ކޯލިޝަން ދެމިއޮތުމުގެ އަސްލަކީ ރައީސް މައުމޫން: މުސްޠަފާ

ރައީސް މައުނޫނާއި ރައީސް ނަޝީދު އެއްބޭފުޅަކު އަނެއްބޭފުޅަކަށް އިތުބާރު ކުރައްވާ

ސަރުކާރު ހިންގާ ކޯލިޝަން ނުރޫޅި މިހާތަނަށް ދެމިގެން އައިސްފައިވާ މައިގަނޑު އެއް ސަބަބަކީ ކޯލިޝަންގެ އެއް ލީޑަރު ކަމަށްވާ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު މުޙައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ "އަޅުގަނޑު ދެކޭ ގޮތުގައި ރައީސް މައުމޫން ކޯލިޝަން ތެރޭގައި ހުންނެވުމަކީ ކޯލިޝަން ދެމިއޮތުމުގެ އަސްލު. މައުމޫން މީގެ ތެރޭގައި ނުހުންނެވި ނަމަ މިހާތަނަށް ވެސް ކޯލިޝަން ދެމިއެއް ނޯންނާނެ. ކޯލިޝަން ދަމަހައްޓަވަން އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ ވަރަށް ޙިކުމަތްތެރި، ޢަމަލީ މަސައްކަތްޕުޅުތަކެއް،" މުސްޠަފާ ވިދާޅުވިއެވެ.

މުސްޠަފާ ވިދާޅުވީ ރައީސް މައުމޫން ވަރަށް ބޮޑަށް ރައީސް ނަޝީދަށް އިތުބާރު ކުރައްވާ ކަމަށެވެ. އަދި ރައީސް ނަޝީދު ވެސް ރައީސް މައުމޫނަށް އެހާ އިތުބާރު ކުރައްވާ ކަމަށެވެ. މިހާތަނަށް ވެސް އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަރަށްބޮޑަށް ގުޅިވަޑައިގެން ކަމަށް ވެސް މުސްޠަފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް މައުމޫނަކީ ވަރަށް ވިސްނުންތޫނު ވަރަށްކެތްތެރި "ފްލެކްސިބަލް" ބޭފުޅެއް ކަމަށެވެ. އެހެން ކަމުން އެމަނިކުފާގެ މާބޮޑު އެދުންފުޅެއް ކޯލިޝަންގައި ނުވަތަ ސަރުކާރުގައި ވެސް އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރައީސް މައުމޫނުގެ ހަމައެކަނި ބޭނުންފުޅުވަނީ ހަމަޖެހޭ ވަރުގަދަ ސަރުކާރެއް ރާއްޖޭގައި އޮތުން ކަމަށް ވެސް މުސްޠަފާ ވިދާޅުވިއެވެ.

"އެމަނިކުފާނުގެ މާބޮޑު އެދުމެއްނެތް ސަރުކާރުގައި. އެމަނިކުފާނު ބޭނުންފުޅުވަނީ ހަމަޖެހޭ ސުލްޙަވެރި ސަރުކާރެއް ރާއްޖޭގައި ޤާއިމް ވެފައި އޮތުން،" އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑަރަކީ ވިޔަފާރިވެރިއަކަށް ވާތީ އޭނާގެ ހުންނަނީ ވިޔަފާރިވެރިއެއްގެ ހުންނަ އެދުންތަކެއް ކަމަށް މުސްޠަފާ ވިދާޅުވިއެވެ.

މުސްޠަފާ ވިދާޅުވީ ސަރުކާރު ކޯލިޝަން ކޯލިޝަނެއްގެ ގޮތުގައި ާގިނަދުވަހަކު ދެމި އޮންނާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. ކޯލިޝަން ރޫޅެން މިހާރުވެސް ވަކިވަގުތެއްނެތް ކަމަށާއި ކޮންމެ ވަގުތެއްގައި ވެސް ރޫޅިދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން އެގޮތަށް ވާނީ ވެސް ޖޭޕީގެ ލީޑަރު ޤާސިމްގެ ސަބަބުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. މުސްޠަފާ ވިދާޅުވީ ލަސް ވެގެން މަޖިލިސް އިންތިޚާބަށްފަހު ކޯލިޝަން ރޫޅޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.