އީޔޫއިން ރާއްޖެއާ ދެކޮޅަށް މިމަހު ފިޔަވަޅު އަޅައިފާނެ: ރައިސް

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖޭއާ ދެކޮޅަށް ފިޔަވަޅު އަޅައިފާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށާއި އެއާއެކު މިމަސްތެރޭގައި ފިޔަވަޅު އަޅައިފާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

މ. ދިއްގަރަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު މިހާރު އިންޒާރު ކުރައްވަނީ އެފިޔަވަޅު އަޅާނެ އިރަކަށް ކަމަށެވެ. އީޔޫއިން ރާއްޖެއާމެދު ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު ދިނުމުން އިދިކޮޅު ފަރާތްތަކުން އެކަމަށް އުފާކުރަމުން ގެންދާ ކަމަށެވެ. އެހެންނަމަވެސް އެއީ އެމަނިކުފާނު އުފާކުރައްވާ ކަމެއް ނޫންކަމަށާއި އެއީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މިދިޔަ ހަފްތާގައި އަޅުގަނޑުމެންނަށް އޮތީ ޔޫރަޕްގެ އިއްތިހާދުން އިންޒާރު ދީފައި. އިންޒާރު މިދެނީ އަޅުގަނޑުމެންނާ ދޭތެރޭ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް. އަޅުގަނޑު އިންތިޒާރުގެ އެބަކުރަން އެފިޔަވަޅުތައް މިމަހުގެ ތެރޭގައި އަޅާނެ ކަމަށް. އަދި އެވާހަކަތައް އެމްޑީޕީގެ ބޭފުޅުން އުފަލާއެކީ އެބަ ދައްކަވާވެސްމެ. އަޅުގަނޑު މިކަން ބަލައިގަންނަނީ އެއްގޮތަކަށްވެސް އުފަލާ އެކީގައެއްނޫން. އަޅުގަނޑު މިކަން ބަލައިގަންނަނީ ކަންބޮޑުވުމާއެކީގައި،" ރައީސް ވިދާޅުވިއެވެ.

އެފަދަ އިންޒާރެއް ދިނަސް އެމަނިކުފާނުގެ ސަރުކާރުގައި ގުރުބާން ނުކުރާނެ ކަންތައްތަކެއް ހުންނާނެ ކަމަށާއި ހިފަހައްޓައި ދަމަހައްޓަވާނެ އުސޫލުތަކެއް ހުންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެ އުސޫލުތައް އެގޮތަށް ދަމަހައްޓާތީ އީޔޫއިން ފިޔަވަޅު އަޅަންޏާ އެކަން އެގޮތަށް ދާނެ ކަމަށާއި ރާއްޖެއިން ކުރިއަށްދާނީ ﷲ ވަކީލު ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމުން ދެން ސަލާމަތް ވެވެންއޮތް ގޮތަކަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެކަމަކު އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އަޅުގަނޑު ފާޅުގައި ދިވެހިރާއްޖޭގައި އިސްލާމްދީންނޫން ދީނަކަށް ޖާގައެއް ނުދޭނަމޭބުނާ ބުނުމަށް ހުއްޓުމެއް ގެންނަން ޔޫރަޕްގެ އިއްތިހާދުން އަޅުގަނޑަށް އަންގަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ރައީސް ވިދާޅުވިއެވެ.

ކުށްވެރިވެގެން ޖަލަށްލާފައިވާ އެންމެން މިނިވަންކުރަން ޔޫރަޕްގެ އިއްތިހާދުން ގޮވާލިޔަސް އެކަން އެގޮތަށްވެ އެމީހުންނަކީ ޖަލުން ދޫވެފައިވާ ބަޔަކަށް ވާންޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ކަމަށް "ތިމަންނަމެން ގަބޫލު ކުރާނީ މިހުރިހާ ކުށްވެރިންވެސް ދޫކޮށްލީމައޭ، އެ އެންމެނަށް އިންތިޚާބުގައި ބައިވެރިވެވޭނެ ޖާހަގަ ހޯދައިދިނީމައޭ" އިއްތިހާދުން ބުންޏަސް އެކަމެއް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެކަމާބެހޭ ގޮތުން މިއަދު ވޯޓެއް ލިޔަސް ދިވެހި ރައްޔިތުން ވެސް އެކަމެއް ގަބޫލެއް ނުކުރައްވާނެ ކަމަށެވެ. ކުށްވެރިވެގެން ޖަލުގައި ތިބީ ހަމައެކަނި ސިޔާސީ ބޭފުޅުން ނޫން ކަމަށާއި، އެކި ވައްތަރުގެ ކުށްކޮށްގެން ޖަލަށް ލެވިފައިވާ ބޭފުޅުންވެސް އެބަތިބި ކަމަށް ރައީސް ވިދާޅުވިއެވެ. އެ އެންމެންނަކީ ޝަރީއަތުގެ ކުރިމަތީގައި މުޖުރިމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ޝަރީއަތުން ބޭރުން ކަންކަން ކުރަން ބަޔަކު އަޅުގަނޑަށް އެންގިޔަސް އެއީ ކުރެވޭނެ ކަންކަމެއްނޫން. އިއްތިހާދުން ކިތަންމެ ވަރަކަށް ގޮވާލިޔަސް އެހުރިހާ ކުށްވެރިން ވީއްލައި އެހުރިހާ ކުށްވެރިންނަކީ ކުށެއް ނުކުރާބައެއް ކަމަށް އަޅުގަނޑަށް ނެހެދޭނެ. ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިފައިވާ މެންބަރުންގެ ގޮނޑި ވެސް ނުގެއްލޭނެ ކަމަށް އަޅުގަނޑަށް ނުހެދޭނެ،" ރައީސް ވިދާޅުވިއެވެ. އެކަމާމެދު ވެސް އެއްޗެއް ވިދާޅުވެ ގޮތް ނިންމަޖެހޭނީ ރާއްޖޭގެ އަދުލުގެ ތެރެއިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.