ރައީސް  ޔާމީން ވަގުތުން ދޫކޮށްލުމަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވައިފި

ރައީސް ޔާމީން ވަގުތުން ދޫކޮށްލެއްވުމަށް އިދިކޮޅުން މަޖިލީހުގައި ގޮވާލާ ގޮވާލެއްވުން މިއަދު ވެސް ތަކުރާރު ކުރައްވައިފިއެވެ.  އިދިކޮޅު ބައެއް މެމްބަރު ރައީސް ޔާމީން ދޫކޮށް ލެއްވުމަށް ގޮވާލެއްވީ ކޮވިޑާ ގުޅިގެން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ގުޅިގެން ޖުޑިޝަރީ ކޮމެޓީން އެކުލަވާލެއްވި ރެކޮމެންޑޭޝަންތަކާ ގުޅޭ ރިޕޯރޓްގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

މިބަހުސް ގައި ވާހަކަ ދައްކަމުން ނައިފަރު ދާއިރާގެ މެމްބަރ އަޙްމަދު ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަށް އިއްވައިފައި ވަނީ  ނާއިންސާފު ޙުމެއްކަމަށެވެ. ދަށު ކޯޓުން އިއްވި ޙުކުމްގެ އިސްތިއުނާފް މަރުޙަލާގައި ވެސް އެމަނިކުފާނުގެ ޙައްޤުތައް ގެއްލި ފައިވާ ކަމަށެވެ. ކަފާލާތުގެ ދަށުން ދޫކޮށް ދެއްވުމަށް ރައީސް ޔާމީންގެ އިސްތިއުނާފްގެ އަޑު އެހުމުގައި އެމަނިކުފާނު އެދި ވަޑައިގެންނެވިކަމަށްވެސް ޝިޔާމް ފާހަގަ ކުރެއްވިއެވެ. ނަމަވެސް ހައިކޯޓްގެ މަރުޙަލާ ނިމެން ކައިރިވެފައކަމަށް ވިދާޅުވާއިރު، އެއަޑު އެހުން ބޭއްވިތާވެސް ދެމަހެއްހާ ދުވަސްވާން ގާތް ވެފައިވާކަން މެމްބަރ ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން ރައީސް ޔާމީން މިހާރުން މިހާރަށް ދޫކޮށްލުމަށް ސިޔާސީ ޕާޓީއެއްގެ ޙައިޞިއްޔަތުން ޕީޕއެމް، ޕީއެންސީ ކޯލިޝަނުން ގޮވާލާ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޔާމީން ފަދަ ގޮތަކަށް އިންސާފް ގެއްލިފައިވާ އެތައް ބައެއް ތިބިކަން ވެސް މެމްބަރ ޝިޔާމް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ލޮކްޑައުންގެ ޙާލްތުގައި ވެސް ކޯޓްތަކުގެ މަސައްކަތް ކުރިއަށް ގެންދެވެން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ގެނެސްފައިވާ ލޮކްޑައުންގައި ސަރުކާރުން ކަންކަން އިންތިޒާމް ކޮށްފައިވާ ގޮތުން އެތައް ބައެއްގެ ޙައްޤުތައް ގެއްލެމުންދާކަން ފާހަގަކުރައްވައި މެމްބަރ ޝިޔާމް ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

މަޑުއްވަރީ ދާއިރާގެ ޕީއެންސީ ޕީޖީ ލީޑަރ އާދަމް ޝަރީފް ޢުމަރުވެސް ވަނީ ރައީސް ޔާމީންގެ އެތައް ޙައްޤުތަކެއް ގެއްލިގެންދާކަމަށް ވިދާޅުވެ އެމަނިކުފާނު މިނިވަން ކުރެއްވުމަށް ގޮވާލައްވައިފައެވެ. ރައީސް ޔާމީންގެ އެތައް ޙައްޤުތަކެއް ގެއްލިގެންދާއިރު ހަނު ހުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިފަދަ ޚުތޫރަތްތެރި ދަނޑިވަޅެއްގައި އެމަނިކުފާނު ގެއަށް ބަދަލު ކުރުމަކީ ހުރިހާ ގޮތަކުންވެސް ރައްކާތެރިކަމަކަށް ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.