ޓެރަރިސްޓަކަށް ނޫނީ އެމްޑީޕީގެ ޕްރައިމަރީގައި ފުރުސަތުނެތް: ޑރ. ޚަލީލް

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށްޓަކައި ބާއްވާ ރިޔާސީ ޕްރައިމަރީއަށް ކުރިމަތި ލުމުގެ ފުރުސަތު އެޕާޓީން މިއަދު ހުޅުވާލައިފިއެވެ.

އެ ފުރުސަތު ހުޅުވިއިރުވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައި ކެންޕޭންވެސް ފަށްޓަވައިފައެވެ. އެކަމާ ގުޅިގެން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވަނީ އެމްޑީޕީއަށް ބަހުގެ ހަމަލައެއް ރައްދު ކޮށްފައެވެ. އޭނާ ވިދާޅުވެފައިވަނީ "ރާއްޖޭގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ޓެރަރިސްޓަކަށް ނޫނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތެއްނެތް،" ކަމަށެވެ. އޭނާ އެގޮތަށް ވިދާޅުވީ ރައީސް ނަޝީދަށް ނިސްބަތްކޮށް ކަމަށް ބެލެވެއެވެ. އެއީ އެމަނިކުފާނަކީ ޓެރަރިޒަމްގެ ދައުވާ އުފުލި ކޯޓުގައި އެކަން ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ހުކްމް ތަންފީޒު ކުރައްވަން ޖަލުގައި ހުންނެވުމަށްފަހު ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް އެމަނިކުފާނު އެނބުރި ރާއްޖެއަށް ވަޑައެއް ނުގަންނަނަވައެވެ. އެހެން ކަމުން އެމަނިކުފާނު އިންތިޚާބުގައި ވާދަކުރައްވަން ރާއްޖެ ވަޑައިގަންނަވާތަނުން އެނބުރި ޖަލަށް ވަޑައިގަންނަވަން ޖެހުމަކީ ދުރުކަމެއް ނޫނެވެ.

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ އަބްދުﷲ މުހައްމަދު  ރޭ ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ މައްޗަށް އެހުކުމް އޮތްހާ ހިނދަކު ވެރިކަމަށް ކުރިމަތި ލުމުގެ ޝަރުތު ފުރިހަމަ ނުވާކަމުގައެވެ. އޭގެ އިތުރަށް ހޯމްމިނިސްޓަރ އަޒުލީން އަހުމަދު ވެސް ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް ރައީސް ނަޝީދަށް ވާދަކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެވޭ ގޮތް ނުވެއްޖެ ކަމަށްވާނަމަ ދެން އަމަލުކުރައްވާނެ ގޮތް ކަނޑައަޅާނީ އެ ޕާޓީގެ ގައުމީ މަޖިލީހުން ކަމަށް ގަރާރަކުން ވަނީ ފާސްކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.