ރައީސް މައުމޫނު އާއިލާއާއެކު އުޅުއްވުމުގެ ފުރުސަތު ދެއްވާ: ފައިސަލް

މިހާރު ޖަލުގައި ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުޅުއްވަނީ ވަރަށް ބޮޑަށް އާލާސްކަންފުޅާ ކަމަށާއި އެ ސަބަބާހެދި އާއިލާއާއެކު އުފަލުގައި އުޅުއްވުމުގެ ފުރުސަތު އެމަނިކުފާނަށް ދެއްވުމަށް އިދިކޮޅު ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަންގާރަދުވަހުގެރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ފައިސަލް ވިދާޅުވީ ރައީސް މައުމޫން ޖަލުގައި ހުންނަވަނިކޮށް އެފަދަ ބޮޑު އާލާސްކަންފުޅެއް ދިމާވުމުން އާއިލާ ކައިރިއަށް ނުފޮނުވުމަކީ މިސަރުކާރުގެ އަނިޔާވެރިކަން ހާމަވާ ކަމެއް ކަމަށެވެ. "ދިވެހިރާއްޖޭގައި ރަންތިރީސް އަހަރަކު ވެރިކަން ކުރެއްވި ބޭފުޅަކުވަނީ ޖަލުގެ އަނިޔާގައި، ވަރަށް ބޮޑަށް އާލާސްކަންފުޅާ. އެހެންނަމަވެސް އަޅުގަނޑުމެންނަށް މިފެނިގެންދަނީ އެކަންތައްތަކާ ސަރުކާރަކުން ފުރަގަސް ދެމުންދާތަން. އަނިޔާގެ މައްޗަށް އިތުރަށް އަނިޔާވަމުންދާތަން. ސަރުކާރުގެ އެންމެހާ ފަރާތްތަކަށް ހުރިހާ މުއައްސަސާތަކަށް ގޮވާލަން ރައީސް މައުމޫނު އެމަނިކުފާނަށް ހިތްހަމަޖެހިގެން އާއިލާއާއެކު އުޅެވޭނެ ގޮތްތައް މެދުވެރިކޮށްދޭން،" ފައިސަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިގައުމުގައި މިހާރު އެއްވެސް އިންސާފެއް ނެތްކަމަށެވެ. އެހެންނަމަވެސް "މިދަތުރު" ނިންމާލާނީ އިންސާފު ކަށަވަރު ކޮށްދެއްވައިފައި ކަމަށެވެ. މިއަނިޔާ ތަކަކީ ވަކި މަގުސަދެއް ހާސިލް ކުރުމަށްޓަކައި ދެމުން ގެންދާ އަނިތަކެއް ކަމަށްވެސް ވިދާޅުވިއެވެ. ގާނޫނު އަސާސީގައި ވަކިގޮތަކަށް ލިޔެފައި އޮއްވައި އެނޫން ގޮތަކަށް އަމަލު ކޮށްގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު ފެންނަނީ އެކި ދިމާއިން ގާނޫނު އަސާސީގެ ބާރުކަނޑުވައިފައި ކަމަށެވެ. އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ފައިސަލް ވިދާޅުވިއެވެ.

ރައްޔިތުންނަށް ބޭނުންވަނީ ތަރައްގީއާއި އިންސާފު ކަމަށާއި އެހެންނަމަވެސް ރަށްރަށަށް ދިޔުމުން ފެންނަނީ އެތަރައްގީއާއި އިންސާފު ނުލިބި ތިބި ރައްޔިތުންތަކެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.