މެކްސިކޯ ބަލިކޮށް ބްރެޒީލް ކުއާޓަރ ފައިނަލަށް

ވޯލްޑްކަޕް 2018 ގައި ހޯމަ ދުވަހުގެ ރޭ ކުޅުނު ފުރަތަމަ މެޗުގައި 2 ލަނޑު 0 ލަނޑުން މެކްސިކޯ ބަލި ކުރުމަށް ފަހު ބްރެޒީލް ކުއާޓަރ ފައިނަލަށް ހިނގައްޖެއެވެ.

މިއީ މި މުބާރާތުގެ މި ބުރުގައި ހައިރާން ކުރުވަނިވި ނަތީޖާއެއް ނުނުކުންނަ ފުރަތަމަ މެޗެވެ. މެޗުގައި މެކްސިކޯއަށް ރަނގަޅަށް ކުޅެވުނީ ފުރަތަމަ ހާފުގެ ފުރަތަމަ ވިއްސަކަށް މިނިޓުގައެވެ. އޭގެ ފަހުން މުޅި މެޗުގެ ކޮންޓްރޯލް އޮތީ ބްރެޒީލްގެ އަތުގައެވެ. ހަމަލާތައް އުފައްދަމުން މެކްސިކޯގެ ދިފާޢަށް ބާރުބޮޑު ކުރަމުން ދިޔައެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ފުރަތަމަ ހާފުގައި ބްރެޒީލް ރަނގަޅަށް ކުޅުނު ނަމަވެސް ނޭމާގެ ރޯލު މާ ބޮޑަކަށް ފާހަގައެއް ނުކުރެވެއެވެ.

އެކަމަކު ދެވަނަ ހާފު ފެށުމާއެކު ނޭމާ ހަރަކާތަށް އަތުވެއްޖެއެވެ. ފެށޫމާއެކު މެކްސިކޯގެ ގޯލަށް ޙަމަލާތައް އަމާޒުވާން ފެށިއެވެ. މެކްސިކޯގެ ގޯލްކީޕަރުގެ ހުސިޔާރު މަސައްކަތަށް ތައުރީފު ހައްގެވެ. އޭނާގެ މަސައްކަތުން ނޫން ނަމަ މެކްސިކޯގެ ދިފާޢަށް ބަލާއިރު ބްރެޒީލް ހަތަރުފަސް ލަނޑު ޖެހީހެވެ. 48 ވަނަ މިނިޓުގައި ބްރެޒީލްގެ ފުރަތަމަ ޙަމަލާ ފޮނުވައިލިއެވެ. ކޯޓީނިއޯގެ މި ޙަމަލާ ނާކާމިޔާބު ކޮށްލީ ގޯލްކީޕަރު އޮޗޮއާއެވެ. ބްރެޒީލް ކަނޑު ޖެހީ 51 ވަނަ މިނިޓުގައެވެ. މިއީ ވަރަށް ރީތި ލަނޑެކެވެ. ނޭމާ ބޯޅަ ހިފައިގެން ގޯލު ހުރަސްކޮށް އޭރިއާގެ ބޭރުން ދުވެފައި ދަމުން، ކުއްލިއަކަށް ބޯޅަ ފަހަތަށް ޖައްސާލިއެވެ. ބޯޅަ ލިބުނީ ވިލިއަން އަށެވެ. ބޯޅަ ފަހަތަށް ޖައްސާލުމަށް ފަހު ނޭމާ މަޑެއް ނުކުރެއެވެ. ދުވެފައި އެދިޔަ ގޮތަށް ގޮސް ވަނީ އޭރީއާ ތެރެއަށެވެ. އާދަޔާ ޚިލާފަށް މޮޅަށް ކުޅުނު ކަމަށް ފާހަގަ ކުރެވުނބު ވިލިއަން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލު ކުރިމައްޗަށް ހުރަސް ކޮށްލިއެވެ. ބޯޅަ ގޯލަށް ފޮނުވައިލީ ނޭމާއެވެ.

ދެން ފެނިގެން ދިޔައީ ބްރެޒީލް ޙަމަލާތައް ކުރިއަށްވުރެ ވަރުގަދަ ވެގެން ދިޔަ ތަނެވެ. ޚާއްސަ ގޮތެއްގައި ނޭމާއާއި ވިލިއަންގެ ކުޅުން ހަލުވިވެ މެކްސިކޯގެ ދިފާޢަށް ބާރު ބޮޑު ވަމުން ދިޔައެވެ. މެކްސިކޯއަށް ކުރެވުނުހައިވެސް ކަމަކީ ދިފާޢު ކުރުމާއި، ދޭތެރެ ދޭތެރެއިން ލިބޭ ކައުންޓަރ އެޓޭކް ފުރުސަތެއްގައި ލަނޑެއް ޖެހޭތޯ މަސައްކަތް ކުރުމެވެ. ބްރެޒީލަކީ ޙަމަލާއަށް މަޝްހޫރު ޓީމެކެވެ. މެދު ތެރެއާއި ކުރިއަށް ކުޅުމުގައި އަބަދުވެސް ފާހަގަ ކުރެވޭ ޓީމެކެވެ. އެކަމަކު މި މެޗުގައި ފެނުނީ ބްރެޒީލްގެ ދިފާޢުވެސް އާދަޔާ ޚިލާފަށް މޮޅަށް ކުޅުނު ތަނެވެ.

ބްރެޒީލް ދެވަނަ ލަނޑު ޖެހީ މެޗުގެ 88 ވަނަ މިނިޓުގައެވެ. މިއީ ނޭމާގެ އެހީތެރިކަމާއެކު ފިރްމީނޯ ޖެހި ލަނޑެކެވެ. ނޭމާ ހުރަސް ކުރި ބޯޅައަކުން އޭނާ ޖެހި ލަނޑެކެވެ. މި ލަނޑު ޖެހީ ކޯޓީނިއޯގެ ބަދަލުގައި އޭނާ ކުޅެން ދަނޑަށް އެރިތާ ދެ މިނިޓުގެ ތެރޭގައެވެ.

މްޗު ނިމުނީ 2 ލަނޑު 0 ލަނޑުން ބްރެޒީލް މޮޅު ވެގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.