ވޯލްޑްކަޕް 2018 ގައި އާދީއްތަ ދުވަހުގެ ރޭ އެގާރަ ޖެހި އިރު ފެށުނު މެޗު ކާމިޔާބު ކުރީ ކްރޮއޭޝިއާއެވެ. 4 ލަނޑު 3 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ. އެއީ 1 ލަނޑު 1 ލަނޑުން ދެ ޓީމު އެއްވަރު ވުމުގެ ސަބަބުން ޕެނަލްޓީ ޖަހައިގެންނެވެ.
މެޗު ފަށައިގެން މިނިޓެއްވެސް ނުވަނީސް ފުރަތަމަ ލަނޑު ޖެހީ ޑެންމާކެވެ. މިއީ މި މުބާރާތުގެ އެންމެ އަވަސް ލަނޑެވެ. ޑެންމާކުން މި ލަނޑު ޖެހިތާ ތިން މިނިޓު ނުވަނީސް ކްރޮއޭޝިއާއިން ލަނޑެއް ޖެހިއެވެ. މެޗުގެ ފުރިހަމަ ވަގުތާއި، އެއްވަރު ވުމުގެ ސަބަބުން ކުޅުނު ބައިގަޑިއިރު ދިޔައީ ލަނޑެއް ނުޖެހިއެވެ. ދެ ޓީމުންވެސް ވަރަށް ރަނގަޅަށް ކުޅުނެވެ. އެކަމަކު ދެ ޓީމުން ކުރެ ރަނގަޅު ކަމަށް ފެނުނީ ޑެންމާކެވެ. ދެ ޓީމުންވެސް ބަލަމުން ދިޔައީ ކުރިއަށް ގިނަ ކުޅުންތެރިން ނާރުވާ ވޭތޯއެވެ. އެހެންވީމާ ދިފާޢީ ކުޅުމަށް ބޮޑަށް ސަމާލުކަން ދިނީއެވެ.
މެޗުގެ އިތުރު ގަޑި ނިމެމުން ދަނިކޮށް ކްރޮއޭޝިއާއަށް ޕެނަލްޓީއެއް ލިބުނެވެ. ޕެނަލްޓީ ޖަހަން ދިޔައީ ކެޕްޓަން މޮޑްރިޗެވެ. އެކަމަކު އޭނާ ޖެހި ޕެނަލްޓީ ޑެންމާކްގެ ގޯލްކީޕަރު ހިފީއެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ޖެހި ޕެނަލްޓީގެ ތެރެއިން ފުރަތަމަ ޕެނަލްޓީއާއި ހަތަރު ވަނަ ޕެނަލްޓީ ގޯލްކީޕަރުން މަތަކުރީއެވެ. ނަތީޖާ އާ ހަމައަށް ދާން އެންމެ ފަހުގެ ދެ ޕެނަލްޓީއާ ހަމައަށް ދިޔައެވެ. ޑެންމާކުގެ ޕެނަލްޓީ ގޯލްކީޕަރު މަތަކުރީއެވެ. އެކަމަކު ކްރޮއޭޝިއާގެ ޕެނަލްޓީ ގޯލްކީޕަރަކަށް މަތައެއް ނުކުރެވުނެވެ. ސީދާ ގޮސް ވަނީ ގޯލަށެވެ.
މި މުބާރާތުގައި ހޯމަ ދުވަހުވެސް ދެ މެޗު ކުޅޭނެެވެ. ފުރަތަމަ އޮންނާނީ ރޭގަނޑު 7 ޖަހާއިރުއެވެ. ކުޅޭނީ ބްރެޒީލާއި މެކްސިކޯއެވެ. ދެވަނަ މެޗު އޮންނާނީ ރޭގަނޑު 11 ޖަހާއިރުއެވެ. ކުޅޭނީ ޖަޕާނާއި ބެލްޖިއަމެވެ.