ބެލްޖިއަމް ބަލި ކުރުމަށް ފަހު ފްރާންސް ވޯލްޑްކަޕް 2018 ގެ ފައިނަލަށް

ވޯލްޑްކަޕް 2018 ގެ ފުރަތަމަ ސެމީ ފައިނަލުގައި 1 ލަނޑު 0 ލަނޑުން ބެލްޖިއަމް ބަލިކޮށް ފްރާންސް މުބާާރާތުގެ ފައިނަލަށް ހިނގައްޖެއެވެ. މި މެޗު އޮތީ އަންގާރަ ދުވަހުގެ ރޭ އެގާރަ ޖެހިއިރުއެވެ.

މެޗުގެ ފުރަތަމަ ހާފު ފެށިގެން ފުރަތަމަ ހައެއްކަ މިނިޓު ފްރާންސް ވަރަށް ރަނގަޅަށް ކުޅުނެވެ. އެއަށް ފަހު ބެލްޖިއަމް ކުރިއަށް ޖެހި ހަމަލާތައް ވަރުގަދަކޮށް މޮޅަށް ކުޅެން ފެށިއެވެ. އެ ބައިގަޑިއެއްހާއިރުގެ ތެރޭގައި ބެލްޖިއަމުން ފްރާންސަށް ވަރަށް ބޮޑަށް ނުރައްކާ ކުރިއެވެ. ހަޒާޑްގެ ޙަމަލާތައް ފާހަގަ ކޮށްލެވުނެވެ. އެކަމަކު އެ ކުޅުމުގައި ހިފެހެއްޓުނީ ބައިގަޑިއެއްހައި އިރަށެވެ. އަނެއްކާވެސް ފަރާންސްގެ ކުޅުން ވަރުގަދަ ވެއްޖެއެވެ. މެޗުގެ ތެރެއަށް ވަދެ ހަމަލާތައް އުފައްދަން ފެށުމާއެކު ބެލްިއަމަށް ބާރު ބޮޑު ވެގެން ދިޔައެވެ.

ފްރާންސް ފައިނަލަށް އައީ ދެވަނަ ބުރުގައި އާޖެންޓީނާ، ކުއާޓަރ ފައިނަލްގައި ޔުރަގުއާއީ ބަލިކޮށްފައެވެ. ބެލްޖިއަމް އައީ ކުއާޓަރ ފައިނަލްގައި ވަރުގަދަ ބްރެޒީލް ބަލިކޮށްފައެވެ.

ފުރަތަމަ ހާފުގެ ފަހު ފަނަރަ މިނިޓު ވެގެން ދިޔައީ ފްރާންސްގެ ފަނަރަ މިނިޓަށެވެ. ލަނޑެއް ޖަހާނޭ ދެ ފުރުސަތު ލިބި ބޭކާރު ވެގެން ދިޔައެވެ. ހާފު ނިމިގެން ދިޔައީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ފްރާންސުން ލަނޑު ޖެހީ 51 ވަނަ މިނިޓުގައެވެ. ދެވަނަ ހާފުގެ ހަވަނަ މިނިޓުގެ ތެރޭގައެވެ. މި ލަނޑު ޖެހީ ގްރީޒްމާން ނެގި ކޯނަރަކުން އުމްޓީޓީ އެވެ. އޭގެ ފަހުން ދެ ޓީމިވެސް އެކަށިގެންވާ ރަނގަޅު ކުޅުމެއް ކުޅުނެވެ. ބެލްޖިއަމުންވެސް ހަމަލާތައް ދިނެވެ. އެހެންނަމަވެސް ފްރާންސްގެ ދިފާޢު ފޫއަޅުވައިލެވޭ ގޮތެއް ނުވިއެވެ. އެމްބާޕޭ ހިފައްޓަން ބެލްޖިއަމަށް ކުރަން ޖެހުނު މަސައްކަތުގެ ސަބަބުން ކުޅުމަށް ވަރަށް ބޮޑަށް އަސަރު ކުރިއެވެ. މުޅި މެޗުގައިވެސް އޭނާ ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކައިފައެވެ.

މި މުބާރާތުގެ ސެމީފައިނަލުގެ ދެވަނަ މެޗު އޮންނާނީ މިރޭ (ބުދަދުވަހުގެރޭ) އެގާރަ ޖަހާއިރުއެވެ. ބައްދަލު ކުރާނީ އިންގްލަންޑާއި ކްރޮއޭޝިއާއެވެ.

ފައިނަލުގައި ކުޅޭނީ ފްރާންސާއި، މިރޭގެ މެޗުން މޮޅުވާ ޓީމަކާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.