އަމިއްލަ އެދުމަށް އުޅޭ ޕާޓީތައް ދޫކޮށް ގައުމާއިގެން އުޅޭ ޕާޓީތަކުގެ ފަހަތަށް އާދޭ: ޑރ. ޚަލީލް

ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ތާރީޚު ކަނޑައެޅިއްޖެއެވެ. އެދުވަހަށް ޕާޓީތައް ތައްޔާރުވާން ފަށައިފިއެވެ. އެހެންނަމަވެސް މިހާތަނަށް ރިޔާސީ ކެންޑިޑޭޓް އިއުލާން ކުރައްވާފައިވަނީ ޕީޕީއެމާއި، އެމްޑީޕީންނެވެ. އިތުރު ޕާޓީއަކުން އަދި ކެންޑިޑޭޓަކު ނުދައްކައެވެ.

ކުރިން ވެސް އަދި މިހާރުވެސް އެއް ކެންޑިޑޭޓަކު ނެރޭވާހަކަ ގުޅިފައިވާ ޕާޓީތަކުން އެބަދައްކައެވެ. އެ މަޝްވަރާތައްވެސް އެބަކުރެވެއެވެ. އެކަމަކު އަދިވެސް ކެންޑިޑޭޓު ވީތަނެއް ނޭނގެއެވެ. އެމްޑީޕީން ބުނަނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ގުޅިފައިވާ ޕާޓީތަކުން ނެރެން އެޕާޓީއަށް ފެންނަ "ސިންގަލް ކެންޑިޑޭޓް" އަކީ ވެސް ރައީސް ނަޝީދު ކަމަށެވެ. އެހެން ޕާޓީތަކުން ވެސް ކެންޑިޑޭޓް ދައްކައިގެން މަޝްވަރާ ކޮށްގެން އެކަކު ނެގުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެޕާޓީން ބުނެއެއެވެ.

އެކަމަކު ގުޅިފައިވާ ޕާޓީތަކަށް ބަލާއިރު އެންމެބޮޑު ޕާޓީއަކީ އެމްޑީޕީއެވެ. އެންމެ މީހުން ގިނައީވެސް އެޕާޓީގައެވެ. އެންމެ ގިނަ އިލެކްޝަންސް ތައް ކާމިޔާބު ކޮށްފައިވަނީ ވެސް އެޕާޓީންނެވެ. މި ސަބަބުތަކަށް ބަލާއިރު ވެސް ސިންގަލް ކެންޑިޑޭޓަކަށް ވާންޖެހޭނީ ރައީސް ނަޝީދު ކަމަށް އެޕާޓީން ދެކެއެވެ.

ސެޕްޓެމްބަރު 23 ގައި އިންތިޚާބު ބާއްވަނީ އެވެ. ވަގުތު ކުޑަތަން ވެއްޖެއެވެ. އެއް ކެންޑިޑޭޓަކު ނުދެއްކެއެވެ. މިކަމާ ބެހޭ ގޮތުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކަށް އެއް ކެންޑިޑޭޓަކު ނުނެރެވުނު ކަމަށެވެ. އެހެންކަމުން އަމިއްލަ އެދުމަށް މަސައްކަތް ކުރާ މީހުންގެ ފަހަތުން އުޅުމުގެ ބަދަލުގައި ގައުމާއިގެއިން އުޅޭ ޕާޓީއެއް (ޕީޕީއެމް) ގެ ފަހަތަށް އައިސް މަސައްކަތް ކުރުމަށް އޭނާ ވިދާޅުވިއެވެ. ޚަލީލް ވިދާޅުވީ ކޯލިޝަންގައި އެމްޑީޕީ ހިމެނޭހާ ހިނދަކު އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް އެޕާޓީން ފުރުސަތު ނުދޭނެކަން މާކުރިން ވެސް އެނގި ވަޑައިގަންނަވާ ކަމަށެވެ. "ޖުމްހޫރީ ޕާޓީން އެއް ކެންޑިޑޭޓަކު ނެރުމަށް ކިތަންމެ މަސައްކަތް ކުރިޔަސް އެމްޑީޕީ އިން އެފުރުސަތު ނުދޭނެ. އެކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެޕާޓީއަށް ވެސް. އެހެންވީމާ އެންމެ ރަނގަޅުވާނީ އަމިއްލަ އެދުން އިސްކުރާ ޕާޓީއެއްގެ އަވައިގައި ޖެހިގެން ތިބުމުގެ ބަދަލުގައި ގައުމީ ކަންކަމުގައި ގައުމާއިގެން އުޅޭ ބަޔަކާ އެކު މަސައްކަތް ކުރަން އައުން،" ޚަލީލް ވިދާޅުވިއެވެ.

އިއްޔެ އޭނާ ވަނީ ޓްވިޓަރ މެދުވެރިކޮށް ގާސިމަށް މިކަމަށް (ޕީޕީއެމްއާ އެކު މަސައްކަތް ކުރުމަށް) ދައުވަތު ވެސް ދެއްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.