ދައުލަތަށް ލިބޭ ފައިސާ ޚަރަދުކުރަނީ ރައީސްގެ ކުރިއެރުމަށް: އިބޫ

ދިވެހި ދައުލަތަށް މިހާރު ލިބޭ ފައިސާ ޚަރަދު ކުރައްވަނީ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު މަސްލަހަތާއި ކުރިއެރުމަށް ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ގުޅިފައިވާ 4 ޕާޓީން އއ. ރަސްދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އިބޫ ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިމި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ދައުލަތުގެ ބަޖެޓަކީ ސާދަ ވަރަކަށް ބިލިއަން ރުފިޔާ ކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ވެރިކަން މިހިސާބަށް އައިއިރު އެ އަދަދު އަށާރަ ބިލިއަން ދިވެހި ރުފިޔާއަށް އަރައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ އަދަދަށް ފައިސާ ލިބޭއިރު ފަހަށް ރައްކާކުރާނެ އެއްޗެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި ދައުލަތް މިހާރުވެސް ދަނީ ދަރަމުން ކަމަށް ވިދާޅުވިއެވެ.

"ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރުގައި ދައުލަތުގެ އާމްދަނީ ހުރީ ތޭރަ، ސާދަ ބިލިއަން ރުފިޔާގައި. އެހެންނަމަވެސް މިއަދު ދައުލަތުގެ އާމްދަނީ އަކީ އަށާރަ ބިލިއަން ރުފިޔާ،" އިބޫ ވިދާޅުވިއެވެ. އެފައިސާއަކީ ތަރައްގީއަށްޓަކައި ރައްޔިތުން ދައްކާ ޓެކްސް ފައިސާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދައުލަތަށް މިހާރު އަށާރަ ބިލިއަން ރުފިޔާ ލިބޭއިރު ފަހަށް ރައްކާ ކުރެވެނީ އެއިން ކިހާވަރެއްތޯ ވެސް ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި ދައުލަތް މިހާރުވެސްވަނީ ދަރަނިވެރި ވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމަނިކުފާނު (ރައީސް ޔާމީން) ގެ އަމިއްލަ މަސްލަހަތާއި ކުރިއެރުމަށް މިފައިސާ ޚަރަދު ކުރަމުން މިގެންދަނީ. އެކަން ފާހަގަ ވެގެންދާ އެއްކަމަކީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރުގައި އައްޔަން ކުރާ މަގާމްތަކުގެ ގޮތުގައި އެމްޑީޕީގެ ވެރިކަން ނިމުނުއިރު އޮތީ ގާތްގަނޑަކަށް ދުއިސައްތަ ނުވަދިހަ މަގާމް. ޚަރަދު ކުރަނީ ނުވަދިހަ ދޭއް ނުވަތަ ނުވަދިހަ ފަސް މިލިއަންރުފިޔާ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށް ވަޒީފާދޭ ގާތްގަޑަކަށް ހަތްސަތޭކައެއްހާ މީހުން ސަރުކާރު ތެރޭގައި އެބަތިބި މިހާރު. އޭގެ ބަޖެޓަކީ ހަތަރުސަތޭކަ މިލިއަނާ ގާތްކުރާ އަދަދެއް،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ރައީސް ޔާމީން އެގޮތަށް އަމަލު ކުރައްވާތީ ރައްޔިތުންގެ ނުވަތަ ރަށްރަށުގެ ތަރައްގީއަށް ޚަރަދުކުރާނެ ފައިސާއެއް ދައުލަތުގައި މިހާރު ނެތް ކަމަށެވެ."މި ފައިސާ ޚަރަދު ކުރަނީ ދެންމެ އަޅުގަނޑު މިދެންނެވި ފަދައިން ތިމާމީހާގެ (ރައީސް ޔާމީން) އަމިއްލަ މަންފާއަށާއި ފައިދާއަށް،" އިބޫ ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.