ރައީސް ޔާމީން އައްޑުއަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އައްޑުއަތޮޅަށާއި، ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅެއްގައި އައްޑުއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު ގަންއިންޓަރނޭޝަނަލް އެއާޕޯޓަށް ފައިބައި ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމުން އެމަނިކުފާނާއި ޕީޕީއެމަށް ތާއިދު ކުރައްވާ ގިނަ ބަޔަކު ތިބިއެވެ. އެމަނިކުފާނު މިހާރު ގެންދަވަނީ އެމީހުންނާ ސަލާމް ކުރައްވަމުންނެވެ.

ރައީސް އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް ކުރައްވާ މިދަތުރުފުޅުގައި ހުޅުމީދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތާއި، ފެނުގެ ޚިދުމަތް އިފްޠިތާޙް ކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރަށް ހައުސިން ޔުނިޓްތައް ހުޅުއްވައިދެއްވުމަށާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހުޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހިތަދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާގެ ޚިދުމަތް ފައްޓަވައިދެއްވުމަށާއި، ހައުސިންގް ޔުނިޓްތަކާއި، ނޭޗަރ ޕާކާއި، ސޯލާ ހައިބްރިޑް ޕަވަރ ސިސްޓަމް ހުޅުއްވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ފޭދޫ، މަރަދޫ، މަރަދޫފޭދޫގެ ފެނުގެ ޚިދުމަތް ފައްޓަވައިދެއްވުމަށާއި، ފޭދޫ ބިންހިއްކުމުގެ މަޝްރޫޢު ނިމުން ފާހަގަކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ޏ. ފުވައްމުލަކަށް ވަޑައިގެން އެރަށުގެ ފެނާއި، ނަރުދަމާގެ ޚިދުމަތް ފައްޓަވައިދެއްވުމަށާއި، ހައުސިންގ ޔުނިޓްތަކާއި، ނޭޗަރ ޕާކް ހުޅުއްވައިދެއްވުމުގެ އިތުރުން އެރަށު ބަނދަރުގެ އެއްގަމުތޮށި ހަދާ ނިމުން ފާހަގަކޮށްދެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މަރަދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ގަންއިންޓަރނޭޝަނަލް އެއާޕޯޓުން ރައީސް ޔަމީން މިހާރުވަނީ ހުޅުމީދުއަށް ފުރައި ވަޑައިގެންފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.