ވޯލްޑްކަޕް 2018 ގައި ބުދަ ދުވަހުގެރޭ ޖަރުމަނާއި، ދެކުނު ކޮރެއާ ކުޅުނު މެޗު 2 ލަނޑު 0 ލަނޑނުން ދެކުނު ކޮރެއާ ކާމިޔާބު ކޮށްފިއެވެ. މިއީ މި މުބާރާތުގައި ފެންނަ އާދަޔާ ޚިލާފު ނަތީޖާތަކުގެ ސިލްސިލާއަށް އިތުރުވީ ބޮޅެކެވެ. ޖަރުމަނަށް މިރޭ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ހުޅުވުނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސްވިޑްން ކޮޅަށް ޖެހި ލަނޑަކުންނެވެ. މިރޭ އެ ޓީމު މުބާރާތުން ވަކިވެ، އެނބުރި ރަށަށް ދާން ޖެހުނީ އިތުރު ވަގުތުގައި ދެކުނު ކޮރެއާ ޖެހި ދެ ލަނޑުންނެވެ.
މެޗު ފެށިގެން ފުރަތަމަ ކޮށްޓުމާއެކުވެސް ޖަރުމަނު ކުޅެމުން ދިޔައީ ދޯދިޔާ ކުޅުމެކެވެ. މެދުތެރެއަށް ކުޅުނު އިސްކޮޅުން ދިގު ކުޅުންތެރިންގެ ބޭނުމެއް ނުހިފައެވެ. ދެކުނު ކޮރެއާގެ ދިފާޢޫ ފޫއަޅުވާލަން ކުރެވުނު އެއްވެސް ކަމެއް ނެތެވެ. ކިރިޔާވެސް ލިބޭ ހަނި ފުރުސަތެއްގައި ގޯލަށް ފޮނުވައިލެވޭ ބޯޅަތައް ދެކުނު ކޮރެއާގެ ކުޅަދާނަ ގޯލްކީޕަރު ދިޔައީ މަތަކުރަމުންނެވެ. އޭނާގެ ކުޅަދާނަކަން މި މެޗުގައި ވަރަށް ބޮޑަށް ފެނިގެން ދިޔައެވެ.
މިރޭގެ މެޗަކީ ޖަރުމަނު މޮޅުވުން މަޖުބޫރު މެޗެކެވެ. އެއްވަރު ވެގެން ދެވަނަ ބުރަށް ދެވެން އޮތީ ގްރޫޕްގެ އަނެއް މެޗުގައި މެކްސިކޯ އަތުން ސްވިޑްން ބަލި ވެގެންނެވެ. އެކަމަކު އެ މެޗުން ސްވިޑްން މޮޅުވީ ލަނޑުތައް ޖެހި ފަހުންވެސް ޖަރުމަނު ފެންވަރުގެ ޓީމަކަށް މޮޅު ވެވޭނޭ ވަގުތު އޮތެވެ. އެންމެ ލަނޑަކުން މޮޅުވީ ނަމަވެސް ޖަރުމަނަށް ދެވަނަ ބުރަށް ދެވުނީހެވެ. އެހެންވީނަމަ ކަޓާނީ މެކްސިކޯއެވެ. މިހައި ރަނގަޅަށް ފުރުސްތު ލިބިފައި އޮވެމެ، ޖަރުމަނަށް ޖެހުނީ ރޮމުންރޮމުން ދަނޑުން ފައިބާށެވެ.
ދެކުނު ކޮރެއާގެ ފުރަތަމަ ލަނޑު ޖެހީ 91 ވަނަ މިނިޓުގައި ކިމް ޔަން ވޯންއެވެ. މި ލަނޑަކީ އޯފްސައިޑް ލަނޑެއް ކަމަށް ރެފްރީ ނިންމިއެވެ. އެއީ ލައިންސްމަން ދިދަ ނަގައިގެން ހުރުމުންނެވެ. އެކަމަކު ވީއޭއާރް ރީޕް؛ޭ ބެލުމަށް ފަހު އެއީ ލަނޑެއް ކަމަށް ކަނޑައެޅީއެވެ.
ދެކުނު އެފްރިކާ ދެވަނަ ލަނޑު ޖެހީ ޖަރުމަނުގެ މުޅި ޓީމު ކުރިއަށް އެރި ވަގުތުއެވެ. ނުވަދިހަ މިނިޓު ކުޅެގެންވެސް ނުކުރެވުނު ކަމެއް ކުރެވިދާނޭ ކަމަށް ބަލައި ޖަރުމަނުގެ ގޯލްކީޕަރުވެސް އޮތީ ދެކުނު އޭރިއާގެ ގޯލު ކުރިމަތީގައި ލަނޑެއް ޖަހަން އަރައެވެ. އެވަގުތު ދެކުނު ކޮރެއާއިން ފޮނުވައިލީ ދިގު ބޯޅައެއް ޖަރުމަނު ހާފުގެ ތެރެއަށް އައި އިރު ދެކުނު ކޮރެއާގެ ސޮން ލެވުނުހައި ބާރެއް ލާފައި ޖަރުމަނުގެ ގޯލާ ދިމާއަށް ދުޗވަނީއެވެ. އޭނާގެ ފަހަތުން އައި ޖަރުމަނުގެ ކުޅުންތެރިޔާއަކަށް އޭނާ އަތެއް ނުވިއެވެ. އޭނާ އެ ދިޔަ ގޮތަށް ގޮސް ހުސް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވައިލީއެވެ.
މެޗު ނިމުނީ މުޅި ދުނިޔެ ހައިރާންވީ ނަތީޖާއަކުންނެވެ. 2 ލަނޑު 0 ލަނޑުން ޖަރުމަނު ބަލި ވެގެންނެވެ.
ގުރޫޕްގެ އަނެއް މެޗު 3 ލަނޑު 0 ލަނޑުން ކާމިޔާބު ކުރީ ސޮވިޑްންއެވެ.
ގުރޫޕުން ދެވަނަ ބުރަށް އެއްވަނަ ޓީމުގެ ގޮތުގައި ދިޔައީ ސްވިޑްންއެވެ. ދެވަނައަށް މެކްސިކޯއެވެ.