ވޯލްޑްކަޕް 2018 ގެ ސެމީ ފައިނަލަށް ދިޔަ ޓީމަކަށް ފްރާންސް ވެއްޖެއެވެ. ފްރާންސް ސެމީ ފައިނަލަށް ދިޔައީ ހުކުރު ދުވަހުގެ ރޭ އިރާކޮޅު ކުޅުނު މެޗުގައި 2 ލަނޑު 0 ލަނޑުން ބަލިކޮށްފައެވެ.
މެޗު ފެށުމާއެކު ދެ ޓީމުންވެސް މަސައްކަތް ކުރަން ފެށީ ލަނޑެއް ޖަހާށެވެ. ފުރިހަމަ ބާރާއެކު ހަމަލާާގެ ކުޅުމެއް ކުޅޭށެވެ. ހަމަލާތައް އުފައްދައިގެން އިދިކޮޅަށް ނުރައްކާ ކުރާށެވެ. އެކަމަކު ދެ ޓީމުން ކުރެ ޓީމަކަށް އެކަށީގެންވާ ވަރުގެ ނުރައްކާާތެރި ހަމަލާއެއް ދެވޭ ގޮތެއް ނުވެއެވެ. ދެ ޓީމުގެވެސް ދިފާޢު އެހައި ވަރުގަދައެވެ. އަދި މެދު ތެރެ ހަރަކާތްތެރިއެވެ.
ފްރާންސުން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 44 ވަނަ މިނިޓުގައި ރަފައެލްއެވެ. އޭނާ އަކީ ފްރާންސްގެ ފަހަތަށް ކުޅޭ ކުޅުންތެރިއެކެވެ. މިއީ ޔުރްގުއާއީގެ ދިފާޢުން ހެދުނު ގޯހެއްގެ ނަތީޖާއެވެ. ރަފައެއް ބޮލުން ޖަހަން ދުވެފައި އައި އިރަކު އޭނާގެ ފަހަތަކުން ނުވަތަ އޭނާޔާ އެކީ މީހަކު ނާދެއެވެ. އޭނާ ދުވެފައި ގޮސް ފަސޭހަ ކަމާއެކު ބޯޅަ ގޯލަށް ފޮނުވައިލިއެވެ.
ފުރަތަމަ ހާފުގައި ޔުރަގުއާއިން ދެ ހަމަލާއެއް ގޯލަށް ފޮނުވައިލިއެވެ. ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ފްރާންސުން ފުރަތަމަ ހާފުގައި ޖެހި ލަނޑަކީ އެ ހާފުގައި އެ ޓީމުން ގޯލާ ދިމާއަށް ފޮނުވުނު ހަމައެކަނި ހަމަލާއެވެ.
ދެވަނަ ހާފު ފެށިގެން ފްރާންސްގެ ކޮންޓްރޯލް ކުޑަކޮށް ރަނގަޅު ކަމަށް ފެނުނެވެ. އެއީ ލަނޑެއް ޖެހިފައި އޮތުމާއެކު ލިބުނު ހިތްވަރު ކަމަށް ފެނެއެވެ. އެކަމަކު ޔުރްގުއާއީ ހަމަ ކުރިއެކޭ އެއްވަރަށް ޖޯޝާއެކު ކުޅުނެވެ. ފްރާންސުން ކުޑަކޮށް ފަަހަަތަށް ޖެހުމާއެކު ހަމަލާ އުފައްދަން ލިބުނު ފުރުސަތުތަކުގެ ބޭނުން ކުރަމުން ދިޔައެވެ. ޔުރްގުއާއީގެ ހިތްވަރު އެލޭ ގޮތްވީ ދެވަނަ ހާފުގައި އެ ޓީމުގެ ގޯލަށް ވަން އާދަޔާ ޚިލާފު ލަނޑުންނެވެ. އެއީ ފްރާންސްގެ ގްރިޒްމާން އޭރިޔާގެ ބޭރުން ފޮނުވައިލީ ބާރު ބޯޅަ ޔުރްގުއާއީގެ ގޯލްކީޕަރު އުޅުނީ ވާތް ފަރާތަށް ފޮޅުވައިލާށެވެ. އެކަމަކު ބޯޅަ ބުރެކި ވެގެން ދިޔަ ގޮތުން އޭނާގެ އަތުގައި ޖެހިފައި ބޯޅަ ދިޔައީ އޭނާގެ ބޯ މަތީން ގޯލުގެ އެތެރެއަށެވެ.
މި މެޗުގައި މޮޅު ކުޅުމެއް ދައްކާނޭ ކަމަށް ބެލެވުނު އެމްބާޕޭގެ މާ މޮޅު ކުޅުމެއް ނުފެނެއެވެ.
މެޗު ނިމުނީ 2 ލަނޑު 0 ލަނޑުން ފްރާންސް މޮޅު ވެގެންނެވެ.
މިރޭ 11 ޖަހާިރު އޮންނާނީ ކުއާޓަރ ފައިނަލްގައި ބްރެޒީލާއި ބެލްޖިއަމް ކުޅޭ މެޗެވެ. މިއީ މިހާރު މި މުބާރާތުގައި އޮތް އެންމެ މޮޅު ދެ ޓީމު ކަމަށް ބެލެވޭ ދެ ތީމެވެ.