ރާއްޖޭގެ ވެރިކަމާ ރައީސް ހަވާލުވިއިރު ރާއްޖެ ދިޔައީ އިސްލާމީ ދުނިޔެއާ ވަކިވަމުން: ޝަހީމް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖެ ދިޔައީ އިސްލާމީ ދުނިޔެއާ ވަކިވެ ބެހެމުން ކަމަށް އެމަނިކުފާނުގެ އިންތިޚާބީ ބައިވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވެރިކަމުގެ ޒައާމަތާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ވަނީ އަލުން ރާއްޖެ އިސްލާމީ އުންމަތާ ގާތްކުރައްވައި ރަހުމަތްތެރިކަން ގާއިމް ކުރައްވައިފައިކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އެމަނިކުފާނަކީ އެކަން ދެކެވަޑައިގެން އެކަން ތަޖުރިބާ ކުރެއްވީ ބޭފުޅެއް ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ކެބިނެޓުގައި ވަރަށް ޝައުގުވެރި ކަމާއެކު މަސައްކަތް ކުރައްވަމުން އެމަނިކުފާނު ގެންދަވަނިކޮށް ފަހަތަށް ފިޔަވަޅެއް އަޅުއްވަން ޖެހިވަޑައިގެންނެވި ކަމަށް ޝަހީމް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެބޭފުޅުންނަކީ ފަހަތަށްޖެހި ކުރިއަށް ވަޑައިގަންނަވާ ބޭފުޅުން ކަމަށެވެ. "އަޅުގަނޑުމެންނަކީ ފަހަށްޖެހި ކުރިއަރައިދާ މީހުން. އަޅުގަނޑުމެންނަކީ ހައްގަށް މަސައްކަތްކުރާ މީހުން. އަޅުގަނޑުމެންނަކީ އިސްލާމްދީނަށްޓަކައި މަސައްކަތްކުރާ ބައެއް،" ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރަސްމީކޮށް އެރުވުމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ.ޝަހީމްވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓަކަށް ވުމަކީ އެމަނިކުފާނު އުންމީދު ކުރެއްވި ކަމެއް ނޫން ކަމަށެވެ. އަދި ދަހިވެތިވި ކަމެއްވެސް ނޫން ކަމަށެވެ. އެހެންނަމަވެސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓަކަށް ވުމަށް އެދިވަަޑައިގެން ރައީސް ޔާމީން ފޯނުކުރެއްވީ އިމްތިހާން ކަރުދާސް ތަކެއް މާކު ކުރައްވަން އިންނަވަނިކޮށް ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އެމަނިކުފާނު އަޅުގަނޑަށް ހުށަހެޅުއްވި ކަމަކީ ދިވެހިރާއްޖެ ކުރިއަރަމުން މިދާ ކުރިއެރުމާއި ދިވެހިރާއްޖެއަށް އަންނަމުން މިދާ ޢުމްރާނީ ތަރައްގީ ކުރިއަރަމުންދާއިރުގައި އިސްލާމީ ގޮތުން ވެސް ރާއްޖެ ތަރައްގީ ކުރެއްވުމަށް ބޭނުންފުޅުވެ ވަޑައިގަންނަވާކަން. އަދި އެކަމުގައި އެމަނިކުފާނަށް އެހީތެރިވެ ދެއްވުމަށް އެދިވަޑައިގެންނެވި،" ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ހުށަހެޅުއްވުމުގެ މަތިވެރިކަމުން އެކަމަށް އެއްވެސް ޝަރުތެއް ކުރިމަތި ކުރުވުމެއްނެތި އެކަން ގަބޫލުކުރެއްވި ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. އިސްލާމީ ދައުލަތެއްގެ ވަލިއްޔުން އަމްރު އިސްލާމްދީނަށް ޚިދުމަތެއް ކޮށްދެއްވުމަށް މީހެއްގެ ކިބައިން އެދިވަޑައިގެންނެވުމުން އެކަމަށް ޝަރުތެއް ކުރިމަތިކޮށްގެން ނުވާނެ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ. އެކަން ގަބޫލު ކުރެއްވީ ރިޔާސީ އިންތިޚާބު ތަނަވަސް އަޣުލަބިއްޔަތުން ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީން ކަމާއެކު ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.