މިއަދަކީ މިހާރު ރާއްޖޭގައި ޢަމަލުކުރަމުން ގެންދާ "ފެހި" ޤާނޫނުއަސާސީ ނުވަތަ ޙަޤުތަކުގެ ޤާނޫނުއަސާސީ އަށް ޢަމަލުކުރަން ފެށިތާ 10 އަހަރު ފުރޭ ދުވަހެވެ. މިހާރު ޢަމަލުކުރަމުންގެންދާ ޤާނޫނުއަސާސީ ތަސްދީޤްކުރެއްވީ 2008 އަހަރުގެ އޯގަސްޓް މަހު ހަތްވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު ޢަބްދުލް ޤައްޔޫމެވެ.
ރާއްޖޭގެ ޤާނޫނު އަސާސީގެ ތާރީޚް
ރާއްޖޭގައި ފުރަތަ ފަހަރަށް ޤާނޫނުއަސާސީއެއް އެކުލަވާލާ ޢަމަލުކުރަން ފަށްޓައިފައި ވަނީ 86 އަހަރު ކުރިންނެވެ. އެއީ 22 ޑިސެމްބަރ 1932 ގައެވެ. 29 މާއްދާގެ މައްޗަށް އެކުލެވޭ އެ ޤާނޫނުއަސާސީ ތަސްދީޤް ކުރެއްވީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ރަދުންނެވެ. މިހާރު ޢަމަލުކުރުމުންދަނީ ރާއްޖޭގެ ފަނަރަ ވަނަ ޤާނޫނު އަސާސީއަށެވެ. ނުވަތަ ފަނަރަ ވަނައަށް އިޞްލާހު ކުރެވުނު ޤާނޫނު އަސާސީއަށެވެ.
ޤާނޫނު އަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް ފެށުން
ރައީސް މަޢުމޫނުގެ ވެރިކަމުގައި ސަތާރަ އަހަރުން އިޞްލާޙުކޮށް ޢަމަލުކުރަން ފެށި ޤާނޫނުއަސާސީ އަލުން އިޞްލާޙުކުރެއްވުމަށް ނިންމެވިކަން އެމަނިކުފާނު އިޢުލާން ކުރެއްވީ 2004 ވަނަ އަހަރު ތެރޭގައި އެމަނިކުފާނު ފެށްޓެވި އިޞްލާޙީ އެޖެންޑާގެ ދަށުންނެވެ. މި އިސްލާޙީ އެޖެންޑާ އަކީ އޭރުގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުން ދިޔަ ފަރާތްތަކުން އެމަނިކުފާނުގެ ސަރުކާރަށް ކުރިމަތިކުރި ޕްރެޝަރާއެކު ފެށްޓެވި މަސައްކަތް ތަކެކެވެ.
ޤާނޫނުއަސާސީ އިޞްލާހު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ޚާއްޞަ މަޖިލީސް އެއްކުރެއްވީ 2004 ވަނަ އަހަރުގެ ޖުލައިމަހުގެ 19 ގައެވެ. އެޤާނޫނުއަސާސީ ތަސްދީޤްކުރެއްވީ ޚާއްޞަ މަޖިލީސް އެއްކުރެއްވިތާ ހަތަރު އަހަރާއި 19 ވަނައަށް ވީދުވަހުއެވެ.
ޚާއްޞަ މަޖިލީހުގެ މަސައްކަތް ފެށުން
ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް އެކުލަވާލެއްވި ޚާއްޞަ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވީ 2004 ވަނަ އަހަރުގެ ޖުލައިމަހުގެ 19 ވަނަ ދުވަހުއެވެ. އެޖަލްސާގެ އެޖެންޑާގައި އޮތީ ޚާއްޞަ މަޖިލީހުގެ ރައީސާއި ނާއިބް ރައީސް އިންތިޚާބު ކުރުމެވެ. ނަމަވެސް އެ ވޯޓް ނަގާނީ ސިއްރުންތޯ ނުވަތަ ހާމަކޮށްތޯ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވެ ބައެއް މެމްބަރުން ރިޔާސަތާ ދެކޮޅަށް ނިޒާމީ ނުކުތާ ނަންގަވައި އިޙްތިޖާޖު ކުރެއްވިއެވެ. ރިޔާސަތާ ދެކޮޅަށް އިޙްތިޖާޖުކުރެއްވި މެމްބަރުން އެންމެ ފަހުން ޖަލްސާ ދޫކުރައްވައި ރައީސް އޮފީސް ކައިރިއަށް ވަޑައިގެންނެވިއެވެ. އެހެންކަމުން އެޖަލްސާ ކުރިއަށް ނުގެންދެވުނެވެ. ޚާއްޞަ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ދެވަނަބައި ކުރިއަށް ގެންދެވީ ގާތްގަޑަކަށް ދެމަސް ދުވަސް ފަހުންނެވެ. އެޖަލްސާ ބޭއްވީ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި ހުންނެވި، ރައީސް މައުމޫނުގެ ކޮއްކޯފުޅު ޢަބްދުﷲ ޙަމީދު އެ މަޤާމުން ވަކިކުރައްވައި ސީނާ އަޙުމަދު ޒާހިރު މަޖިލީހުގެ ރައީސްކަމަށް އައްޔަން ކުރެއްވުމަށް ފަހުއެވެ. އޭރުގެ ޤާނޫނުއަސާސީގައި ބުނާ ގޮތުން ޚާއްޞަ މަޖިލީހުގެ ރައީސާއި ނާއިބް ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. ފުރަތަމަ ޖަލްސާގެ ދެވަނަބައިގައި ހާމަ ވޯޓަކުން ޚާއްޞަ މަޖިލީހުގެ ރައީސާއި ނާއިބްރައީސް އިންތިޚާބު ކުރެވުނެވެ. ރައީސަކަށް އިންތިޚާބުވެ ވަޑައިގެންނެވީ ގދ. އަތޮޅު މެމްބަރު ޢައްބާސް އިބްރާހީމެވެ. ނާއިބްރައީސަކަށް އިންތިޚާބުވެވަޑައިގެންނެވީ ރ. އަތޮޅު މެމްބަރު ޝާހީން ޙަމީދެވެ.
ޚާއްޞަ މަޖިލީހުގެ ފުރަތަމަ މަސައްކަތަކީ ޤަވާޢިދު އެކުލަވާލުމެވެ. އެއްމަސްދުވަހުގެ ތެރޭގައި އެކުލަވާލެއްވި ޤަވާޢިދުގެ ޑްރާފްޓަށް މަޖިލީހުގެ މެމްބަރުން ހުށަހެޅި އިޞްލާޙްތަކާއެކު ފާސްކުރުމަށް އަހަރު ދުވަސް ވިއެވެ.
ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް ކުރިއަށް ދިޔައިރު އެންމެ ގިނަ ދުވަސް ތަކެއް ވެފައި ވަނީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ބަހުސުގައެވެ. މަޖިލީހުން ގޮތެއް ނުނިންމި، ވެރިކަމުގެ ނިޒާމު ކަނޑައަޅާނެ ގޮތެއް ނިންމައިފައިވަނީ ރައްޔިތުންގެ ވޯޓުންނެވެ. ރައްޔިތުން ނިންމީ ދިވެހިރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމެއް ކަމުގައެވެ. އެެއީ އޭރުގެ ސަރުކާރުން ވެސް ބޭނުންވި ނިޒާމެވެ. ސަރުކާރާ ދެކޮޅު ފަރާތްތަކުން ބޭނުންވީ ބަރުލަމާނީ ނިޒާމެވެ.
ރިޔާސަތަށް ކުރިމަތިވި ގޮންޖެހުންތައް
ޚާއްޞަ މަޖިލީހުގެ މަސައްކަތް ކުރަމުން ދިޔައިރު އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ ރިޔާސަތަށޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. މައްސަލަ ތަކުގައި ޚިޔާލުތަފާތުވެ ޖަލްސާތައް ކުރިއަށް ނުގެންދެވި ހުއްޓާލަން އެތައް ފަހަރަކު ޖެހުނެވެ. އެެހެންކަމުން އޭރުވެސް މެންބަރުންގެ އެންމެ ބޮޑު ފާޑު ވިދާޅުވުންތައް ކުރިމަތި ވަމުން ދިޔައީ މަޖިލީހުގެ ރިޔާސަތަށެވެ. އެމަޖިލީހުގެ ފުރަތަމަ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓް ދެފަހަރަށް ނެގިއެވެ. ނަމަވެސް އެ ދެފަހަރުވެސް އެމަޖިލީހުގެ ރައީސް ވަނީ ވޯޓް ކާމިޔާބު ކުރައްވައިފައެވެ. ނަމަވެސް ދެވަނަ ފަހަރަށް ނެންގެވި އިތުބާރު ނެތްކަމުގެ ވޯޓަށް ފަހު ރައީސްކަމުން ޢައްބާސް އަމިއްލަފުޅަށް އިސްތިއުފާ ދެއްވިއެވެ. ނާއިބް ރައީސް ޝާހީން ޙަމީދުގެ އިތުބާރު ނެތް މައްސަލަ ވެސް ހުށަހެޅުނެވެ. އެހެން ނަމަވެސް އެ ހުށަހެޅުން އަނބުރާ ގެންދެވުމުން އެވޯޓް ނަގާކަށް ނުޖެހުނެވެ.
ޢައްބާސް އިބްރާހީމް އިސްތިއުފާ ދެއްވުމުން އެމަޖިލީހުގެ ރައީސަކަށް އިންތިޚާބު ކުރެއްވީ ޚާއްޞަ މަޖިލީހުގެ އދ. އަތޮޅު މެމްބަރު ޤާސިމް އިބްރާހީމެވެ.
ޤާނޫނު އަސާސީގެ ބާބުތަކުގެ މަސައްކަތްތައް
ޤާނޫނު އަސާސީ އިޞްލާހު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދެވި ގޮތަށް ބަލާއިރު އެންމެ ފުރަތަމަ ގެންދެވީ އަސާސީ އުޞޫލުތަކާއި ސިފަތަކަށް ބަހުސް ކުރެއްވުމެވެ. ބާބުތަކުގެ ޑްރާފްޓް އެކުލަވާލައްވަމުން ގެންދެވީ އަސާސީ ސިފަތަކާއި އުޞޫލުތަކަށް ރިޢާޔަތް ކުރައްވައިގެންނެވެ. ބާބުތައް ޑްރާފްޓް ކުރައްވަމުން ގެންދެވީ އެކަމަށް އެކުލަވާލެއްވި ޑްރާފްޓިން ކޮމެޓީންނެވެ. ޑްރާފްޓިން ކޮމެޓީގެ ރައީސަކީ މާލޭ މެންބަރު އިބްރާހީމް އިސްމާޢީލެވެ. ޑްރާފްޓް އެކުލަވާލަމުން ގެންދެވީ ޚާއްޞަ ޑްރާފްޓިން ޕެނަލެއްގެ ފަންނީ އެހީތެރިކަމާ އެކުގައެވެ. ޑްރާފްޓިން ޕެނަލްގެ އިތުރުން ރާއްޖެއިން ބޭރުގެ ފަންނީ ދެމާހިރުންގެ ލަފާވެސް ވަނީ ޤާނޫނު އަސާސީގެ ބާބުތައް ޑްރާފްޓް ކުރުމުގައި ހޯއްދަވައިފައެވެ.
ބާބުތައް ފާސްކުރައްވައިފައި ވަނީ ޑްރާފްޓިން ޕެނަލުން އެކުލަވާލި ޑްރާފްޓް އަސްލަކަށް ބައްލަވައި އެއަށް އިސްލާހު ހުށަހަޅައިގެން، ބައެއް ބަދަލުތައް ގެނެސްގެންނެވެ. މަޖިލީހުން ފާސްކުރުމުގެ ކުރިން ނުރަސްމީ ބައްދަލުވުންތައް ބާއްވާ ހުށަހެޅުނު އިސްލާހުތަކަށް ޚިޔާލު އެއްގޮތް ކުރެއްވިއެވެ.
ސުންގަނޑި ކަނޑައަޅައިގެން މަސައްކަތް ކުރުން
ޚާއްޞަ މަޖިލީހުގެ މަސައްކަތް ފެށިތާ ތިން އަހަރެއްހާ ދުވަސް ފަހުން ޤާނޫނު އަސާސީ އިޞްލާހުކުރުމަށް ސުންގަޑިއެއް ކަނޑަ އަޅައިގެން މަސައްކަތް ފެށްޓެވިއެވެ. ދެހާސް ހަތްވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ޤާނޫނުއަސާސީ އިޞްލާހު ކުރުމުގެ މަސައްކަތް ނިންމުމަށް ކަނޑަ އެޅިއެވެ. އެ ސުންގަޑިއަށް މަސައްކަތް ނުނިމުމުން މަޖިލީހުގެ ބޮޑު އަޚްލަބިއްޔަތަކުން އެއަހަރުގެ ނޮވެމްބަރަށް މަސައްކަތް ނިންމުމަށް ފާސްކުރެއްވިއެވެ. އެ ފާސް ކުރުމާ ގުޅިގެން ޚާއްޞަ މަޖިލީހުގެ ޖަލްސާތަކުގެ ޢަދަދު އިތުރުކޮށް ދުވާލަކު ތިން ޖަލްސާ ބާއްވައިގެން ޤާނޫނު އަސާސީގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. ނަމަވެސް އެ ސުންގަޑި ހަމަވިއިރުވެސް ތިން ބާބެއްގެ ޑްރާފްޓް ނުނިމި އޮތެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ބާބާއި އިންތިޤާލީ ބާބާއި މާނަކުރުމުގެ ބާބެވެ. ޚާއްޞަ މަޖިލީހުގެ ޖަލްސާތައް އެންމެ ހޫނުވެގެން ގޮސްފައިވަނީ ރައީސުލްޖުމުހޫރިއްޔާގެ ބާބާއި އިންތިޤާލީ ބާބުގެ މަސައްކަތުގައެވެ.
ޤާނޫނު އަސާސީ ފާސްކުރުން
ހުރިހާ ބާބުތަކެއް ޑްރާފްޓްކުރުމަށްފަހު އޮތީ ކުށްފިލުވުމެވެ. ޤާނޫނު އަސާސީގެ ކުށް ފިލުވުމަށް ދެމަހެއްހާ ދުވަސް ވިއެވެ. ޤާނޫނުއަސާސީ ކުށް ފިލުވުމަށްފަހު ފާސްކުރެއްވީ 2008 ވަނަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހުއެވެ. މުޅި ޤާނޫނުއަސާސީ އެއްކޮށް ވޯޓަށް އައްސަވައި ފާސްކުރެއްވީ ޚާއްޞަ މަޖިލީހުގެ 272 ވަނަ ޖަލްސާގައެވެ. ޤާނޫނުއަސާސީ ފާސްކުރުމަށް ވޯޓަށް އެއްސެވި އިރުވެސް ގިނަ މެމްބަރުން ތިއްބެވީ އެ ޤާނޫނު އަސާސީގައި މައްސަލަތައް ހުރިކަން ފާހަގަ ކުރައްވައި ނިޒާމީ ނުކުތާ ނަންގަވައިގެންނެވެ. ނަމަވެސް އެއްވެސް މެންބަރަކަށް ފުރުޞަތު ނުދެއްވާ ރިޔާސަތުން ވޯޓްގެ ކަންތައް ކުރިއަށްގެންދެވީއެވެ. ބައެއް މެންބަރުން ވިދާޅު ވަމުން ގެންދެވީ ޤާނޫނު އަސާސީއެއްގައި ހުންނަން ނުޖެހޭ އެތައް ވާހަކައެއް މި ޤާނޫނު އަސާސީގައި އެބަހުރިކަމަށާއި، ބޮޑަށް ވައްތަރީ ޤާނޫނު އަސާސީއެއްގެ ޝަރަޙައަކާ ކަމުގައެވެ. މިއިން އެއްވެސް ވާހަކައެއް ރިޔާސަތުން އަޑެއް ނޭއްސެވިއެވެ. ޤާނޫނު އަސާސީ ފާސްވެގެން ދިޔައީ އެދުވަހުގެ ޖަލްސާއަށް ވަޑައިގެންނެވި 94 މެންބަރުންގެ ތެރެއިން 67 މެންބަރުންގެ ވޯޓުންނެވެ. ފަސް މެންބަރުން ޤާނޫނު އަސާސީއާ ދެކޮޅަށް ވޯޓް ދެއްވިއެވެ. ވަކި އަތަކަށް ޖެހި ވަޑައި ނުގެން 15 މެމްބަރުން ވޯޓް ދެއްވިއެވެ.