ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވަނީ

ޤައުމީ އިނާމް، ކުރީގެ ރައީސް ބޭފުޅަކަށް ދެއްވަނީ

މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިމަހު ހަމަވާނެއެވެ. މުއްދަތު ހަމަވާނީ މިމަ 15 ވަނަ ދުވަހު މެންދުރުފަހު 2:00 އަށެވެ.

އިނާމަށް އެދި ހުށަހަޅާ ފޯމުތައް ފޮނުއްވަންޖެހެނީ، ގައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލިބިވަޑައިގަންނަވާނެއެވެ. އަދި އެއޮފީހުގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެއްވޭނެއެވެ.

މިއަހަރުވެސް ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ގައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ. އަދި ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުންވެސް ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އެކި ފަންނުގެ ހުނަރުވެރިންނަށް ފުރުޞަތު ދެއްވުމަށްޓަކައި އިނާމުދެވޭ ދާއިރާތަކުގެ ތެރޭގައި، މިދިޔަ 4 އަހަރެކޭ އެއްގޮތަށް، ޒުވާނުންނާއި އަންހެނުންގެ ދާއިރާ ވަކިން ހިމަނުއްވައި، މި ދެ ދާއިރާއިން އިނާމު ދެއްވާނެ ވަކި ރޮނގުތަކެއް ވަނީ ކަނޑައަޅުއްވާފައެވެ. އެދެ ދާއިރާއިން އިނާމު ދެއްވާނީ، މަދުވެގެން 5 އަހަރު ފާހަގަކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްފައިވާ އަންހެނުންނަށާއި، ޢުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިއަހަރު ގައުމީ އިނާމާއި ޚާއްސަ އިނާމު ދެއްވާނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ޚާއްސަ ޖަލްސާގައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު، ޚާއްސަ އިނާމާބެހޭ ކޮމިޓީން މި މަހުގެ ތެރޭގައި ހުޅުއްވާލައްވާނެ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.