ރާއްޖެއިން އަލަށް ޙައްޖަށް ދިޔަ ތިން ރަހުމަތްތެރިންނެވެ. ތިން މީހުންނަކީވެސް ގައިގައި ވަރު ހުރި ޒުވާނުންނެވެ. އަލަށް ދިޔަ ދަތުރު ކަމަށް ވާތީ ކޮންމެ ކަމެއްވެސް އެ މީހުންނަށް ވަނީ އާ ކަމަކަށެވެ. އެ ތަނުން އެކަކު ކަމަށްވާ ޙަސަނު އޭނާގެ ފުރަތަމަ ޙައްޖު ދަތުރުގެ ވާހަކަތައް އަޅުގަނޑަށް ކިޔައި ދެމުން ބުންޏެވެ.
"އަހަރެމެންނަށް މާލެއިން ފުރައިގެން ޖިއްދާއަށް ދެވުނީ އެ ތާނގެ ގަޑިން މެންދުރު ފަހުގެ ދޭއް ޖެހި އިރުއެވެ. މަތިންދާ ބޯޓުން ފައިބައިގެން ގޮސް ވެއްދި ތަނެއްގައި ކުނާ އަޅައިގެން ހުރިހައި ޙައްޖާޖީން ތިބީއެވެ. އަހަރެންވެސް އަހަރެންގެ ދެ ރައްޓެހިންނާ އެކީ އެ ތާނގައި ވާހަކަ ދައްކަން އިނީއެވެ. އެ އިން އިނުމުގައި ބަނޑުހައި ވީމާ އަމިއްލައަށް ކޮންމެވެސް ކާ އެއްޗެއް ގަނެގެން ކަނީއެވެ. އެހެން ތިއްބާ ޢަޞުރު ވެއްޖެއެވެ. މަޣްރިބް ނަމާދު ވަގުތު ވެއްޖެއެވެ. އޭރުވެސް ހަދަންވީ ކިހިނެއް ކަމެއް، ދާންވީ ކޮން ތަނަކަށް ކަމެއް ނޭނގެއެވެ. ނަމާދު ވަގުތު ޖެހުނީމާ އެ ތަނުގައި ނަމާދު ކުރަނީއެވެ.
އެންމެ ފަހުން ގޮސް ޢިޝާ ނަމާދަށް ބަންގި ގޮވި ތަނާ އެންމެން ގެންގޮސް ބަހަކަށް އަރުވައިފިއެވެ. އެއީ މައްކާއަށް ދާން އޮތް ބަހެވެ.
ބަހުގައި މައްކާ އަށް ދެވުނީ މެންދަމުން އަލިވެ ދޭއް ޖެހި ފަހުންނެވެ. ހޮޓަލަށް ގޮސް ޙައްޖު ގްރޫޕުން ދެއްކި ކޮޓަރިއަށް ތިން މީހުން ވަދެއްޖައީމެވެ. އަހަރެމެން ތިން މީހުން ދިޔައީ އެއް ކޮޓަރިއެއްގައި ތިބެވޭ ގޮތަށް ހަމަ ޖައްސައިގެންނެވެ. ކޮޓަރިއަށް ވަދެފައި ނިދާ ހިތެއް ނުވިއެވެ. މާލޭގައިވެސް ނިދަނީ ފަތިސްވާ ފަހުން ކަމަށް ވާތީ އެ އާދަ ނުފިލަނީއެވެ. އެހެންވީމާ ތިން މީހުން ނުކުމެގެން އައިސް ހޮޓަލުގެ ލޮބީގައި ތިބެފައި ބޭރަށް ނުކުމެއްޖައީމެވެ. ނުކުމެގެން ދިޔައީ ފިހާރަތައް ބަލައިލާށެވެ. އޭރު ބައެއް ފިހާރަތައް ހުޅުވާފައި ހުއްޓެވެ. އެކަމަކު ގިނަ ފިހާރަ ހުރީ ލައްޕައިފައެވެ.
ހިނގަމުން މާ ދުރަށް ނުދެވެނީސް ބަންގި ގޮވައިފިއެވެ.
އަހަރެން ބުނެފީމެވެ. "އެ އިވެނީ ފަތިސް ނަމާދަށް ގޮވި އަޑެވެ. އަވަހަށް ނަމާދަށް ހިނގާށެވެ."
ތިން މީހުން އަވަސް ވެގަތީ ޙަރަމްފުޅަށް ދާށެވެ. އަބޫ ޖަހުލު ފާޚާނާ އަށް ވަދެ ވުޟޫ ކޮށްގެން ތިން މީހުން ގޮސް ވަނީ ޙަރަމްފުޅަށެވެ. ވަދެ ސުންނަތް ކޮށްލައިގެން އިށީނދެއްޖައީމެވެ. ނަމާދު ކުރެވޭނީ ޤަމަތް ދިނީމައެއް ނޫން ހެއްޔެވެ؟ އެހެންވީމާ ޤަމަތް ދިނުމުގެ އިންތިޒާރުގައި ތިބީއެވެ. އެ ދުވަހު ހަތަރު ދަމާއި ރޭގަނޑުން ވީ ބައެއް ނުނިދައި ތިބީމާ ނިދި އައިސްގެން ގޮސް ތިބީ އަވަދި ވާ ވަރު ވެފައެވެ. އިރު އިރު ކޮޅާ ތާއްޔާވެސް ޖެހެއެވެ. ޤަމަތް ދޭ އަޑެއް ހަމަ އެއް ގޮތަކަށްވެސް ނީވުނެވެ.
އެންމެ ފަހުން ގިނަ އިރު ވެގެން ގޮސް އަހަރެންގެ ދެ ބައިވެރިން ކުރެ އެކަކު ކިޔައިފިއެވެ.
"މި ތަނުގައި އޮންނަނީ އަމިއްލައަށް ޖަމާޢަތް ހަދައިގެން ނަމާދު ކުރާ ގޮތަށް ކަމަށް ވެދާނެއެވެ. އަހަރެމެންވެސް އަމިއްލަ ޖަމާޢަތެއް ހަދައިގެން ނަމާދު ކޮށްލާނީއެވެ."
އޭނާ މިހެން ބުނީމާ އިމާމަކަށް އޭނާ ލައިގެން ތިން މީހުން ފަތިސް ނަމާދު ކޮށްފީމެވެ. ނަމާދު ކޮށް ނިމިގެން މިސްކިތުން ފައިބަނިކޮށް އަނެއްކާވެސް ބަންގި ގޮވާ އަޑު އިވިއްޖެއެވެ. ވަރަށް ބޮޑަށް ޙައިރާން ވެފައި މިވީ ގޮތަކާ މެދު އެކަކު އަނެކަކަށް ސުވާލު ކުރަން ފަށައިފީމެވެ. ބަންގި ގޮވަން ފެށުމާއެކު މީހުން މިސްކިތަށް އަންނަން ފަށައިފިއެވެ. ބައެއް ދިވެހިންވެސް ފެންނާން ފަށައިފިއެވެ. އަހަރެން ދިވެއްސަކާ ސުވާލު ކޮށްލީމާ ވެގެން އުޅޭ ގޮތް ސާފު ވެއްޖެއެވެ.
ފުރަތަމަ އަހަރެމެންނަށް އިވުނީ ދަމު ނަމާދަށް ބަންގި ގޮވި އަޑެވެ. ރާއްޖޭގައި ކުރާ ކަމެއް ނޫންވީމާ އޮޅުނީއެވެ. ދެން ކުރާނޭ ކަމެއް ނެތްތާއެވެ. އެ މީހުންނާ އެކީ މިސްކިތަށް އަރައި އަނެއްކާވެސް ފަތިސް ނަމާދު ކުރީއެވެ. އެހެންވީމާ އަހަރެމެންގެ ޙައްޖު ދަތުރުގެ ފުރަތަމަ ދުވަހު ފަތިސް ނަމާދުގެ ދެ ނަމާދު ކުރެވުނެވެ!"