އާފަތިހުގެ ޑެޕިއުޓީ އެޑިޓަރު ފާރޫޤް އަޙްމަދަށް ހިތްވަރުދިނުމުގެ އިނާމު ދެއްވައިފި

އާފަތިހުގެ ޑެޕިއުޓީ އެޑިޓަރު ފާރޫޤް އަޙްމަދަށް ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުންހިތްވަރު ދިނުމުގެ އިނާމު ދިވެހި ސަރުކާރުން ދެއްވައިފިއެވެ. ފާރޫޤަކީ އާފަތިހަށާއި މިލާބަށް ލިޔުއްވަމުން ގެންދަވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ފާރޫޤު އަޙްމަދަކީ، 1985ން ފެށިގެން މި ވޭތުވެދިޔަ އަހަރުތަކުގައި، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ފާރޫޤުގެ އަދަބީ ޚިދުމަތް ފެށުނީ، ރާއްޖޭގައި ނުކުންނަ ދުވަހު ނޫސްތަކަށް އެކިއެކި ލިޔުންތައް ލިޔުއްވަން ފެށްޓެވި ހިސާބުންނެވެ. މިގޮތުން، ދުވަހު ނޫސް "ހަވީރު" އާއި، "އާފަތިސް" އަދި "މިއަދު" ނޫހަށް ތަފާތު ލިޔުންތައް ވަނީ ލިޔުއްވައިފައެވެ. އަދި ބައެއް ނޫސް މަޖައްލާތަކުގެ މަސްއޫލުވެރިކަމާއި އެޑިޓަރުކަންވެސް ފާރޫޤު ވަނީ ކުރައްވައިފައެވެ.

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި، ދިވެހިބަހުގެ ލިޔުންތެރިކަމާ ހިސާބުން ފެށިގެން ދިވެހިބަހާއި ބަހުގެ ޢިލްމު ކުރިއެރުވުމާއި، ބަސް ދިރާސާކުރުމާ ހަމަޔަށް، އެ ދާއިރާއަށް ޚާއްޞަވެފައިވާ އެކި ރޮނގުތަކުން ފާރޫޤުގެ ޚިދުމަތް ވަނީ ލިބިފައެވެ. ފާރޫޤުގެ ލިޔުއްވުންތަކުގެ ތެރެއިން އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، ރާއްޖޭގެ އިޖުތިމާޢީ އެކި މައްސަލަތަކާ ގުޅިގެން، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި، ދީނީ ހޭލުންތެރިކަން އުފެއްދެވުމަށް ލިޔުއްވައިފައިވާ ލިޔުއްވުންތަކެވެ.

ފާރޫޤު އަޙްމަދަކީ، ރާއްޖޭގައި ބޭއްވުނު އެކިއެކި އަދަބީ މުބާރާތްތަކުންވެސް އެކި ވަނަތައް ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ބައިނަލްއަޤްވާމީ ޒުވާނުންގެ އަހަރުގެ ގޮތުގައި ފާހަގަކުރެވުނު 1985 ވަނަ އަހަރު، މުޅި ރާއްޖެއަށް ހުޅުވައިލައިގެން ބޭއްވި ޒުވާނުންގެ މަޒުމޫނު ލިޔުމުގެ މުބާރާތުން 25 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރައިން 1 ވަނަ އަދި މުޅި މުބާރާތުގެ ހުރިހާ އުމުރުފުރައަކުން 2 ވަނަ ހާސިލު ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ބޭއްވި އަދަބީ ޤައުމީ މުބާރާތްތަކުންވެސް އެކި އަހަރު އެކި ވަނަތައް ފާރޫޤު ވަނީ ހާސިލު ކުރައްވައިފައެވެ.

ފާރޫޤު އަޙްމަދަކީ، ދިވެހިބަހުގެ އަދަބީ ކޯސްތައް ފަރުމާކުރައްވައި ހިންގަވައިފައިވާ ބޭފުޅެއްވެސް މެއެވެ. ދިވެހިބަހުން ކުށެއްނެތި ލިޔެ ޢިބާރާތްކޮށް، ކުށެއްނެތި ވާހަކަ ދެއްކުމުގެ ތަމްރީނު ކޯސްތަކެއް، ސަރުކާރުގެ ބައެއް އޮފީސްތަކުގެ މުވައްޒަފުންނަށް ވަނީ ހިންގަވައި ދެއްވައިފައެވެ. މީގެއިތުރަށް، ދިވެހިރާއްޖޭގެ އަޑުގެ އެކި ޕުރޮގުރާމުތަކަށް ވާހަކަ ލިޔުއްވައި، ޑްރާމާ ލިޔުއްވައި އުފައްދަވައިފައި ވެއެވެ.

ފާރޫޤު އަޙްމަދަކީ، "ތިމާވެށީގެ މައްޗަށް ލިޔާ މީހުންގެ ޖަމުޢިއްޔާ"ގެ މަސްއޫލު އެއް މެންބަރެވެ. އަދި އެ ޖަމުޢިއްޔާގެ ނައިބު ރައީސްކަން، 10 އަހަރު ވަންދެން ކުރައްވައި، ތިމާވެށީގެ ރޮނގުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މި ޖަމުޢިއްޔާއިން ކުރި މަސައްކަތްތަކުގައި ފާރޫޤުގެ ހިއްސާ ވަރަށްބޮޑެވެ. އަދި ތިމާވެށްޓާ ބެހޭ ބޭރުގެ ބައެއް ޖަމުޢިއްޔާގެ އިންތިޚާބީ އެކި މަގާމުތަކުގައި ފާރޫޤު އަޙްމަދު ވަނީ ޚިދުމަތް ކުރައްވައިފައެވެ.

ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުގެ އަދަބީ ކޮމިޓީގައިވެސް ފާރޫޤު އަޙްމަދު ވަނީ ޚިދުމަތް ކުރައްވައިފައެވެ. އަދި އިނގިރޭސި ބަހާއި، އުރުދޫ ބަހާއި، ހިންދީ ބަހުން ލިޔެފައިވާ ބައެއް ވާހަކައާއި، ސީރީޒް ދިވެހިބަހަށް ތަރުޖަމާ ކުރައްވައި ޝާއިޢު ކުރައްވައިފައި ވެއެވެ. އޭގެ ތެރޭގައި، "މިޔާދާ" އާއި، "ސުލްޠާނާ" އާއި، "ދެކަފި" އާއި، "ކިރުއިލޮށި" އާއި، އަދި "ދިވެހި ތާރީޚުގެ ނުފެންނަ ޞަފްޙާތައް" ހިމެނެއެވެ. އަދި މިނޫން ބައެއް ފޮތްފޮތްވެސް ތަރުޖަމާ ކުރައްވައިފައި ވެއެވެ.

ފާރޫޤު އަޙްމަދު ވަނީ އިންޑިއާގެ އިންޑިއަން އިންސްޓިޓިއުޓް އޮފް މާސް ކޮމިއުނިކޭޝަންސްގައި ނިއުސް އޭޖެންސީ ޖާރނަލިޒަމް ކޯހެއް ފުރިހަމަކުރައްވައިފައެވެ. އަދި އެމެރިކާގެ ސެންޓަރ ފޮރ ފޮރިން ޖަރނަލިސްޓްސްގައި އެންވަޔަރަންމަންޓަލް ޖާރނަލިޒަމް ކޯހެއްވެސް ވަނީ ފުރިހަމަކުރައްވައިފައެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާއަށްވެސް ފާރޫޤު އަޙްމަދު ގިނަ ޚިދުމަތްތަކެއް ވަނީ ކުރައްވައިފައެވެ. ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ގުޅިގެން، ސަރުކާރުން ދެއްވި "ނޫސްވެރިކަމުގެ ރިހިގަލަން" ފާރޫޤަށް ވަނީ ލިބިވަޑައިގެންފައެވެ. ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ އާއި ދިވެހިރާއްޖޭގެ އަޑުގައި ފާރޫޤު އަޙްމަދު ޚިދުމަތް ކުރެއްވިއިރު، ޒަމާނާ އެއްގޮތަށް އެތަންތާނގެ މަސައްކަތް އިންތިޒާމު ކުރައްވައި، ތަރުތީބު ކުރައްވައި، ނޫސްވެރިން ތަމްރީނު ކުރައްވައި، އެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.