ޝަރަފްވެރި ކަމުގެ އިނާމް ފަސް ބޭފުޅަކަށް ދެއްވައިފި

ޝަރަފުވެރި ކަމުގެ ގައުމީ އިނާމު 5 ބޭފުޅަކަށް މިރޭ ދެއްވައިފިއެވެ. ޖުމްހޫރީ މައިދާނުގައި މިހާރު ކުރިއަށްދާ މިނިވަންދުވަހުގެ ރަސްމީޖަލްސާގައި އެ ބޭފުޅުންނަށް އިނާމް ހާވަލު ކޮށްދެއްވީ ރައީސުޖް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

ޝަރަފްވެރިކަމުގެ އިނާމް ލިބިވަޑައިގެންނެވީ އިސްލާމްދީނަށް ޚިދުމަތް ކުރުމާއި ހޭލުންތެރިކަން އިތުރު ކުރުކޮށް އިސްލާމްދީނުގެ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ފަޟީލަތުއްޝައިޚް އަހުމަދު ފާރޫގު މުހައްމަދެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ޝަރަފްވެރިކަމުގެ އިނާމް ހާސިލް ކުރެއްވީ މއ. ރައުފަތު، އަހުމަދު މާހިރެވެ. ޖަމާއަތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމް ހާސިލް ކުރެއްވީ މއ. ފެހިއަލިއާގެ، ޝަމީމާ ކަނބުލޭގެފާނެވެ. މަސައްކަތްތެރިކަމުގެ ދާއިރާ އިން ޝަރަފުވެރިކަމުގެ އިނާމް ހާސިލް ކުރެއްވީ އަލްމަރްޙޫމް މުހައްމަދު ޝާކިރު (ބޮއި ޝާކިރު) ގެ ހަނދާނަށެވެ. ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި ކުޅިވަރު ހިންގުމާއި މީހުން ތަމްރީން ކުރުމުގެ ރޮނގުން ޝަރަފްވެރިކަމުގެ އިނާމް ހާސިލް ކުރެއްވީ ހ. ހީނާގަސްދޮށުގޭ، އަހުމަދު ސަލީމެވެ.

މީގެ އިތުރަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމް 15 ބޭފުޅަކު މިރޭވަނީ ހާސިލް ކުރައްވައިފައެވެ. އެ ބޭފުޅުންނަކީ ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައި ދިނުމާއި ކީރިތި ޤުރްއާނުގެ އިލްމުގެ ދާއިރާ އިން ބ. އޭދަފުށީ، ފިނިހިޔާގޭ، އަބްދުލްމަޖީދު މުހައްމަދާއި، ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާ އިން، ދިވެހި ބަހާއި ބަހުގެ އިލްމު ކުރިއެރުވުމާއި ބަސް ދިރާސާ ކުރުމުގެ ރޮނގުން، ބ.އޭދަފުށީ ދިލްކަޝްގޭ އަބްދުއްރަޝީދު އަލީއާއި، ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާ އިން، ދިވެހިންގެ ސަގާފީ ކުޅިވަރުތައް ކުރިއަރުވައި އާލާކުރުމުގެ ރޮނގުން، ހއ. ބާރަށު، ކާށިދޫގޭ، އަބްދުއްރައްޒާގް އަބްދުއްރަޙްމާން (ވޮރަންޓް އޮފިސަރު 1 ) އާއި ސިއްހީ ދާއިރާ އިން، އާންމު ސިއްހަތު ކުރިއެރުވުމުގެ ރޮނގުން، ސ. މީދޫ، ހުދުވިލާގޭ ޑޮކްޓަރ ޢަބްދުﷲ ޢަފީފާއި، އިޖުތިމާއީ ރައްކާތެރިކަމާއި އިންސާނީ ހައްގުތައް ދިރުވައި ކުރިއެރުވުމުގެ ދާއިރާއިން، ތަފާތު ނުކުޅެދުންތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމުގެ ރޮނގުން، ދަފްތަރު ނަމްބަރު 4356، މަރިޔަމް ޝަހުދާއެވެ.

އޭގެއިތުރަށް ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނޭ އެކި ކަންކަން ހިންގުމާއި ތަޢާރުފުކުރުމުގެ ރޮނގުން، ހ.ލޭޑީބާޑު، މުހައްމަދު ފިރާގާއި، މައުލޫމާތު ފެތުރުމުގެ ރޮނގުން، ދަފްތަރު ނަންބަރު މުހައްމަދު ޖަވާދު ޔޫސުފާއި، ޑައިވިންގެ ދާއިރާ އިން، ރިކްރިއޭޝަނަލް ސްކޫބާ ޑައިވިންގެ ރޮނގުން، ނ.ކުޑަފަރީ، ލަކީކޯނަރު، ޒޫނާ ނަސީމާއި، ރިކްރިއޭޝަނަލް ސްކޫބާ ޑައިވިންގެ ރޮނގުން، ކ. މާފުށީ، އިރާކު، އާސިމް މުހަންމަދުފުޅާއި، ކުޅިވަރު ހިންގުމާއި ފަންނީ ގޮތުން ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން، ސ. ހުޅުދޫ، ޖަވާހިރުވިލާ، އިބްރާހީމް ރަޝީދެވެ.
\
އޭގެ އިތުރަށް ކުޅިވަރު ކުޅުމާއި މީހުން ތަމްރީން ކުރުމުގެ ރޮނގުން، ވ. ކެޔޮދޫ، ތިބްރޯޒުގޭ، އަހުމަދު ޢަބްދުލް ކަރީމް (އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް) އާއި، ކުޅިވަރު ހިންގުމާއި މީހުން ތަމްރީން ކުރުމުގެ ރޮނގުން، އއ. އުކުޅަސް، ޑޭޒީމާގޭ، ނައުފަލް މޫސާއާއި، ވިޝުއަލް އާޓްސްގެ ދާއިރާ އިން، ފިލްމް ޑައިރެކްޓް ކުރުމުގެ ރޮނގުން، ގ. ހޮޅިގޭ، އަލީ ޝިފާއުއާއި، ވިޝުއަލް އާޓްސްގެ ދާއިރާ އިން، އެނިމޭޝަންގެ ރޮނގުން، ރ.ފައިނު، ޗަމަން، އަހުމަދު ސިނާނާއޮ، ޕާފޯމިން އާޓްސްގެ ދާއިރާއިން، ލަވަކިޔުމާއި މިޔުޒިކް ކުޅުމާއި އަމިއްލަ ރާގު އުފެއްދުމާއި މީހުން ތަމްރީން ކުރުމުގެ ރޮނގުން، ގދ. ތިނަދޫ، ކީރަންމާގޭ، އިބްރާހީމް ޒައިދު އަލީ އެވެ. މީގެއިތުރަށް މަތީދަރަޖަ ހޯއްދަވާ ބޭފުޅުންނަށް ރައީސް ދެއްވާ ޚާއްސަ އިނާމް 24 ބޭފުޅަކަށް ވަނީ ދެއްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.