ރިޔާސީ އިންތިޚާބު ބޯމަތި ވެއްޖެ، ވޯޓުދޭނީ ކާކަށް؟

މީގެ އެތައް އަހަރެއްގެ ކުރިއެވެ. 2005 ވަނަ އަހަރު ރާއްޖެ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި އޮތްދުވަސްރެކެވެ. އެދުވަސްވަރު ރާއްޖެއިން ބޭރުގެ މީހަކާ ދިމާވިއެވެ. އޭނާއަކީ ލިޔުންތެރިއެކެވެ. ރާއްޖޭގެ ރީތިކަމާއި އަމާންކަމަށް އޭނާ ވަރަށްބޮޑަށް ތައުރީފުކުރިއެވެ. ރާއްޖެދެކެ ނުހަނު ލޯބިވާ ކަމަށް ވެސް ބުންޏެވެ.

އެދުވަހު އޭނާ އެންމެ ކަންބޮޑުވީ ދިވެހިރާއްޖޭގެ ކުޑަ އާބާދީ އެއްކޮށް ސިޔާސީ ވެދާނެތީއެވެ. އެކަން އެހެން ނުވެއެކޭ ދަންނަވަން ލާހިއްކެއްނޫނެވެ. ސިޔާސީ ކުޅިގަނޑުގެ ތެރެއަށް ނުވަންނަ އެކަކުވެސް ނެތެވެ. އެންމެވެސް މިތިބި ސިޔާސީ ވެފައެވެ. ސިޔާސީ ލީޑަރުންނާ އެއްސަފެއްގައި ސިޔާސީ ވެފައެވެ.

އެދުވަހު އެނާ ސުވާލެއްކުރިއެވެ. އަހަރެމެން މިއުޅެނީ ކީއްކުރަން ހެއްޔެވެ؟ އޭނާ ޖަވާބު ވެސް ދެއްވިއެވެ. މިއުޅެނީ ޑިމޮކްރަޓިކް ހަމަތަކުން އަމާންކަމާއި އޮމާން ކަމާއެކު ވެރިކަން ކުރާނެ މީހަކު އިންތިޚާބު ކުރާށެވެ. ރާއްޖެ ޒަމާނާ އެއްގޮތަށް ތަރައްގީ ކޮށްދޭނެ ވެރިއަކު ހޮވާށެވެ. ދިވެހިންނަށް ދިވެހިރާއްޖެ ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދޭނެ ލީޑަރަކު ހޮވާށެވެ. އަސާސީ ބޭނުންތައް ފުއްދައިދޭނެ އެހީތެރި ރައީސަކު ހޮވާށެވެ.

ކުރިމަތި ލައްވައިފައިވާ ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން އެމީހާ ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟ ސުވާލުކުރީމެވެ. އޭނާގެ ޖަވާބު ވަރަށް ސާފެވެ. ރައްޔިތުން ސިޔާސީ ވެގެންނުވާނެއެވެ. ސިޔާސީ ބޭފުޅުންގެ ތެރެއިން ވެރިކަމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ ވާހަކަތައް އަޑުއަހަންވީއެވެ. އެވާހަކަތައް ދިރާސާ ކުރަންވީއެވެ. އޭގެ ތެރެއިން ރައްޔިތުންނާއި ގައުމަށް އެންމެ ފައިދާ ކުރުވަނިވި ހުށަހެޅުންތަކެއް ނުވަތަ މެނިފެސްޓޯއެއް ހުށަހަޅާ ބޭފުޅަކަށް ވޯޓު ދިނީމައި އެއޮތީ އެ ބޭފުޅަކު ހޮވިފައި ކަމަށް އޭނާ ބުންޏެވެ.

ވޯޓުން އިންތިޚާބު ކުރާ ބޭފުޅާ ރައްޔިތުންގެ އުންމީދުތަކާއި އިހުސާސްތަކާ ދެކޮޅަށް ވެރިކަން ކުރައްވަން ފެއްޓެވުމުން ދެންހަދާނީ ކިހިނެއްހެއްޔެވެ؟ އެބޭފުޅަކު ހުށަހެޅުއްވި ކަންކަން ކަމުގޮސްގެން ވެރިއަކަށް ހޮއްވެވި ބޭފުޅާއަށް ދެވަނަ ފުރުސަތެއް ނުދިނުމުގެ ބާރުއޮތީ ރައްޔިތުންގެ އަތުގައި ކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ. ރާއްޖޭގައި ނަމަ އެކަންކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބެނީ ކޮންމެ ފަސް އަހަރުން އެއްފަހަރުއެވެ. އެއޮތީ ރައްޔިތުންގެ އަތަށް ބާރުލިބިފައެވެ. ގޭގައި ތިބެފައި އެންމެންއެކީ ނުކުމެ ބޭނުން ބޭފުޅަކަށް ވޯޓު ދީފައި ގެއަށް އައުމުން ރައްޔިތުންނަށް ޑިމޮކްރަސީގެ ޒިންމާ އަދާކުރެވުނީއެވެ. ރައްޔިތުންނަށް ހަގީގީ ބާރު މިލިބުނީ ގެއާއި ވޯޓުފޮށްޓާ ދެމެދުންނެވެ.

މިނޫން އެހެންގޮތަކަށް ރައްޔިތުން އަމަލުކުރަން ދިމާކޮށްފި ކަމަށްވާނަމަ ގައުމުގައި އުފެދޭނީ ފިތުނައެވެ. އުފެދިގެންދާނީ ހަމަނުޖެހުމާއި ފަސާދައެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ނުވަތަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ވާދަކުރައްވަނީ އިބްރާހީމް މުހައްމަދު ސާލިހެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ މިހާރުގެ ވެސް ރައީސް ޢަބްދުﷲ ޔާމީނެވެ. މިދެބޭފުޅުންގެ ވަޢުދުތަކާއި، ރައްޔިތުންނަށް ކޮށްދެއްވަން ވިދާޅުވާ ކަންކަމާއި އެކަންކަމުން ލިބޭނޭ ފައިދާއާއި މަންފާއާ މެދު ވިސްނައި ފިކުރު ހިންގަންވީ ދުވަސްވަރަކީ މިއީ އެވެ.

ވޯޓުލާން ފޯޓުފޮށި ކައިރިއަށް ދިޔުމުގެ ކުރިން މި ދެބޭފުޅުން ރައްޔިތުންނަށް ކޮށްދެއްވަން ވިދާޅުވާ ކަންކަމާމެދު ފުންކޮށް ވިސްނާލުމަށްފަހު އެ މީހަކަށް އެންމެ ކަމުދާ މެނިފެސްޓޯއެއް ނުވަތަ ފައިދާހުރި ކަންކަމެއް ރާއްޖެއަށް ހުށަހަޅުއްވާ ކެންޑިޑޭޓަކަށް ވޯޓު ދެއްވުމުން އެއޮތީ ވޯޓުލާނެ ކެންޑިޑޭޓް ވަރަށް ސާފުކޮށް އެނގިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.