ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ދައުލަތުގެ މުދަލާއި، ފައިސާ ބޭނުން ކުރައްވައިގެން ރައީސް އަބްދުﷲ ޔާމިން ކެންޕޭން ކުރައްވަމުން ގެންދަވާ ކަމަށާއި އެހެންވެ އެމައްސަލަ ބަލައިދިނުމަށް ގުޅިފައވާ ޕާޓީތަކުން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފިއެވެ.
ރައީސް ޔާމީން ދެވަނަ ދައުރަކަށް ވެރިކަމަށް އިންތިޚާބު ކުރުމުގައި ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުންވެސް ބޭނުން ކުރާނެ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.
އެހެންވެ ގުޅިފައިވާ ޕާޓީތަކުން ވަނީ އެމައްސަލަ ބަލައި ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފައި ކަމަށް އެމްޑީޕީން ބުންޏެވެ.
ގުޅިފައިވާ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވަނީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުޙައްމަދު ސާލިހު ޖަވާބުދާރީވެވަޑައިގަންނަވާން ޖެހޭ ސުވާލުތަކެއް ހުރިކަމަށް ވިދާޅުވެފައި ކަމަށެވެ. އޭގެ ޖަވާބުގައި މާރިޔާ ވިދާޅުވެފައިވަނީ އެމްޑީޕީއިން 2008 ގައިވެސް ރައްޔިތުންނަށް ވެރިކަން ކޮށްދީފައިވާ ކަމަށާއި އެކަން ކޮށްދީފައިވަނީ ރައްޔިތުންނަށް ހަމަހަމަކާއި ހިތްހެޔޮ ކަމާއެކުގައި ކަމަށެވެ. އެމްޑީޕީގެ ވިސްނުމަކީ ހުރިހާ އެންމެންނަށް ކަންތައްތައް ކޮށްދިނުން ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
އެގޮތުން އާސަންދައާއި، ދުވަސްވީ މީހުންނަށް ޕެންޝަނެއް ދޭން ފަށާފައިވަނީ އެމްޑީޕީގެ ވެރިކަމުގައި ކަމަށް ވިދާޅުވިއެވެ. އަދި އެތައް ދުވަހަކުން މެނުވީ ނުހިއްކޭނެކަމަށް ބުނަމުންދިޔަ ބިން ހިއްކާ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެމްޑީޕީއިން ކުރި ހިންމަތުގެ ބޮޑުކަމުން ރައީސް މުޙަންމަދު ނަޝީދަށް ފްލެޓް ދޮންބެގެ ނަމުން މުޚާތަބު ކުރެވެން ފެށި ކަމަށް ވެސް ވިދާޅުވިއެވެ.
ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ކެންޕޭނުގައި ޕީޕީއެމުން ބޭނުންކުރާ މައްސަލަ ހުށަހެޅުމުން އެކަމާ ބެހޭގޮތުން ޕީޕީއެމްގެ އިސްބޭފުޅެއް ބަހެއް ލިބޭ ގޮތެއް ނުވިއެވެ.