ވޯލްޑްކަޕް 2018 ގައި އާޖެންޓީނާއާއި އައިސްލޭންޑް މިއަދު ކުޅުނު މެޗު 1 ލަނޑު 1 ލަނޑުން އެއްވަރު ވެއްޖެއެވެ. މިއީ ވަރުގަދަ އާޖެންޓީނާއާ ކުޅެ އައިސްލޭންޑުން ނެރުނު ވަރަށް ރަނގަޅު ނަތީޖާއެކެވެ. މި ނަތީޖާގެ ސަބަބުން މެސީއަށާއި އާޖެންޓީނާގެ ޓީމަށް އަމާޒުކޮށް ނުރުހުން ފާޅުކުރުން ވަނީ މީސްމީޑިއާއާއި ނޫސްމަޖައްލާތަކާއި ޓީވީ ޗެނަލްތަކުގައި ފޯރި ހިފާފައެވެ.
އައިސްލޭންޑް ކުޅެމުން ދިޔައީ މި ކުޅެނީ ދުނިޔޭގެ އެންމެ މޮޅު އެއް ޓީމާކަން ދަނެގެން ދިފާޢަށް ވިސްނައިގެންނެވެ. އައިސްލޭންޑް ވޯލްޑްކަމަށް ކޮލިފައި ވުމަކީވެސް އެތައް ބަޔަކު ހައިރާންވީ ކަމެކެވެ. ތިން ލައްކައެއްހައި މީހުންގެ އާބާދީއެއް އޮންނަ ގައުމަކުން ދުނިޔޭގެ އެންމެ މޮޅު އެއް ޓީމާ ދެކޮޅަށް މިރޭ ކުރި ހިތްވަރަކީ ތައުރީފު ހައްގު ހިތްވަރެކެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖެހީ އާޖެންޓީނާއިންނެވެ. އެއީ 19 ވަނަ މިނިޓުގައި ސާޖިއޯ އަގުއޭރޯއެވެ. އެކަމަކު މި ނަތީޖާގައި އާޖެންޓީނާއަކަށް މާ ގިނަ އިރަކު ނޯވެވުނެވެ. 23 ވަނަ މިނިޓުގައި އައިސްލޭންޑުން ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްލިއެވެ.
ނަތީޖާ ހަމަހަމ ވުމާއެކު އައިސްލޭންޑްގެ ޓީމު ކުރިއަށްވުރެ ބޮޑަށް ފަހަތަށް ޖެހި ދިފާޢު ކުރަން ފެއްޓިއެވެ. ވުމާއެކު އާޖެންޓީނާއަށް ކުރިއަށް ޖެހިލައި ހަމަލާތައް ވަރުގަދަ ކުރާނޭ ފުރުސަތު ލިބި ކުރިއަށްވުރެ ރަނގަޅަށް ކުޅެން ފަށައިފިއެވެ. އެކަމަކު އައިސްލޭންޑްގެ ދިފާއު ފޫއަޅުވައިލެވޭނޭ ގޮތެއް ނުވިއެވެ. 64 ވަނަ މިނިޓުގައި އާޖެންޓީނާއަށް ޕެންލަޓީއެއް ލިބުނެވެ. އެކަމަކު ޓީމިގެ ކެޕްޓަން މެސީ ޖެހި ބޯޅަ އައިސްލޭންޑްގެ ގޯލްކީޕަރު މަތަކުރީއެވެ. އޭނާ ފޮނުވި ބޯޅަ ދިޔައީ ގޯލްކީޕަރާ މާ ކައިރިންނެވެ. އެހެންވީމާ އާދައިގެ ޑައިވަކުން އަތްފޯރާ ގޮތް ވީއެވެ.
އޭގެ ފަހުންވެސް އާޖެންޓީނާއަށް ލަނޑުޔ ޖަހާނޭ ފުރުސަތު ލިބުނެވެ. އެކަމަކު ބޭކާރު ވެގެން ދިޔައީއެވެ. އައިސްލޭންޑުން އާޖެންޓީނާއަށް ލަނޑެއް ޖެހިޔަ ނުދީ މެޗު ނިމެނެދެން ހިފަހައްޓައިލިއެވެ. މިއީ އެ ގަުމުގެ ތާރީޚުގައި ރަން އަކުރުން ލިޔާނޭ މެޗެކެވެ. އަދި މެސީގެ ހަޔާތުގައި ލިބުނު ބޮޑު ނާކާޟިޔާބީއެއް ކަމަށް ވާނެއެވެ. ރޭގެ މެޗެއްގައި ކްރިސްޓިއާނޯ ޕެނަލްޓީއެއް ކާމިޔާބުކޮށް، ހެޓްޓްރިކެއް ހެދުމާއެކު މި ނަތީޖާގެ ސަބަބުން މެސީއަށް ރައްދުވާ މަލާމާތް ވަނީ އިތުރުި ވެގެން ގޮސްފައެވެ. ބައެއް މީޑިއާތަކުން ބުނާ ގޮތުގައި މެސީއާއި ރޮނާލްޑޯގެ ކުރިމަތިލުމުން 3 ލަނޑު 0 ލަނޑުން މެސީ ބަލިވީއެވެ.