ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑޭސީ ފޯމް އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރައްވައި އެކަމުގެ ލިޔުން ހަވާލުކުރައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެ ކެންޑިޑެސީ ގަބޫލުކުރިކަމުގެ ލިޔުން ހަވާލުކޮށްފި،" ކަމަށެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަނަށް ހުށަހެޅުއްވީ އިއްޔެއެވެ. ކެންޑިޑެސީ ފޯމު ހަވާލުކުރެއްވިއިރު ރައީސް މާލޭގައި ވަޑައިގެން ނޫޅުއްވާތީ އެމަނިކުފާނުގެ ފަރާތްޕުޅުން ފޯމު ހުށަހެޅުއްވީ ޕީޕީއެމްގެ ނާއިބު ރައީސް، އަދި މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވި ބޭފުޅުންގެ ތެރެއިން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ކުރީގެ ނާއިބު ރައީސް ޝުޖާއު ހުސައިން މިއަދު ވަނީ އިންތިޚާބުގައި ވާދަ ނުކުރައްވާނެކަން އިއުލާން ކުރައްވައިފައެވެ.