އިދިކޮޅުން މިފަހަރު ވެރިކަމަށް އަންނަންޖެހޭނީ އެމްޑީޕީއަށް ވެރިކަން ކޮށްދޭކަށްނޫން: ރައީސް

މި ފަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ފަރާތްތަކުން ނުކުންނަން ޖެހޭނީ ހަމައެކަނި އެމްޑީޕީގެ މީހުންނަށް ވެރިކަންކޮށްދޭން ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް އެރުވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އެބޭފުޅުން މިފަހަރު ވަޑައިގަންނަވަންވާނީ ހަމައެކަނި އެމްޑީޕީ މީހުންނަށް ވެރިކަން ކޮށްދޭކަށް ނޫން. އެހެންވީމާ އެބޭފުޅުން އެބަޖެހޭ ފުރަތަމަ ތާހިރުވާން. ތާހިރުވުމުގައި އެބޭފުޅުން ކުރިން ކޮށްފައިހުރި ކަންތައްތައް އެބަ ރައްޔިތުންނަށް ކިޔައިދޭންޖެހޭ. ރައްޔިތުންގެ ގާތުން މައާފަށް އެދެންޖެހޭ ކަމެއްއޮތިއްޔާ ރައްޔިތުންގެ ދަރުބާރުގައި މައާފަށް އެދެން ކެރެންވާނެ،" ރައީސް ވިދާޅުވިއެވެ.

މިރޭ ރައީސް ވަނީ އިދިކޮޅު ކެންޑިޑޭޓުންނަށް ގިނަ ސުވާލުތަކެއް ކުރައްވައި އެއަށް ޖަވާބުދާރީ ވުމަށް ދަންނަވައިފައެވެ. އެގޮތުން އެއާޕޯޓު ބޭރުގެ ބަޔަކަށް ވިއްކާލަންޖެހުނީ ކީއްވެތޯއާއި، އޭގެ ބަދަލުގައި ދައުލަތުގެ ޚަޒާނާއަށް ކުޑަކުޑަ އެއްޗެއް ލިބިގެންދިޔައީ ކީއްވެތޯ ސުވާލުކުރެވެންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރުގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓުން މިފަދަ ސުވާލުތަކަށް ޖަވާބު ދެއްވަން އެބަޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. "އެބޭފުޅުން އެބަ ވިދާޅުވާންޖެހޭ އިސްލާމީ އުސޫލުތައް ކިހާ ބަދަހިކަމަކާއެކީ ކިހާސާބިތުކަމަކާއެކީ ހިންގައިދޭނެތޯ، އެބޭފުޅުން ވިދާޅުވެދެއްވަން އެބަޖެހޭ އަނެއްކާވެސް އޯލްޓަނެޓިވް ނެރެޓިވްއަކަށް ޖާގައޮތްތޯ ތިމަންނަމެން ސުވާލުކުރާނަންތޯ ނޫންތޯ، އެސުވާލުގެ ޖަވާބު އެބަ ދެއްވަންޖެހޭ. އަދި އެބޭފުޅުން ވިދާޅުވެ ދެއްވަން އެބަޖެހޭ އިސްލާމީ އުސޫލުތައް ހިފަހަޓަވަން ބޭނުންކަމަށް ވަންޏާ މަރުގެ ހުކުމް ތަންފީޒު ކުރާނަންތޯ، ގިސާސް ހިފާނަންތޯ އެއަށް ޖަވާބު ދެއްވަން އެބަޖެހޭ. މިކަންކަމަށް ޖަވާބު ދެއްވަންޖެހޭ ސަބަބަކީ އެބޭފުޅުންގެ ފިކުރަކީ މިފަދަ ކަންކަމަށް ބީރައްޓެހި ފިކުރަކަށްވާތީ،" ރައީސް ވިދާޅުވިއެވެ.

އޭރު ރާއްޖޭގައި ކޮރަޕްޝަން ހިނގާފައިވާ މިންވަރާއި އެމައްސަލަ އެބޭފުޅުންގެ ވެރިކަމުގައި ނުބެލުނީ ކީއްވެތޯ ކުރެވޭ ސުވާލަށް ވެސް ޖަވާބު ދެއްވަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރަށް އަދުލު އިންސާފުގެ ތެރެއަށް "އަތްބާނައިގެން" ސްޕްރީމްކޯޓުން ފެބުރުއަކީ އެކެއްގައި އަމުރެއް ނެރުނީ ކީއްވެތޯ ވެސް ރައީސް ސުވާލު ކުރެއްވިއެވެ. މިއީ ޖަވާބުދެއްވަން ޖެހޭ ކަމެއް ކަމަށާއި އެއްވެސް ސިޔާސީ ލީޑަރަކު އަދުލު އިންސާފުގެ ނިޒާމުގެ ތެރެއަށް އަތްބާނަށް ބޭނުންފުޅު ނުވާކަމަށް  އެމަނިކުފާނު ވިދާޅުވިއެވެ. "އެބޭފުޅުން ވިދާޅުވީ ފެބުރުއަރީ އެކެއްގައި ތިމަންނަމެން އަމުރެއް ނެރުނީމޭ. އެ އަމުރެއް ރައީސް ޔަމީނަށް ކަމަކު ނުދިޔައޭ. އަޅުގަނޑުގެ އަޑަކުންނެއްނޫން އެހެންބުނީ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސެޕްޓެމްބަރު 23 ގައި ބާއްވާ އިންތިޚާބަކީ އިބްރާހީމް މުހައްމަދު ސާލިހާއި އެމަނިކުފާނާ ދެމެދު ބާއްވާ އިންތިޚާބެއް ނޫންކަމަށެވެ. އެއީ ރާއްޖެ ކުރަމުންދާ ދިގުދަތުރުގައި ދިވެހިންގެ ސިފަތަކާއި މަސްލަހަތާއި އިސްލާމް ދީނާއި ގައުމިއްޔަތުގެ ސިފަތަކަށް ބަސް ބުނުމުގެ ހައްގު އޮންނަން ޖެހޭތޯ ބަލަން ނަގާ ވޯޓެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.