ވޯލްޑްކަޕް 2018 ގައި މިއަދު ކުޅުނު ތިން ވަނަ މެޗުގައި މިސުރާ ކުޅެ 3 ލަނޑު 1 ލަނޑުން މޮޅުވީ ރަޝިއާއެވެ. މިއީ މުބާރާތް ފެށުމުގެ ކުރިން ރަޝިއާއަށް ނެރެވިދާނޭ ނަތީޖާއެއް ކަމަކަށް އެއްވެސް މީހަކު ހިއެއް ނުކުރާނެއެވެ. މި ނަތީޖާއާއެކު ރަޝިއާ މި މުބާރާތުގެ ދެވަނަ ބުރަށް ދިޔައީއެވެ. ފުރަތަމަ މެޗުގައި ސަޢޫދީ ކޮޅަށް ރަޝިއާ ޖެހި 5 ލަނޑާއެކު ޖެހި ލަނޑުގެ ޢަދަދު 8 އަށް އެރީއެވެ. މި ގުރޫޕުގައި ދެން އޮތް މެޗުގައި (ބުދަ ދުވަހުގެ ރޭ) ސަޢޫދީ ޢަރަބިއްޔާ އާ ކުޅޭ ޔުރްގުއާއީ މޮޅު ވެއްޖެ ނަމަ ގުރޫޕުން ދެވަނަ ބުރަށް ދާނީ ރަޝިއާއާއި ޔުރްގުއާއީއެވެ. މިސުރާއި ސަޢޫދީ ޢަރަބިއްޔާ ކަޓާނެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ވަކި ބަޔަކަށް މެޗު ކޮންޓްރޯލް ކޮށްގެން ކުޅެވުނޭ ބުނެވޭ ވަރަށް ވުރެ ދެބައި ހަމައެވެ. ރަޗިއާ މެޗަށް ނުކުތީވެސް ފުރަތަމަ މެޗުން މޮޅު ވެފައި ވުމާއެކު ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމާ އެކީގައެވެ. މިސުރުގެ ޓީމު ނުކުތީ ޞަލާޙް ޓީމުގައި ބައިވެރިވުމާއެކު އެކަމުގެ ހިތްހަމަ ޖެހުމާއެކުގައެވެ. އެކަމަކު ޞަލާޙް ކަނާތްފަރާތު މެދުތެރޭގައި ހުރީއޭ ބުނެލުން ރަނގަޅު ވާނެއެވެ. ފަހަތަށް ފައިބައި ބޯޅަ ހޯދުމުގެ ވިސްނުމެއް ނުގެންގުޅެއެވެ. ދެ ބޯޅައެއް ލިބުނު ނަމަވެސް ގޯލަކަށް ވެއްދޭނޭ ގޮތެއް ނުވިއެވެ. ޢާއްމު ގޮތެއްގައި ޞަލާޙަކީ ފަހަތަށްވެސް ފައިބާ ކުޅުންތެރިއެކެވެ. އަދި އާދަޔާ ޚިލާފު ހަލުވި ކަމަކާއެކު ބޯޅަ ހިފައިގެން އެނބުރިގަންނަ ކުޅުންތެރިއެކެވެ. އެ ޖާދޫ ކުޑަކޮށް ފެނުނު ނަމަވެސް މުޅިއަކުން ރަނގަޅެއް ނޫނެވެ. ރަޝިއާގެ ދިފާޢު ވަރަށް ރަނގަޅު ކަމަށް ފާހަގަ ކުރެވުނެވެ.
ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނިޓުގައި ބައިކޮޅަށް ވަން ލަނޑަކުން ރަޝިއާއަށް މެޗުގެ ކުރި ލިބުނެވެ. 46 ވަނަ މިނިޓުގައި ރަޝިއާގެ ... ޖެހި ބޯޅައެއް މިސުރުގެ އަޙްމަދު ފަތުޙީގެ ކަކުލުގައި ޖެހިފައި ގޯލަށް ވަނީއެވެ. މި ލަނޑުގައި ގޯލްކީޕަރުގެ ފަރުވާކުޑަކަންވެސް ހިމެނެއެވެ. މިއީ މި މުބާރާތުގައި ބައިކޮޅަށް ވަން ޖުމުލަ ފަސް ވަނަ ލަނޑެވެ. 2014 ވަނަ އަހަރުގެ މުޅި މުބާރާތުގައި ބައިކޮޅަށް ޖަހާފައި ވަނީ ހަތަރު ލަނޑެވެ.
ރަޝިއާ ދެވަނަ ލަނޑު ޖެހީ 58 ވަނަ މިނިޓުގައި ޗެރީޝެފް އެވެ. އޭނާއަށް ލިބުނު ހުރަސް ގޯލުގެ ތެރެއަށް ފޮނުވައިލީ އިރު އޭނާގެ ކައިރީގައި މިސުރުގެ ދެ ދިފާޢީ ކުޅުންތެރިން ތިއްބެވެ. އެކަމަކު އޭނާ ހުރީ މާކު ނުކުރެވިއެވެ.
ތިންވަނަ ލަނޑު ޖެހީ އޭގެ އެންމެ ތިން މިނިޓު ފަހުން 61 ވަނަ މިނިޓުގައެވެ. މިއީ ރަޝިއާގެ އޭރިއާ ތެރެއޮން ފޮނުވާލި ދިގު ބޯޅައެއްގައި ޑިޒޫބާ ޖެހި ލަނޑެކެވެ. މެަިނއ މަތަކޮށްލުމަށް ފަހު އެނބުރިލާފައި ގޯލުގެ ތެރެއަށް ފޮނުވާލީއެވެ. މިސުރުގެ ދިފާއީ ސަފު ވަނީ ފޫވެއްޓިފައެވެ.
72 ވަނަ މިނިޓުގައި ޞަލާޙް ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަންނަން ދަނިކޮށް ދަތި އަޅުވައި ވައްޓާލުމާ ގުޅިގެން މިސުރަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީ ގޯލަށް ވައްދައިލީ ޞަލާޙެވެ. މިއީ އޭނާގެ ފުރަތަމަ ވޯލްޑްކަޕް ލަނޑެވެ. އަދި 1990 ގެ ފަހުން މިސުރުން ވޯލްޑްކަޕެއްގައި ޖެހި ފުރަތަމަ ލަނޑުވެސް މެއެވެ. ފުރަތަމަ ރެފްރީ ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ. އެއީ ޞަލާޙް ވައްޓައިލީ އޭރިއާއިން ބޭރުނަ ކަމަށް ބަލާފައެވެ. އެކަމަކު ވީއޭއާރުން ބެލިއިރު އޭނާ ވައްޓައިލީ އޭރިއާގެ އެތެރެއިންނެވެ.
ފަހު ހާފުގައި ޞަލާޙް ފުރަތަމަ ހާފަށް ވުރެ ރަނގަޅަށް ކުޅެން އުޅުނު ނަމަވެސް ހުރީ ނެގިމަޑުވެފައެވެ. ރައްކާތެރިކަމަށް ވިސްނީ ކަމުގައިވެސް ވެދާނެއެވެ. ނުވަތަ އަދިވެސް ފިޓު ނުވަނީ ކަމަށްވެސް ވެދާނެއެވެ. މި މެޗު މުޅީން އެނބުރިގެން ދިޔައީ މިސުރުން ބައިކޮޅަށް ލަނޑެއް ޖެހުނީމައެވެ. އެ ވަގުތުން ފެށިގެން މުޅި ޓީމުގެ ކުޅުމަށް ބަދަލު އަތުވެއްޖެއެވެ.
87 ވަނަ މިނިޓުގައި ޞަލާޙަށް ފުރުސަތެއް ލިބުނެވެ. އެކަމަކު އެ ބޯޅަ އޭނާގެ ފަޔަކަށް ރަނގަޅަކަށް ނޭރިއެވެ. އެންމެ ފަހުން މެޗު ނިމުނީ 2 ލަނޑު 1 ލަނޑުން މިސުރު ބަލި ވެގެންނެވެ. ޓީމާއެކު މުޅި މިސުރުވެސް ރޮއްވައިލާފައެވެ.
މި މުބާރާތުގައި މާދަމާވެސް ތިން މެޗު ކުޅޭނެއެވެ. އެއީ:
ހަވީރު 5:00 ގައި ޕޯޗުގަލް – މޮރޮކޯ
ރޭގަނޑު 8:00 ގައި ޔުރްގުއާއީ – ސަޢޫދީ ޢަރަބިއްޔާ
ރޭގަނޑު 11:00 ގައި އީރާން - ސްޕެއިން