މަޅުމަތި: ބަފައިންގެ ދުވަސް

މިއަދަކީ ބައިނަލްއަގުވާމީ ބަފައިންގެ ދުވަހެވެ.

365 ދުވަހުގެ ތެރެއިން ބަފައިންނަށް ޚާއްސަ ދުވަހެވެ.

ހަދިޔާ ބަދިޔާގެ ދުވަހެވެ.

އަހަރެން ފޭސްބުކްގައި ލިޔަނީއެވެ.

ކޮއްކޮ ޓުވީޓު ކުރަނީއެވެ.

މަންމަ ފިރިމީހާ ދޫކޮށްފައި މަންމަގެ ބައްޕަގެ ހަނދާން ކުރަނީއެވެ.

ބައްޕަ، ބައްޕަގެ ހައިސިއްޔަތު ދެނެގަނެވޭތޯ މަސައްކަތް ކުރަނީއެވެ.

އަހަރެން ލިޔުނީމެވެ.

"އަހަރެންގެ ބައްޕައަކީ ދުނިޔޭގެ އެއް ވަނައެވެ."

މިއަދު އެތައެް މިލިއަން ބަފައިންނަށް އެއްވަނަ ލިބޭނެއެވެ.

ކޮއްކޮ ލިޔުނެވެ.

"އަހަރެންގެ ބައްޕަ އަކީ ނަމޫނާ ބައްޕައެކެވެ. ކެތްތެރިކަމާއި އަބުރުވެރިކަމުގެ ނަމޫނާއެކެވެ."

އަހަރެންގެ ފޯނު ރިންގުވާން ފަށައިފިއެވެ.

ބޮޑުބޭބެ ގުޅަނީއެވެ. ބޮޑުބޭބެގެ ކޮއްކޮގެ ހާލު ބަލައިލާށެވެ.

"ނަޢީމު. ބައްޕަ ކޮބާ؟"

އަހަރެންގެ ފޭސްބުކް ދޫކޮށްލާ ހިތެއް ނުވިއެވެ. އެޔަށް ހުރަސް އަޅާ ކޮންމެ މީހަކީ އަހަރެންގެ ދުޝްމިނެކެވެ.

އަހަރެން ބުނީމެވެ.

"ބައްޕަ ބަދިގޭގައި ކައްކަން އެބަ އުޅޭ. ބައްޕަ އަވަދި ވާނީ ގޭތެރެ ކުނިކަހައި ނިމުނީމާ. ފަހުން ގުޅާލާ."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.