މިއަހަރު ސެޕްޓެމްބަރު 23 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ބާއްވާ މަރުކަޒުތައް ސާވޭ ކުރުމުގެ މަސައްކަތް ފަށައިފި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.
ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ވޯޓުލާ މަރުކަޒުތައް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ކުރިއެކޭ އެއްފަދައިން ސްކޫލްތަކެވެ. ވޯޓުލާ މަރުކަޒުތައް ކަނޑަނޭޅި ލަސްވެފައިވަނީ ސްކޫލްތަކުގައި ތަފާތު އެގްޒާމްތައް ކުރިއަށްދިޔަ ދުވަސްވަރަކާއި އެތަންތަން ހޯދަން މަސައްކަތްކުރި ދުވަސްވަރާ ދިމާވުމުންނެވެ.
"ވޯޓުލާ މަރުކަޒުތައް ހަމަޖެހި އެ ތަންތަން ސާވޭ ކުރުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެން ކުރިއަށް މިގެންދަނީ. މާދުވަހެއް ނުވެ ސާވޭގެ މަސައްކަތްތައްވެސް ނިމިގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތުގެ 85 އިންސައްތަ މިހާރު ވަނީ ނިމިފައި ކަމަށެވެ. މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ ޖުލައި 15 ގައެވެ.
މިހާތަނަށް އިންތިޚާބުގައ ވާދަކުރާނެ ކަމަށް އިއުލާން ކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީނާއި، ރައީސް ނަޝީދާއި، އުމަރު ނަސީރާއި، ސުޖާއު ހުސައިނެވެ.