ހޯމަ ދުވަހު ކުރިޔައްދާން ހަމަޖެހިފައި އޮތް ފްރެންޗް އޮޕެންގެ ސެރީނާ ވިލިއަމްސް އަދި މަރީއާ ޝެރަޕޯވާގެ މެޗު ސެރީނާ ވިލިއަމްސް ދޫކޮށްލައިފި އެވެ.
ސެރީނާ މެޗުނުކުޅެން ބުނުމުގެ ސަބަބުން މެޗުވަނީ ކެންސަލްކޮށްފައެވެ.
މި މެޗަކީ ސެރީނާއާއި މަރީއާ ބައްދަލުކުރާނެ ހަތަރުވަނަބުރަށް ވެފައިވާއިރު، ސެރީނާ މެޗުދޫ ކޮށްލީ އޭނާގެ މޭކަށިގަނޑާ ދިމާ މަސްގަނޑަށް އަނީޔާވެގެން ކަމަށް ސެރީނާ ވަނީ ބުނެފައެވެ. އަދި މީގެ ތިން ދުވަސްކުރިން ޖޫލިއާ ގޯރގަސް އާއި ބައްދަލު ކުރިމެޗުގައި މިއަނިޔާ ލިބިފައިވާއިރު، ބޮޑަށް ތަދުވާން ފެށީ އެމެޗުގެ 24ގަދި އިރުފަހުން ކުޅުނުމެޗުގައި ކަމަށް ސެރީނާ ބުންޏެވެ. އަދި ތަދުވާ ވަރުން ކުޅެން އުނދަގޫ ކަމަށާއި އަނިއާވެފައިވަނީ ކިހާވަރަކަށް ކަން އެނގޭނީ ޑޮކްޓަރުންގެ ރިޕޯޓުތައް ލިބުމުން ކަމަށްވެސް ބުނެފައިވެއެވެ.
36 އަހަރުގެ ސެރީނާ މީގެ ކުރިން އެއްވެސް މެޗެއް މިހެން ދޫކޮށްފައި ނުވާއިރު، ކުރިޔަށް އޮތް ވިމްބްލްޑަން 2018 ގައި ސެރީނާއައް ކުޅެވޭނެ ކަމާއި މެދު ސުވާލުތަކެއްވަނީ އުފެދިފައެވެ. އެހެން ނަމަވެސް ސެރީނާ ވަނީ އެހާތަނަށް އޭނާ ރަނަގަޅުވާނެ ކަމަށް އުއްމީދު ކުރާކަމަށް ބުނެފައެވެ.