އިބޫގެ ރަނިންމޭޓަކަށް ފައިސަލް ނަސީމް އިންތިޚާބު ކޮށްފި

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ގެ ރަނިންމޭޓަކު ހޮވަން ޖުމްހޫރީ ޕާޓިއަށް ދިން ފުރުސަތުގައި ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު ފައިސާލް ނަސީލް ދެންމެ އިންތިޚާބު ކޮށްފިއެވެ.

އޭނާ އެމަގާމަށް އިންތިޚާބުކުރީ ޖޭޕީގެ 119 ވަނަ ބައްދަލުވުމުގައި ނެގި ވޯޓަކުންނެވެ. ފައިސަލް ނަސީމް އެމަގާމަށް ހޮވުނީ 15 ވޯޓުންނެވެ. ފައިސަލްއާ އެންމެ ގާތުން ވާދަކުރެއްވި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނަށް ލިބިވަޑައިގެންނެވީ 14 ވޯޓެވެ. އަބްދުﷲ އަމީނަށް ލިބިވަޑައިގެންނެވީ 9 ވޯޓެވެ. ޑރ. ހުސައިން ރަޝީދު ހަސަނަށް ލިބިވަޑައިގެންނެވީ 2 ވޯޓެވެ. ބާތިލް ވޯޓުގެ އަދަދަކީ 1 އެވެ.

ޖޭޕީ ކައުންސިލްގެ 41 މެންބަރުންވަނީ މި ވޯޓުގައި ބައިވެރިވެ ވަޑައިގެންފައެވެ.

އެމަގާމަށް ކުރިމަތި ލުމަށް ޖޭޕީން ހުޅުވައިލި ފުރުސަތުގައި ފައިސަލްގެ އިތުރަށް ކުރިމަތި ލެއްވީ ގާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ ޖޭޕީ މެންބަރު އަލީ ހުސައިނާއި، އެޕާޓީގެ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑެޕިޔުޓީ ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަނާއި، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ އަދި ޖޭޕީގެ ނާއިބު ލީޑަރު އަބްދުﷲ އަމީނެވެ.

މިބޭފުޅުންގެ ތެރެއިން ޖޭޕީގެ ބާނީ ގާސިމް އިބްރާހީމް ތާއީދު ކުރެއްވީ  ވެސް ފައިސަލް ނަސީމަށެވެ. އެހެންނަމަވެސް ގާސިމް ފަހުންވަނީ އެ ތާއީދު އަނބުރައި ގެންގޮސްފައެވެ. ތާއީދު އަނބުރައި ގެންދަވަމުން ގާސިމް ވިދާޅުވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކައުންސިލް މެންބަރުން ބޭނުންވާ ގޮތަކަށް ވޯޓު ދެއްވުމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.