީ މިނިވަންކުރެވިފައިވާ އަޅެކެވެ. عمرو بن أمّ مكتوم رضى اللّه عنه (އެކަލޭގެފާނުގެ ނަންފުޅު ބައެއް ރިވާޔަތްތަކުގައި އައިސްފައިވަނީ عبداللّه بن أمّ مكتوم رضى اللّه عنه މިގޮތަށެވެ.) އަކީ ލޯފަން ބޭކަލެކެވެ. މިކަމުން އެނގެނީ އިސްލާމްދީން އަޅުންނާއި ނުކުޅެދޭ މީހުންނަށް ދީފައިވަނީ ކިހައިމަތިވެރި މަޤާމެއްކަމެވެ. އިސްލާމްދީން އެފަދަ މީހުންނަށް ދީފައިވާ ޝަރަފާއި ޢިއްޒަތުގެ ބޮޑުކަމެވެ. ބަންގިދިނުމުގެ މަޤާމު ދެއްވުމަށްވުރެވެސް ޚާއްޞަ ކަމަކީ ކައުސާހިބާ صلّى اللّه عليه وسلّم އިމާމުވެވަޑައިގަތުމަށްޓަކައި އެކަލޭގެފާނުގެ ނާއިބެއް ކަމުގައި عمرو بن أمّ مكتوم رضى اللّه عنه އިންތިޚާބުކުރައްވާކަމެވެ. ތަބޫކު ހަނގުރާމަޔަށް ފުރައިވަޑައިގަތީ عمرو بن أمّ مكتوم رضى اللّه عنه އިތުރު ސާހިބާގެ ނާއިބުކަމަށް ޢައްޔަންކުރައްވައިފައެވެ. (ابوداؤد، كتاب الصلاة)

މިއީ އެއްފަހަރަކު އިއްތިފާޤުން ދިމާވި ޙާދިޘާއެއް ނޫނެވެ. براء بن عازب رضى اللّه عنه ވިދާޅުވެފައިވެއެވެ. "އަހަރުމެންގެ ގާތަށް މައްކާއިން ހިޖުރަކުރައްވައި އެންމެ ފުރަތަމަ މަދީނާއަށް ވަޑައިގަތީ مصعب بن عمير رضى اللّه عنه އެވެ. އެކަލޭގެފާނަށްފަހު ދެންވަޑައިގަތީ عمرو بن أمّ مكتوم رضى اللّه عنه އެވެ. ކައުސާހިބާ ވަރަށްގިނަ ޣަޒުވާތުތަކަށް ފުރައިވަޑައިގަންނަވާއިރު އިމާމަކަށް ޢައްޔަންކުރައްވަނީ عمرو بن أمّ مكتوم رضى اللّه عنه އެވެ. މަދީނާގައި އިމާމުވެވަޑައިގެން ނަމާދުކުރައްވަނީ އެކަލޭގެފާނެވެ." (ابن حجر الاصابة فى تمييز الصحابة: 4/495)

علامة ابن عبد البّر، الامام واقدى އާ ޙަވާލާދެއްވައި ލިޔުއްވައިފައިވާ ގޮތުގައި އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ތޭރަ ޣަޒުވާތެއްގައި ފުރައިވަޑައިގަންނަވަމުން عمرو بن أمّ مكتوم رضى اللّه عنه އެކަލޭގެފާނުގެ ނާއިބަކަށް މަދީނާގައި ބެހެއްޓެވިއެވެ. (ابن عبد البّر، الاستيعاب فى اسماء الاصحاب: 3/272)

عتبان بن مالك الأنصارى رضى اللّه عنه އަކީ ބަދުރުހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި ޞަޙާބީއެކެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ފަހުކޮޅުގައި އެކަލޭގެފާނުގެ ލޯފުޅު ވަނީ އަނދިރިވެފައެވެ. ނަމަވެސް އެކަލޭގެފާނުގެ ޤަބީލާގެ މީހުންނާއިގެން އިމާމުވެވަޑައިގެން ނަމާދުކުރައްވައި އުޅުއްވީ އެކަލޭގެފާނެވެ. (بخارى، كتاب الحكمة مسلم، كتاب المساجد)

عمير بن عدى بن خرشه އާ ބެހޭގޮތުން ރިވާވެފައިވާ ގޮތުގައި އެކަލޭފާނަކީވެސް ލޯފަން ބޭކަލެކެވެ. އެކަލޭފާނުގެ ޤަބީލާއިން އެންމެ ފުރަތަމަ އިސްލާމްވެވަޑައިގަތީ އެކަލޭގެފާނެވެ. އެކަލޭގެފާނަކީ ކީރިތި ޤުރްއާން ކޮންމެވެސް މިންވަރަކަށް ހިތްޕުޅުދަސް ބޭކަލެކެވެ. އެހެންކަމުން އެކަލޭގެފާނަށް ވަނީ ޤާރީގެ ލަޤަބު ލިބިވަޑައިގެންފައެވެ. އެކަލޭގެފާނުގެ ޤަބީލާގެ އިމާމުކަން ކުރައްވަނީވެސް އެކަލޭގެފާނެވެ. (الاصابة: 4/599 - الاستيعاب: 3/291)

ނުކުޅެދޭ މީހުންނަށް ދެގުނަ ޘަވާބު ހުއްޓެވެ.

އިސްލާމްދީނުގެ ތަޞައްވުރުގައިވާ ގޮތުގައި ނުކުޅެދޭ މީހެއްގެ ނުކުޅެދުންތެރިކަމާ އެކުގައިވެސް ދީނީ ޚިދުމަތެއް ކޮށްފިނަމަ އެކަމެއްގެ ދަރުމަވެސް މާތް اللّه ގެ ޙަޟްރަތުގައި އިތުރުވެގެންވެއެވެ. އެހެނީ ނުކުޅެދޭ މީހުން އެކަމަށްޓަކައި ދެގުނަ މަސައްކަތްކުރަންޖެހެއެވެ. މިކަމާ ބެހޭގޮތުން أمّ المؤمنين السّيّد عائشة رضى اللّه عنها އިތުރު ސާހިބާގެ އަރިހުން ރިވާކުރައްވައިފައިވެއެވެ.

"الْمَاهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ، وَالَّذِي يَقْرَأُ الْقُرْآنَ وَيَتَتَعْتَعُ فِيهِ، وَهُوَ عَلَيْهِ شَاقٌّ، لَهُ أَجْرَانِ" (مسلم، كتاب فضائل القرآن، ورواه البخارى بمعناه)

މާނައީ: "ކީރިތި ޤުރްއާނުގެ މާހިރުން ވަނީ މާތް اللّه ގެ ފޮތްލިޔުއްވާ އަދި ނުހަނު މާތްވެގެންވާ މަލާއިކަތުންނާ އެކުގައެވެ. އަދި އުނދަގޫކަމާއެކު ޤުރުއާންކިޔަވާ އަދި އެ އުނދަގުލުގެ ސަބަބުން ޤުރްއާން ދަސްކުރުމާއި ކިޔެވުން، އެމީހަކަށް ދަތިކަމަށްވާ މީހުންނަށް ދެގުނަ ޘަވާބު ހުއްޓެވެ."

މި ޙަދީޘުގައި ބަޔާންކުރައްވާފައިވާ އެއްކަމަކީ ކީރިތި ޤުރްއާނުގެ މާހިރުންގެ ދަރަޖަ މަތިވެރިކަމެވެ. ޤުރްއާނުގެ ޙާމިލުން ކަމުގައިވާ އަދި އެބޭކަލުންގެ އަތްޕުޅުގައި އެ ޠާހިރު ފަތްފުށްތައްވާ މަލާއިކަތުންގެ އަރިހުގައިވުމުގެ ނަޞީބު އެމީހުންނަށް ލިބޭނެކަމެވެ. ދެވަނަކަމަކީ ކީރިތި ޤުރްއާނަށް ފަރިތަނުވުމުގެ ސަބަބުން ނުވަތަ ދޫތުރާކަމާހުރެ ފަރިތަކަމާއެކު ޤުރްއާން ކިޔަވައިނުއުޅެވޭ ޙާލުގައިވެސް އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކުރާ މީހަކަށް ޤުރްއާން އާދައިގެ ގޮތަކަށް ކިޔަވައިއުޅޭ މީހަކަށް ލިބޭ ދަރުމައިގެ ދެގުނަ ލިބޭނެކަމެވެ. އިތުރު ސާހިބާގެ މި ޙަދީޘްފުޅުން ދީނުގެ ހުރިހާ އަޅުކަމަކާއި، ދީނީ ހުރިހާ ޚިދުމަތްތަކެއް ނުކުޅެދުންތެރިކަމާއި ތުރާތަކާއެކު ފުރިހަމަކުރާ މީހުންނާމެދު ޤިޔާސްކުރެވިދާނެއެވެ.

މިގޮތުން އިސްލާމްދީން ވަނީ ބަލިމީހުންނާއި ނުކުޅެދޭ މީހުންގެ ކިބައިގައި ދީނީ ޚިދުމަތަށް އިތުރު ޝައުޤުވެރިކަމެއް އުފައްދައިފައެވެ. ފޯރިއާއި ޖޯޝާއެކު ދީނީ ޚިދުމަތްތަކަށް ކުރިމަތިލުމަށް ދަހިވެތިކުރުވައިފައެވެ. ނަތީޖާއެއްގެ ގޮތުން ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެވަޑައިގަތުމަށް ޞަޙާބީންގެ ހިތްޕުޅުގައި އުފެދިފައި އޮންނަ ޝައުޤުވެރިކަން ބަޔާންކުރައްވައި عبد اللّه بن عباس رضى اللّه عنهما ވިދާޅުވެފައިވެއެވެ.

"إِنْ كَانَ الْمَرِيضُ لَيَمْشِي بَيْنَ رَجُلَيْنِ حَتَّى يَأْتِيَ الصَّلَاةِ" (مسلم، كتاب المساجد)

"ބަލިމީހުންވެސް ދެމީހެއްގެ ދޭތެރޭގައި ތިބެގެން (އެމީހުންގެ އެހީގައި) ނަމާދުގެ ޖަމާޢަތަށް އަންނަކަމުގައިވެއެވެ."

އެހެން ރިވާޔަތެއްގައި މި ވާހަކަތައް އައިސްފައިވަނީ އަންނަނިވި ލަފުޒުތަކުންނެވެ.

"وَلَقَدْ كَانَ الرَّجُلُ يُؤْتَى بِهِ يُهَادَى بَيْنَ الرَّجُلَيْنِ حَتَّى يُقَامَ فِي الصَّفِّ" (مسلم، كتاب المساجد)

"ދެމީހުންގެ ދެމެދުގައި ބަހައްޓައިގެން (އެހީވެދީގެން) މީހުންގެނެސް ސަފަށް ވައްދައެވެ."

عمرو بن أمّ مكتوم رضى اللّه عنه ގެ ވާހަކަ އިސްވެދިޔަ ތާނގައި ވަނީ ބަޔާންކުރެވިފައެވެ. ލޯފަން ބޭކަލަކަށް ވެވަޑައިގަތުމާއެކުވެސް އެކަލޭގެފާނު ޤާދިސިއްޔާގެ ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ޝަހީދުވީ ޤާދިސިއްޔާގެ ހަނގުރާމައިގައެވެ. (ابن عبد البر الاستيعاب: 3 /276)

މުޖުތަމަޢުގެ މަސްއޫލިއްޔަތު

އިސްލާމްދީން ނުކުޅެދޭ މީހުންގެ ކިބައިގައި އަމިއްލަ ނަފުސުގެ އިތުބާރާއި ޢަޒުމާއި ހިންމަތްތެރިކަން އުފެއްދި ފަދައިން މުޖުތަމަޢަށްވެސް ނުކުޅެދޭ މީހުންނާމެދު މުޖުތަމަޢުގެ ޙައްޤުތަކެއްވާކަން ހަނދާންކޮށްދިނެވެ. އިސްލާމްދީން މުޖުތަމަޢަށް އަންގައިފައިވަނީ އެ ޒިންމާތައް އަދާކުރުމަކީ މީހަކަށް އިޙްސާންތެރިވުމެއް ނޫންކަމަށެވެ. އަދި ކީއްތޯއެވެ. ތިމާމެންގެ ވާޖިބެއް އަދާކުރުންކަމެވެ.

ޤަދަރުވެރި މަޤާމެއް ހޯދައިދިނުން

ނުކުޅެދޭ މީހުންނާމެދު މުޖުތަމަޢުގައި ޢާންމުކޮށް ބެލެވެނީ ނިކަމެތިކަމުގެ ނަޒަރަކުންނެވެ. ޤަދަރު ކުޑަކޮށްލުމުގެ ބެލުމަކުންނެވެ. ނަމަވެސް އިސްލާމްދީން ދަސްކޮށްދެނީ ނުކުޅެދޭ މީހުންނަށް ކަމޭހިތުމަށެވެ. މާތްކޮށްހިތުމަށެވެ.

އިތުރު ސާހިބާ صلّى اللّه عليه وسلّم ގެ މައްކީ ދައުރުގެ ކުރީކޮޅުގެ ޙާދިޘާއެކެވެ. އިތުރު ސާހިބާ މައްކާގެ މުޝްރިކުންގެ ބޮޑުންނާ ދީނުގެ ވާހަކަފުޅު ދައްކަވަން ޙަރަމްފުޅުގެ ތެރޭގައި އިންނެވިއެވެ. އިތުރު ސާހިބާގެ ހިތްޕުޅުގެއަޑީގެ އެދިވަޑައިގަތުމަކީ އެއިގެތެރެއިން މީހަކަށް ތެދުމަގު ފެނުމެވެ. އެމީހެއްގެ ސަބަބުންވެސް އިސްލާމްދީނަށް ގަދަކަމެއް ލިބުމެވެ. ކައުސާހިބާ އެ މަޖިލިސްގައި އިންނަވަނިކޮށް عمرو بن أمّ مكتوم رضى اللّه عنه އެތަނަށް ވަޑައިގެންނެވިއެވެ. ޢަރަބީންގެ ކިބުރުވެރި ބޮޑުން ލޯފަންމީހަކާއެކު މަޖިލިސްކުރަން ނުރުހޭނެތީ އެކަމާމެދު އިތުރު ސާހިބާގެ ހިތްޕުޅުގައި ކަންބޮޑުވެވަޑައިގަތުމުގެ ޝުޢޫރެއް އުފެދުނެވެ. އެހެންކަމުން އެވަގުތު عمرو އެތަނަށް ވަޑައިގެންނެވީތީ އެކަމާ ނުރުހުންވެވަޑައިގެންނެވިއެވެ.

ނަމަވެސް އިތުރު ސާހިބާ صلّى اللّه عليه وسلّم ގެ ހިތްޕުޅުގައި ނުކުޅެދޭ މީހަކާމެދު އެހައި ކުޑަކުޑަ ނުގަބޫލުފުޅުކަމުގެ އަސަރެއް ހިންގުމުން އެކަމާވެސް މާތް اللّه ރުހިވޮޑިއެއް ނުގެންނެވިއެވެ. އެކަލާނގެ ރަސޫލާއާ މުޚާޠަބުކުރައްވައި ކީރިތި ޤުރްއާނުގައި ނަސޭހަތުގެ ބަސްފުޅުތަކެއް ވަޙީކުރެއްވިއެވެ.

عَبَسَ وَتَوَلَّى * أَنْ جَاءَهُ الْأَعْمَى * وَمَا يُدْرِيكَ لَعَلَّهُ يَزَّكَّى * أَوْ يَذَّكَّرُ فَتَنْفَعَهُ الذِّكْرَى * أَمَّا مَنِ اسْتَغْنَى * فَأَنْتَ لَهُ تَصَدَّى * وَمَا عَلَيْكَ أَلَّا يَزَّكَّى * وَأَمَّا مَنْ جَاءَكَ يَسْعَى * وَهُوَ يَخْشَى * فَأَنْتَ عَنْهُ تَلَهَّى * كَلَّا إِنَّهَا تَذْكِرَةٌ * فَمَنْ شَاءَ ذَكَرَهُ (عبس: ١ – ١٢)

"އެކަލޭގެފާނު (އެބަހީ: محمـّد ގެފާނު) ހިތްޕުޅާނުވުމުގެގޮތް މޫނުފުޅުން ދައްކަވައި (އަނެއްފަރާތަށް) އެނބުރިވަޑައިގަތެވެ. ލޯފަންމީހާ އެކަލޭގެފާނުގެ އަރިހަށް އައުމުންނެވެ. އަދި އޭނާ ކުށްތަކުން ސާފުވެ، طاهر ވެދާނެކަން، ނުވަތަ އޭނާ ހަނދުމަކޮށް، ދެން އެ ހަނދުމަކުޅައުން އޭނާޔަށް މަންފާކޮށްފާނެކަން ކަލޭގެފާނަށް އަންގައިދެނީ ކޮން އެއްޗެއްތޯއެވެ؟ އެމީހާ އަމިއްލަޔަށް ފުދިގެންވާކަމަށް ދެކޭ މީހާ ދަންނާށެވެ! ފަހެ، ކަލޭގެފާނު އެމީހަކާ ކުރިމަތިލައްވަމުއެވެ. އެމީހަކު (كافرކަމުން) طاهرނުވުމަކުން، ކަލޭގެފާނުގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ބިރުވެތިވާ حال، ކަލޭގެފާނުގެ އަރިހަށް ހިނގަމުންއައި މީހާ ދަންނާށެވެ! ފަހެ، އެމީހާއާ ކަލޭގެފާނު އަޅައިނުލައްވައި مشغولވެވަޑައިގަންނަވަމުއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން އެ އާޔަތްތަކަކީ، ހަނދުމަކޮށްދިނުމެކެވެ. ފަހެ ބޭނުން މީހަކު އެ ޤުރްއާން ހަނދުމަކުރާހުށިކަމެވެ."

އިސްލާމްދީން ޞަރީޙްކޮށް ޢިޢުލާންކުރީ މާތް اللّه ގެ ޙަޟްރަތުގައި ޢިއްޒަތާއި ޝަރަފުގެ މިންގަނޑަކީ މީހުންގެ ބޭރުފުށުގެ ރީތި ބުރުސޫރައާއި ދުޅަހެއިކަމެއް ނޫންކަމެވެ. މުދާވެރިކަމާއި ފައިސާވެރިކަމެއްވެސް ނޫންކަމެވެ. އަދި ކީއްތޯއެވެ؟ މީހުންގެ މާތްކަމާއި ޝަރަފުވެރިކަމުގެ މިންގަނޑަކީ ތަޤްވާވެރިކަމާއި، ޚުލްޤުތަކުގެ މާތްކަމާއި ޝަޚްޞިއްޔަތުގެ ޠާހިރުކަންކަމެވެ. ތިމާމެންގެ މުއްސަނދިކަމާއި ދަރަޖަމަތިވެރިކަމުގެ ސަބަބުން ބޮޑާވެ ތިމާމެންނަށް ހިދާޔަތަކަށް ބޭނުން ނޫންކަމަށް ދެކޭ ކަޅިރަވަ ރީތި ޞިއްޙަތު ރަނގަޅު މީހުންނަށްވުރެ، ޙައްޤު ހޯދުމަށާއި ތިމާގެ ނަފްސު އިޞްލާޙްކޮށް ތަޤްވާވެރިކަން ޚިޔާރުކުރަން އެދޭ ލޯފަން މީހާގެ ދަރަޖަ މާމަތިވެރިކަމެވެ. މާތް اللّه އަށް އުރެދިފައިވާ ބޯހަރު ޖައްބާރުންނަށްޓަކައި މާތް اللّه ގެ އަޅުންކުރެ ނުކުޅެދޭ މީހުނާމެދު ފަރުވާކުޑަކުރުމަކީ ރަނގަޅުކަމެއް ނޫންކަމެވެ.

ނުކުޅެދޭ މީހުންގެ ކިބައިގައި ޢާންމު ގޮތެއްގައި ތިމާމެންގެ ނިކަމެތިކަމުގެ އިޙްސާސެއް ހުރެއެވެ. އެހެންކަމުން އެހެން މީހުނާ ބައްދަލުވެ އެކުގައި ކައިބޮއިހަދަން އެބައިމީހުން ޖެހިލުންވެއެވެ. އިސްލާމްދީން ވަނީ އެބައިމީހުންގެ ހިތްތަކުގައި އޮންނަ ނިކަމެތިކަމުގެ އިޙްސާސް ނައްތައިލުމަށްވެސް ބާރުއަޅައިފައެވެ. އެ އިޙްސާސް ދެމިހުރެއްޖެނަމަ އެބައިމީހުންނަށް އިސްނަގައި ކުރިޔަށް ނިކުމެއުޅެން ފަސޭހަނުވާނެތީއެވެ. ސަލާމަތް ޞިއްޙަތުގައި ތިބޭ ގުނަވަންތައް ފުރިހަމަ މީހުންނާއެކު އެއްސަފެއްގައި ހުއްޓިތިބެން ނުކެރޭނެތީއެވެ. އެހެންކަމުން ކީރިތި ޤުރްއާނުގައި އިޖުތިމާޢީ ޙުކުމްތަކެއްގެ ތެރޭގައި ވަޙީކުރައްވައިފައިވެއެވެ.

لَيْسَ عَلَى الْأَعْمَى حَرَجٌ وَلَا عَلَى الْأَعْرَجِ حَرَجٌ وَلَا عَلَى الْمَرِيضِ حَرَجٌ (النّور: ٦١)

މާނައީ: "(އެކަކު އަނެކަކާއެކު ކައިބޮއިއުޅުމުގައި) ކަނުމީހާގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ކޮރުމީހާގެ މައްޗަކަށްވެސް ކުށެއް ނެތެވެ. އަދި ބަލިމީހާގެ މައްޗަކަށްވެސް ކުށެއް ނެތްމެއެވެ."

މަތީގައި ބަޔާންކުރެވިފައިވާ އާޔަތުން އެނގޭ ގޮތުގައި ނުކުޅެދޭ މީހުންނާއި ބަލިމީހުންނަށް ވަނީ އެބައިމީހުންގެ އެކުވެރީންނާއި ގާތްތިމާގެ މީހުންގެ ގޭގެއަށް ގޮސްއައިސްއުޅުމާއި އެބައިމީހުންނާއެކު ކައިބޮއިއުޅުމުގެ ފުރިހަމަ މިނިވަންކަން ލިބިފައެވެ. އިސްލާމްދީނުގައި އެބައިމީހުންނަށް އެއްވެސް މަނާކުރުމެއް ނެތްއިރު އެބައިމީހުން އެއްވެސް ވަރަކަށް ޖެހިލުންވާކަށެއް ނުޖެހެއެވެ. އެބައިމީހުންނަކީ މުޖުތަމަޢާ އެކަހެރިކޮށްލެވިފައިވާ ބަޔެއް ނޫނެވެ. އަދި ކީއްތޯއެވެ. އެބައިމީހުންނަކީވެސް މުޖުތަމަޢުގެ ޙިއްޞާއެކެވެ. އެހެންކަމުން އެބައިމީހުންނަށް އެހެން މީހުންނާ ހަމަހަމަ ގުޅުންތަކެއް ބޭއްވިދާނެއެވެ.

ބަލިމީހުންނާއި ނުކުޅެދޭ މީހުންނާ ބައްދަލުވެ އެކުއުޅުމަށާއި އެކުގައި ކައިބޮއިއުޅުމަށް ބައެއް މީހުން ހިތްހަމައެއް ނުޖެހެއެވެ. އެކަމާ ފަކުރުގަނެއެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށްވެސް އެވަނީ ތަންޤީދުކުރައްވައިފައެވެ. ނުކުޅެދޭ މީހުން ތިމާމެންގެ ތެރެއަށް އައިސްގޮސްއުޅުމަކީ އެއްވެސް ބަޔަކު ފޫހިކަމެއް ބާއްވަންޖެހޭ ކަމެއް ނޫންކަން އަންގަވައިފައެވެ. އެއީ އެބައިމީހުންނަށް ލިބިގެންވާ ޙައްޤެއްކަން ބަޔާންކުރައްވައިފައިވެއެވެ. މުޖުތަމަޢުގެ އެހެންމީހުންގެ ވާޖިބަކީ ބަލިމީހުންނާއި ނުކުޅެދޭ މީހުންނަށް ޚިދުމަތްކުރުމެވެ. އެބައިމީހުން ފައްސައި ދުރުކޮށްލުމެއް ނޫނެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.