ވޯލްޑްކަޕް 2018 ގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފަހު މެޗުގައި ސްވިޑްން އާ ކުޅެ ޖަރުމަނުން 2 ލަނޑު 1 ލަނޑުން މޮޅު ވެއްޖެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ކުޅުނީ ޖަރުމަނެވެ. މުޅި ހާފުގައި ޖަރުމަނުން ހަމަލާ ދިނީއެވެ، ސްވިޑްން ދިފާޢު ކުރީއެވެ. އެކަމަކުވެސް ފުރަތަމަ ލަނޑު ޖެހީ ސްވިޑްންއެވެ. 32 ވަނަ މިނިޓުގައި މި ލަނޑު ޖެހީ ނޮއަރއެވެ. މި ލަނޑު ޖެހުމުގެ ކުރިން ސްވިޑްންގެ ކުޅުންތެރިއަކު އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ވަދެގެން ދަނިކޮށް ދަތިއަޅުވައި ވައްޓައިލެވުނެވެ. އެކަމަކު ޕެނަލްޓީއެއް ނުދެއެވެ. ވީއޭއާރަކުންވެސް އަލަކުން ގޮތެއް ނުނިންމައެވެ. އެކަމަކު ރީޕްލޭއަށް ބަލާއިރު ޕެންލަޓީއެއް ކަމަށް ފެނެއެވެ.
ދެވަނަ ހާފު ފެށުމާއެކު ޖަރުމަނުން ލަނޑެއް ޖެހިއެވެ. 48 މިނިޓުގައި މި ލަނޑު ޖެހީ ރެއުސް އެވެ.
ދެވަނަ ހާފުގެ ކުޅުންވެސް ދިޔައީ ހަމަ ފުރަތަމަ ހާފެކޭ އެއް ގޮތަށް ޖަރުމަނުން ހަމަލާ ދޮނުމާއި ސްވިޑްންގެ ދިފާޢީ ކުޅުމާއެކީގައެވެ. ސްވިޑްން ބައެއް ފަހަރަށް ކައުންޓަރ އެޓޭކްގައި ހަމަލާ ދެއެވެ. އެކަމަކު ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ.
82 ވަނަ މިނިޓުގައި ޖަރުމަނުގެ ބޯޓެންގއަށް ރަތް ކާޑެއް ދެއްކިއެވެ. ވުމާއެކު މެޗުގެ ފަހު ފަނަރަ ވަރަކަށް މިނިޓު ޖަރުމަމުން ކުޅުނީ 10 ކުޅުންތެރިންނާއެކުގައެވެ.
ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުން ދެވަނަ ލަނޑު ޖެހީ މުޅި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދިން ފަސް މިނިޓުގެ ފަސްވަނަ މިނިޓުގެ ތެރޭގައެވެ. މިއީ ހިލޭ ޖެހުމަކުން ކްރޫސް ޖެހި ވަރަށް ރީތި ލަނޑެކެވެ.
މުޅި މެޗުގެ ކުޅުމަށް ބަލާއިރު ސްވިޑްން ދިފާޢީ މެޗެއް ކުޅުނު ނަމަވެސް ޖަރުމަނުން ކުޅުނީއަކީ ޗެމްޕިއަން ޓީމެއްގެ ކުޅުމެއް ނޫނެވެ. މި ނަތީޖާއާއެކު ޖަރުމަނަށް ހަމަ ނޭވައެއް ލާނޭ ފުރުސަތު ލިބުނީއެވެ. އެކަމަކު އަދިވެސް މުޅިއަކުން ދެވަނަ ބުރު ޔަގީނެއް ނުވެއެވެ. ސްވިޑްން އާއި ޖަރުމަނަށްވެސް އަދި ފުރުސަތު އެބައޮތެވެ.