عَنْ أَبِي هُرَيْرَةَ، - رضى الله عنه - أَنَّ رَسُولَ اللَّهِ صلى الله عليه وسلم نَهَى عَنْ صِيَامِ يَوْمَيْنِ يَوْمِ الأَضْحَى وَيَوْمِ الْفِطْرِ. (صحيح مسلم، كتاب الصيام، باب النَّهْىِ عَنْ صَوْمِ، يَوْمِ الْفِطْرِ وَيَوْمِ الأَضْحَى)
އަބޫހުރައިރާ ގެ އަރިހުން ރިވާވެގެން ވެއެވެ. ޢަޟްޙާ އީދު ދުވަހާއި، ފިޠުރު އީދު ދުވަހާއި ދެދުވަހު ރޯދަހިފުން ރަސޫލުﷲ ނަހީކުރެއްވިއެވެ. (ޞަޙީޙު މުސްލިމް، ޙަދީޘު: 1138)
އިސްލާމްދީނުގައި އީދުތައް ޝަރުޢުކުރައްވާފައި ވަނީ މާތް ﷲގެ ނިޢުމަަތަށް ޝުކުރުުވެރިވެ އުފާފާޅުކުުރުމުގެ މަގުސަދުގައެވެ. އަދި އެ އުފަލުގައި ހުރިހާ އެންމެން ބައިވެރިވުމަކީ ވެސް ދީނުގައި އަންގަވާފައިވާ ގޮތެވެ.
އިލްމުވެރިން ވިދާާޅުވާ ގޮތުގައި ދެ އީދު ދެ ދުވަހު އެއްވެސް ކަހަަލަ ރޯދައެއް ހިފުމަކީ ހަރާމް ކަމެކެވެ. ސުންނަތް ރޯދައެއްވެސް، ޤަޟާ ރޯދައެއްވެސް އަދި ނަދުރު ބުނެގެން ހިފާ ރޯދައެެއްވެސް ނުހިފޭނެއެވެ. ކަނޑައެޅިގެން އީދު ދުވަހެއްގައި ރޯދަހިފަން މީހަކު ނަދުރު ބުނެގެން ރޯދަހިފި ކަމުގައި ވިޔަސް އޭނާގެ ރޯދަ ގަބޫލުނުކުރައްވާނެއެވެ.
ރޯދައަކީ ރަމަޟާން މަހުގައި ހިފުން މާތް ﷲ ޝަރުޢު ކުރައްވާފައިވާ، އަދި އެހެން ދުވަސްތަކުގައި ހިފުން ޝަރުޢުކުރައްވާފައިވާ މަތިވެރި އަޅުކަމަކަށް ވިޔަސް އެއީ ދުނިޔަވީ އުފާތަކަކުން މަހުރޫމުވެ ހުރެ އަދާކުރަން ޖެހޭ އަޅުކަމެކެވެ. ރޯދަނޫން ދުވަސް ދުވަހު ހަލާލުކުރައްވާފައިވާ ކެއިން ބުއިމާއި، ދުނިޔަވީ ބައެއް އެދުންތަކުން މަހްރޫމުވެ ހުންނަން ޖެހޭ އަޅުކަމެކެވެ.
އީދަކީ ހުއްދަ ހުރިހާ އުފަލެއް ހާސިލުކުރުމާ، އެންމެން އެ އުފަލުގައި ބައިވެރިވުމާއެކު މާތް ﷲގެ މަތިވެރި ނިއުމަތް ހަނދާންކޮށް ޝުކުރުވެރިވާން ޖެހޭ މުނާސަބަތަކަށް ވާތީ ހުއްދަކުރައްވާފައިވާ މަތިވެރި އަޅުކަމެއް އެދުވަހު އަދާކުރުން ވެސް ހަރާމްކުރެއްވީއެވެ.
މާތް ﷲގެ އަމުރުފުޅަށް ކިޔަމަންވާން ކުރާ ކޮންެމެ ކަމަކީ އަޅުކަމެއް ކަމުގައި ވާއިރު އީދު ދުވަހު ރޯދަ ނުހިފުންވެސް ވާނީ އަޅުކަމަކަށެވެ. އެކަލާނގެ އެދުވަހު ކަންކުރަން އެނގެވި ގޮތަށް ކުރީތީއެވެ.