ތިންތިރިއްކުނަވަ
ޢުމުރުން ދުވަސްވީ ތިން މީހެއްގެ ސިކުނޑީގެ ޙާލަތު ހުރި ގޮތް ޓެސްޓު ކުރުމުގެ ގޮތުން ޑަކްޓަރު ފުރަތަމަ މީހާޔާ ސުވާލު ކޮށްލިއެވެ.
"ތިންތިރިއްކު ކިހައި ވަރެއް-؟"
އެ މީހާ އެއްވެސް ޖެހިލުމެއް ނެތި ބުނެލިއެވެ. "ދުއިސައްތަ ހަތްދިހަ ހަތަރެއް-"
ޙައިރާންވީ ވަރުން ޑަކްޓަރުގެ ދެލޯ ދިޔައީ ބޮޑު ވެގެންނެވެ. އެކަމަކު އިތުރު ވާހަކަ ނުދައްކައި ދެވަނަ މީހާޔާ ސުވާލު ކޮށްލިއެވެ.
"ބޭބެ ބުނެބަލަ-؟ ތިންތިރިއްކު ކިހައިވަރެއް-؟"
ދެވަނަ މީހާ ބުނެލިއެވެ. "އަންގާރަ ދުވަސް-"
މި ފަހަރު ޑަކްޓަރު ކުރިއަށް ވުރެ ބޮޑަށް ޙައިރާން ވިއެވެ. އެކަމަކު އިތުރު ވާހަކަ ނުދައްކައި ތިން ވަނަ މީހާ އާ ސުވާލު ކޮށްލިއެވެ.
"ބޭބޭ- ތިންތިރިއްކު ކިހައިވަރެއް-؟"
ތިން ވަނަ މީހާ ބުނެލިއެވެ. "ނުވައެއް-"
ޑަކްޓަރު ވަރަށް ބޮޑަށް އުފާ ވެފައި ބުނެލިއެވެ.
"ވަރަށް ރަނގަޅު- ރަނގަޅު ޖަވާބު ބުނަން ބޭބެއަށް އެނގުނީ ކިހިނެއް-؟"
އެ މީހާ ބުނެލިއެވެ. "އެއީ އެހައި ބޮޑު ކަމެއް ނޫން- އަހަރެން ހެދި ގޮތަކީ ދުއިސައްތަ ހަތްދިހަ ހަތަރަކުން އަންގާރަ ދުވަސް ކަނޑާލީ-!"
މޮޅު ކެމެރާއެއް
އަލަށް ފޮޓޯ ނަގަން ފެށި މީހަކަށް މޮޅު ފޮޓޮގްރާފަރުންނާއެކު ރޭގަނޑުގެ ކެއުމަކަށް ދަޢުވަތު ލިބިއްޖެ އެވެ. ކެއުން އޮތީ ރަށުގައި ހުރި އެންމެ މޮޅު ފޮޓޮގްރާފަރުގެ ގޭގައެވެ. އެއީ އޭނާ ދޭ ޚާއްޞަ ކެއުމެކެވެ.
ކެއުމުގެ ތެރޭގައި އެކި މީސް މީހުން ނަގާފައި ހުރި ފޮޓޯތައް ބަލައި ފާޑު ކިޔެމުން ދިޔައެވެ. ބުރު ހަމަވަމުން ގޮސް މި ދެންނެވުނު އާ ފޮޓޮގްރާފަރާ ޖެހިއްޖެ އެވެ. ކަން ދިމާ ކުރި ގޮތުން އެންމެ މޮޅު، އެންމެ ރީތި ފޮޓޯއެއް ނެގިފައި އޮތީ އޭނާ އަށެވެ. އެކަމަކު އެތާނގައި ތިބި މޮޅު ފޮޓޮގްރާފަރުން އެ ވާހަކައެއް ނުދެއްކިއެވެ. އެންމެ މޮޅު ފޮޓޮގްރާފަރު އެ ފޮޓޯއަށް ބަލާލާފައި ބުނެލިއެވެ.
"މި ފޮޓޯ ވަރަށް ރީތި- ކަލޭ ގެންގުޅެނީ ވަރަށް މޮޅު ކެމެރާއެއް ދޯ-؟"
އާ ފޮޓޮގްރާފަރު އެ ވަގުތު އަނގަޔަކުން ނުބުނެއެވެ. އެހެން ނަމަވެސް ކައި ނިމިގެން ތެދުވެ، ހިނގައިގަންނަމުން ބުނެލިއެވެ.
"ކާ އެއްޗެހި ވަރަށް މީރު- މި ގޭގައި ހުންނަނީ ވަރަށް މޮޅު ތެލި ދޮގެއްތޯ-؟"
މޮޅީ ކޮން ޤައުމެއް؟
އެމެރިކާ މީހަކާއި، ރަޝިއާ މީހަކާއި، ދިވެއްސަކާ ތިން މީހުން ސައިބޯން ތިބެގެން އެ މީހަކު އެ މީހެއްގެ ޤައުމުގެ މޮޅުކަމުގެ ވާހަކަ ދައްލަނީއެވެ.
ރަޝިއާ މީހާ ބުންޏެވެ. "އަހަރެމެންގެ ޤައުމުގެ މީހުން ވަރަށް މޮޅު އަޑިން ދުއްވާ ބޯޓެއް (ސަބްމެރީނެއް) އުފައްދައިފި- ބޯޓު ދަނީ ސީދާ ކަނޑުގެ އެންމެ އަޑީގައި ޖެހިފައި-"
އެމެރިކާ މީހާ ޙައިރާން ވެފައި އަހައިލި އެވެ. "ހަމަ އެންމެ އަޑީގައި ޖެހިފައިތަ-؟"
ރަޝިއާ މީހާ ބުންޏެވެ. "ނޫނޭ- ކުޑަ ތަންކޮޅެއް މަތިން-"
އެމެރިކާ މީހާ ބުނެލިއެވެ. "އަހަރެމެންގެ ޤައުމުގެ މީހުން ވަރަށް މޮޅު މަތިންދާ ބޯޓެއް ބަނދެފި- އެ ބޯޓު ދަނީ އުޑުގައި ޖެހިފައި-"
ރަޝިއާ މީހާ އަހައިލިއެވެ. "ހަމަ އުޑުގައި ޖެހިފައިތަ-؟"
އެމެރިކާ މީހާ ބުނެލިއެވެ. "ނޫނޭ- ކުޑަ ތަންކޮޅެއް ތިރިން-"
ދިވެހިރާއްޖޭގެ މީހާ ބުނެލިއެވެ. "ކަލޭމެން ތިޔަ ދެއްކީ މާ މޮޅު ވާހަކައެއް ނޫން- އަހަރެމެންގެ ޤައުމުގެ މީހުން ތިޔަޔަށް ވުރެ މާ ބޮޑަށް ތަރައްޤީ ވެއްޖެ- އެ މީހުން މިހާރު ކައިބޮއި އުޅެނީ ނޭފަތުން-"
ރަޝިއާ މީހާ އާއި އެމެރިކާ މީހާ އާ ދެ މީހުން ވަރަށް ބޮޑަށް ޙައިރާން ވެފައި އަހައިލިއެވެ. "ނާ ރަނގަޅަށްތަ-؟? ދިވެހިން މިހާރު ކައިބޮއި ހަދަނީ ހަމަ ނޭފަތުންތަ-؟"
ދިވެހި މީހާ ހީނލާފައި ބުނެލިއެވެ. "ނޫނޭ- ކުޑަ ތަންކޮޅެއް ތިރިން-"