ރަނިންމޭޓުކަން ގަބޫލުކުރީ އާލިމުންނާ މަޝްވަރާ ކުރެއްވުމަށްފަހު: ޑރ. ޝަހީމް

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރަނިންމޭޓުކަން ގަބޫލު ކުރެއްވީ ރާއްޖޭގައި ތިއްބެވި ބައެއް އާލިމުންނާ މަޝްވަރާ ކުރައްވައިފައި ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު މިއަދު ވިދާޅުވީ އޭގެ އިތުރަށް އެމަނިކުފާނަށް ކިޔަވައި ދެއްވި ބައެއް އުސްތާޒުންނާއި ބޭރުގެ ބައެއް ފަރާތްތަކާވެސް މަޝްވަރާ ކުރައްވައިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރަނިންމޭޓުކަން ގަބޫލުކުރީ ދިވެހިރާއްޖޭގައި ތިއްބެވި އާލިމުންގެ ތެރެއިން އަޅުގަނޑު އެބައެއްގެ ތަގުވާވެރިކަމާއި، އިލްމުވެރިކަމުގެ މައްޗަށް އިތުބާރުކުރާ އެތައް ބޭފުޅުންނާ މަޝްވަރާ ކޮށްފައި. އަދިއަޅުގަނޑަށް ކިޔަވައި ދެއްވުމުގައި އެތައް އަހަރެއް ވަންދެން އުޅުއްވި އުސްތާޒުންނާއި ރާއްޖެއިން ބޭރުގެ ބޭފުޅުންނާވެސް މަޝްވަރާ ކޮށްފައި އަޅުގަނޑު އެކަން ގަބޫލުކުރީ،" ޑރ. ޝަހީމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިއީ މީގެކުރިން ޝައުގުވެރިވެ ވަޑައިގެންނެވި ކަމެއް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖޭގައި އިސްލާމީ ވަހުދަތު ނަގަހައްޓަވައި ދެމެހެއްޓުމަށް އެމަނިކުފާނުގެ އެހީތެރިކަން ބޭނުންވާ ކަމަށް ރާއްޖޭގެ ވަލިއްޔުލް އަމްރު އެދިވަޑައިގެންނެވުމުން އެއްވެސް ޝަރުތެއްނެތި އެކަން ގަބޫލު ކުރެއްވީ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

"ރަނިން މޭޓުކަން ހުށަހަޅުއްވަމުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވީ ދިވެހިރާއްޖޭގައި އިސްލާމީ ކަންތައްތަކާއި އިސްލާމީ ވަހުދަތު ދެމެހެއްޓުމަށްޓަކައި ޝަހީމް އެބަ ބޭނުންވެޔޭ. އަޅުގަނޑު އިސްލާމީ ދާއިރާއަށް ނިސްބަތްވާ މީހެއްގެ ހައިސިއްޔަތުން އަދި ކަންކަން ކުރުމުގެ ކޮންމެވެސް ވަރެއްގެ ގާބިލްކަމެއް މާތްﷲގެ ހެޔޮ ރަހުމަތްފުޅުން އަޅުގަނޑަށް ލިބިފައިވާތީވޭ ރާއްޖޭގެ ވަލިއްޔުލްއަމްރު އަޅުގަނޑުގެ ކިބައިން އެދިވަޑައިގެންނެވި އެދިވަޑައިގަތުމަކީ އެއީ ވަރަށްމަތިވެރި އެދިވަޑައިގަތުމެއް. އެކަމުގެ މަތިވެރިކަމަށްޓަކައި އެއްވެސް ޝަރުތެއްނެތި އަޅުގަނޑުވާނީ އެކަން ގަބޫލުކޮށްފައި. އަދި އެކަން ގަބޫލުކުރީ ދިވެހިރާއްޖޭގައި ތިއްބެވި އާލިމުންގެ ތެރެއިން އަޅުގަނޑު އެބައެއްގެ ތަގުވާވެރިކަމާއި، އިލްމުވެރިކަމުގެ މައްޗަށް އިތުބާރުކުރާ އެތައް ބޭފުޅުންނާ މަޝްވަރާ ކޮށްފައި،" ޝަހީމް ވިދާޅުވިއެވެ.

"އަޅުގަނޑަކީ މީގެ ކުރިން އެކަމަށް ޝައުގުވެރިވެގެންހުރި މީހެއްނޫން. އަޅުގަނޑު ގަބޫލުކުރާ އިސްލާމީ އުސޫލެއް އޮވޭ. އެއީ އެމީހަކު އެކަމަށް ދަހިވެތިވެގެން ނެތްކަމެއް އެމީހަކާ ހަމައަށް އަތުވެއްޖެނަމަ މުސްލިމުންގެ މަޝްވަރާއާއެކު އެކަން ގާބޫލުކޮށްފި ނަމަ އެކަމުގައި ﷲ އެމީހަކަށް ތައުފީގު ދެއްވައޭ. އެހެންވީމާ މިކަމުގައި އަޅުގަނޑު އަމަލުކުރީ ރަސޫލާގެ ސުންނަތާ އެއްގޮތަށް،" ޑރ. ޝަހީމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.