ވޯލްޑްކަޕް 2018 ގައި ހުކުރުދުވަހުގެ ރޭ އަށެއް ޖެހި ފެށި އީރާން، މޮރޮކޯ މެޗުން 1 ލަނޑު 0 ލަނޑުން އީރާން މޮޅު ވެއްޖެއެވެ. މޮރޮކޯގެ ޢަޒީޒް ބޫހައްދޫޒް އަތުން މި ލަނޑު ބައިކޮޅަށް ވަނީ އިތުރު ވަގުތުގެ 5 ވަނަ މިނިޓުގައެވެ. އިތުރު ވަގުތަށް ރެފްރީ ދިނީ 6 މިނިޓެވެ. ބޫހައްދޫޒު މަސައްކަތް ކުރީ ބޮލުން ޖަހައި ބޯޅަ ބޭރަށް ފޮނުވައިލާށެވެ. އެކަމަކު ބޯޅަ ގޮސް ވަނީ ގޯލަށެވެ. އޭނާ ބޮލުން ޖަހައި ބޭރަށް ބޯޅަ ފޮުވާލަން އުޅުނު އިރު އޭނާގެ ކައިރިއަކު އީރާނުގެ ކުޅުންތެރިއަކު ނެތެވެ.
މިއީ ވޯލްޑްކަޕްގެ މެޗެއްގައި އީރާން މޮޅުވީ ދެވަނަ ފަހަރެވެ. ފުރަތަމަ އީރާނު މޮޅުވީ މީގެ ވިހި އަހަރު ކުރިން އެމެރިކާ އަތުން 2 ލަނޑު 1 ލަނޑުންނެވެ.
މި މެޗުގައި މޮރޮކޯއަށް ލަނޑު ޖަހާނެ ވަރަށް ގިނަ ފުރުސަތު ލިބުނެވެ. އީރާން ސަލާމަތް ކޮށް ދިނުމުގައި އެންމެ އިސް ދައުރެއް ކުޅުނީ ޓީމުގެ ގޯލްކީޕަރެވެ. ފުރަތަމަ ހާފުގެ ފުރަތަމަ ވިއްސަކަށް މިނިޓުގެ ތެރޭގައި މޮރޮކޯ ވަރަށް ރަނގަޅަށް ކުޅުނެވެ. އީރާނުން ކައުންޓަރ އެޓޭކްގައި ފުރުސަތެއް ހޯދޭތޯ މަސައްކަތް ކުރިއެވެ.
ދެވަނަ ހާފް ފެނުނީ ކުށް ގިނަ ހާފެއްގެ ގޮތުގައެވެ. ހާފުގެ ފަހު ކޮޅަށް އައި އިރު ދެ ޓީމުންވެސް ފެނިފައި ވަނީ ވަރުބަލިކަމެވެ. އެކަމަކު އީރާނު ޓީމުގެ ޖޯޝް ތަންކޮޅެއް ރަނގަޅެވެ. އެކަށިގެންވާ ފުރުސަތުތަކެއްވެސް ހޯދިއެވެ. އެކަމަކު ނިންމައިލުން ރަނގަޅެއް ނުކުރެވުނެވެ.
މުޅި މެޗުގައި ބޯޅަ ގިނަ ވަގުތު ގެންގުޅުނީ މޮރޮކޯއެވެ. އެކަމަކު ގިނަ ކުށް ކުރީވެސް މޮރޮކޯއެވެ. މެޗުގައި ހަތަރު ރީނދޫ ކާޑު ދެއްކިއެވެ. އެއީ އީރާނަށް 3 ކާޑާއި މޮރޮކޯއަށް 1 ކާޑެވެ.