ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމުގެ ބާރު ކައުންސިލަށް

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި އެޕާޓީގެ ރައީސަކަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ އަލީ ވަހީދު: ފޮޓޯ ޓްވިޓަރ

ޖުމްހޫރީޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ބާރު ޕާޓީގެ ކައުންސިލަށް ލިބޭ ގޮތަށް އަސާސީ ގަވާއިދަށް ހުށަހަޅައިފައިވާ އިސްލާހު ކައުންސިލުން މިރޭ ފާސްކުރައްވައިފިއެވެ.

މިއިސްލާހު ފާސްކުރައްވައިފައިވަނީ ޖޭޕީގެ އޮފީހުގައި މިރޭ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.

އެޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސާލިހު ވިދާޅުވީ މިއިސްލާހު ދެން ހުށަށަހަޅާނީ މިމަހު 21-22 އަށް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބާއްވާ އެޕާޓީގެ ކޮންގްރެސްއަށް ކަމަށެވެ. މި އިސްލާހަށް އަމަލު ކުރެވޭނީ ކޮންގްރެސްއިން ފާސް ކުރުމުންނެވެ.

"ކައުންސިލުން މިރޭ ފާސްކުރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަނޑައެޅުމުގެ ބާރު ޕާޓީއަށް ދިނުމަށް. ކެންޑިޑޭޓް ނެރޭނީ ޕްރައިމަރީއެއް ބާއްވައިގެންތޯ ނޫންތޯ ނިންމުމުގެ ބާރު މިއިސްލާހު ކޮންގްރެސްއިން ފާސްކޮށްފިނަމަ ޖޭޕީގެ ކައުންސިލަށް ލިބިގެންދާނެ،" އަލީ ސާލިހު ވިދާޅުވިއެވެ.

އެޕާޓީގެ އަސާސީ ގަވާއިދު މިހާރު ބުނާގޮތުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރެވެ. އެޕާޓީގެ މިހާރުގެ ލީޑަރަކީ ގާސިމް އިބްރާހީމެވެ. އެމަނިކުފާނަށް 65 އަހަރު ވެފައިވާތީ ގާނޫނު ބުނާގޮތުން ރިޔާސީ އިންތިޚާބުގައި ދެން ވާދައެއް ނުކުރެވޭނެއެވެ.

މިރޭ ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ވަނީ އެޕާޓީގެ ރައީސްގެ މަގާމާއި، ނާއިބު ރައީސްގެ މަގާމް ވެސް އުފައްދަން ފާސްކޮށްފައެވެ. ރައީސާއި ނާއިބު ރައީސްގެ އިތުރަށް ޕާޓީގެ ލީޑަރަކާއި، 4 ނާއިބު ލީޑަރުން ޕާޓީން ދެން ފެންނާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.