ވަރުގަދަ ޕޯޗުގަލް މުބާރާތަށް އަލްވަދާޢު - ޔުރްގުއާއީ ކުއާޓަރ ފައިނަލަށް

އަނެއްކާވެސް ވަރުގަދަ ޓީމަކަށް ދަތުރު ހަދައިގެން އެނބުރި ރަށަށް ދާން ޖެހުނީއެވެ. މި ފަހަރު ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލެވެ. ވޯލްޑްކަޕް 2018 ގައި ހޮނިހިރު ދުވަހުގެރޭ  އެގާރަ ޖެހިއިރު ފެށި މެޗު ނިމިގެން ދިޔައީ 2 ލަނޑު 1 ލަނޑުން ޔުރްގުއާއީ މޮޅު ވެގެންނެވެ. މިއީ މި ފަހަރުގެ ވޯލްޑްކަޕްގައި ފެނުނު އާދަޔާ ޚިލާފު ނަތީޖާތަކަށް އިތުރު ވެގެން ދިޔަ ނަތީޖާއެކެވެ.

ޔުރްގުއާއީ ފުރަތަމަ ޖެހި ލަނޑަކީ އާދަޔާ ޚިލާފަށް މޮޅު ލަނޑެކެވެ. މެދުތެތޭގައި ކުރިއަށް ކުޅޭ ދެ ކުޅުންތެރިންގެ ލަނޑެކެވެ. މިއީ މަދުން ފެންނަ ކަހަލަ ލަނޑެކެވެ. ކަބާނީއަށް ބޯޅަ ލިބުނީ ޔުރްގުއާއީގެ ހާފުން ކަނާތްފަރާތުގެ އަރިމަތީ ރޮނގާ ހަމައިންނެވެ. އޭނާ ބޯޅަ ހިފައިގެން ދުވެފައި އަރައިގެންގޮސް އަނެއް ފަރާތުގައި ހުރި ސުއަރޭޒަށް ފޮނުވައިލިއެވެ. ދިގު ބޯޅައެކެވެ. ފޮނުވާލުމަށް ފަހު ކަވާނީ ދުއްވައިގަތީ ޕޯޗުގަލްގެ އޭރިއާގެ ތެރެއަށެވެ. ސުއަރޭޒް މެއިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ކުޅެލިއެވެ. އަދި އޭރިއާ ތެރެއަށް ބަލައިލިއެވެ. އޭރު ކަބާނީ އޭރިއާ ތެރެއަށް ވަދެއްޖެއެވެ. ސުއަރޭޒް ޕޯޗުގަލްގެ ދިފާޢީ ކުޅުންތެރިންގެ ތެރެއިން ކަވާނީއަށް ވަރަށް ރީތިކޮށް ބޯޅަ ފޮނުވައިލިއެވެ. މަތިންނެވެ. އޭނާ ފަސޭހަ ކަމާއެކު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވައިލިއެވެ. ބޮލުން ޖަހަން އުޅުނީ ބޯޅަ ޖެހުނީ މޫނުމަތީގައެވެ. އެކަމަކު ބޯޅަ ވަނީ ގޯލަށެވެ. އޭރު އަދި ކުޅެވުނީ މެޗުގެ އެންމެ ހަތް މިނިޓެވެ.

ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެއެވެ.

ޕޯޗުގަލްގެ ލަނޑު ޖެހީ 55 ވަނަ މިނިޓުގައި ޕެޕޭއެވެ. މިއީ ގަރޭރޯ ނަގައިދިން ހުރަހަކުން ޕެޕޭ ބޮލުން ޖެހި ރީތި ލަނޑެކެވެ. އޭނާ އެވަގުތު ހުރީ މުޅީން ހުހަށެވެ. މިއީ މި މުބާރާތުގައި ޔުރްގުއާއީ ކޮޅަށް ވަން ފުރަތަމަ ލަނޑެވެ.

ޔުރްގުއާއީގެ ދިފާޢު ފޫ އަޅުވައިލެވޭތޯ ޕޯޗުގަލް ދިޔައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެކަމަކު އެއްވެސް ހަމަލާއެއް ރީތިކޮށް ގޯލަށް ފޮނުވައިލެވޭ ވަރެއް ނުވެއެވެ. ނުރައްކަލެއް ނުކުރެވުނެވެ. ރޮނާލްޑޯވެސް ފެނުނީ ދުރުދުރުން އުޅޭ ތަނެވެ. ދޭތެރެދޭތެރެއިން ވަދެގަންނާން އުޅުނަސް ބައެއް ފަހަރު ފެނުނީ ފަރުވާ ކުޑަ ކުޅުމެކެވެ. އެހެންވީ ޔުރްގުއާއީން އޭނާ މާކުކޮށްފައި އޮތްލެއް ރަނގަޅު ކަމުންނެވެ.

މެޗު އެއްވަރު ކުރުމަށް ފަހު އެ ނަތީޖާގައިވެސް މާ ގިނަ އިރަކު ޕޯޗުގަލަކަށް ހިފަހައްޓައެއް ނުލެވުނެވެ. 69 ވަނަ މިނިޓުގައި އަނެއްކާވެސް ލަނޑެއް ޖެހީ ކަބާނީއެވެ. މިއީވެސް އޭނާ ޖެހި ރީތި ލަނޑެކެވެ. ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެންނެވެ.

މި ނަތީޖާއަށް ފަހު ކުރިއަށް ޖެހި ޙަމަލާތައް ވަރުގަދަ ކުރެވޭތޯ ޕޯޗުގަލް މަސައްކަތް ކުރިއެވެ. އެކަމަކު ޔުރްގުއާއީގެ ދިފާޢު ފެނުނީ އެއަށްވުރެ ވަރުގަދަކޮށެވެ.

މި މެޗަކީ ކުރީއްސުރެ ގިނަ ކޮމެންޓޭޓަރުން ލަފާ ކޮށްފައިވަ ގޮތަށް ހަރުކަށި މެޗެކެވެ. ދެ ޓީމުންވެސް ހަރުކަށި ކުޅުން ފެނިގެން ދިޔައެވެ.

މިނަތީޖާއާއެކު ޔުރްގުއާއީ ކުއާޓަރ ފައިނަލަށް ދިޔައީއެވެ. ކުއާޓަރ ފައިނަލް ގައި އެ ޓީމު ބައްދަލު ކުރާނީ ރޭ އާޖެންޓީނާއާ ކުޅެ މޮޅުވީ ފްރާންސާއެވެ.

އާދީއްތަ ދުވަހުވެސް މުބާރާތުގެ ދެ މެޗު އޮންނާނެއެވެ. ފުރަތަމަ މެޗު އޮންނާނީ ރޭގަނޑު ހަތެއް ޖަހާއިރުއެވެ. ބައްދަލު ކުރާނީ ސްޕެއިންއާއި ރަޝިއާއެވެ. ދެވަނަ މެޗު އޮންނާނީ ރޭގަނޑު އެގާރަ ޖަހާއިރުއެވެ. ބައްދަލު ކުރާނީ ކްރޮއޭޝިއާ އާއި ޑެންމާކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.