"ބީންގ ސެރީނާ" ޕްރިމިއަރ ކޮށްފި

ސެރީނާ ވިލިއަމްސްގެ ހަޔާތުގެ ބައެއް ވާހަކަ ތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ޑޮކިއުމެންޓްރީގެ ޕްރިމިއަރ ބާއްވައިފިއެވެ.

ސެރީނާގެ މާބަނޑު ދުވަސްވަރުން ފެށިގެން، ކައިވެންޏާއި، އަދި ވިހެއުމަށްފަހު އެނބުރި ޓެނިހަށް އައުމާ ދެމެދު އޭނާގެ ހަޔާތް ވޭތި ކުރިގޮތް ދައްކުވައިދޭ މި ޑޮކިއުމެންޓްރީގެ ނަމަކީ "ބީންގ ސެރީނާ" އެވެ. އަންނަ މޭ މަހު އެޗް.ބީ.އޯ އިން މި ޑޮކިއުމެންޓްރީ ދައްކާނެއެވެ.

ފިލްމުގެ ޕްރިމިއަރް ބާއްވާފައިވަނީ ނިއުޔޯކްސިޓީގައި މިމހުގެ 25ވަނަ ދުވަހުއެވެ. ފިލްމު ޕްރިމިއަރ ކުރުމަށް ބޭއްވި ރެޑް ކާޕެޓް ހަރަކާތުގައި މަޝްހޫރު ދެ ބޫނުން އަދި މޮޑެލުން ކަމުގައިވާ ޖީޖީ ހަދީދް އާއި ބެއްލާ ހަދީދް ބައިވެރިވިއެވެ. ފިލްމު އެޅުވުމުގެ ކުރީން ޖީޖީ އާއި ބެއްލާ ވަނީ ސެރީނާ އާ އެކު ފޮޓޯ ނަގާފައެވެ. މި އިވެންޓުގައި ސެރީނާ ލައިގެން ހުރި ހެދުމަކީ އޭނާގެ ފެޝަން ލައިން، 'ސެރީނާ' ގެ ހެދުމެކެވެ. މި ފެޝަން ލައިން ތައާރަފް ކުރުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ 30ވަނަ ދުވަހުއެވެ.

 

ސެރީނާ އަކީ ޓެނިސް ޗެމިޕިއަނެކެވެ. އަދި މިހާރު މަންމައެކެވެ. ސެރީނާ ވަނީ މިދިޔަ ހަފްތާގެ ކުރީ ކޮޅު ފެޝަން އެޑިޓަރުންނަށް އޭނާގެ ހެދުންތައް ދައްކާލާފައެވެ. ސެރީނާ އަކީ އަބަދުވެސް ފެޝަނަށް ވަރަށް ބޮޑަށް ލޯބިކުރާ މީހެކެވެ. އޭނާވަނީ  މަޝްހޫރު ދެ ބްރޭންޑަކަށް ފަރުމާ ކޮށްދީފައެވެ. އެއީ ނީކޭ އާއި އެޗް.އެސް.އެން އެވެ. ނަމަވެސް އޭނާގެ ފެޝަން ލައިން 'ސެރީނާ' އަކީ އޭނާގެ އަމިއްލަ ފެޝަން ކަލެކްޝަނެވެ. ސެރީނާގެ ޓީމުން މީޑިއާ އަށް މައުލޫމާތު ދީފައިވާ ގޮތުގައި މެ މަހުގެ 30ވަނަ ދުވަހުގެ ކުރީން އޭނާގެ ފެޝަން ލައިންގެ މާ ބޮޑު ތަފްސީލެއް ހާމައެއް ނުކުރާނެއެވެ.

2017ވަނަ އަހަރުގެ ޖެނުއަރީ މަހު، ބަނޑަށް ދިހަ މަހުގައި ސެރީނާ ވަނީ އޮސްޓްރޭލިއަން އޯޕަންގައި ވާދަކޮށް ޗެމްޕިއަންކަން ހޯދާފައެވެ. އޭނާ ބަނޑުބޮޑުކަން އެނގި އެވާހަކަ އާއްމުކުރީ ބަނޑަށް 20 ހަފްތާގައެވެ. ސެރީނާ ވިހެއީ 2017ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 1ވަނަ ދުވަހުއެވެ. އޭނާގެ ދަރިފުޅުގެ ނަމަކީ އެލެކްސިސް އޮލިމްޕިއާ އޮހޭނިއަން އެވެ. ވިހެއުމަށް ފަހު ސެރީނާ ވަނީ މަރާ ހަނގުރާމަކޮށްފައެވެ. އޭނާގެ ޑޮކިއުމެންޓްރީގައި އެދުވަސްވަރު ދިމާވި ކަންކަމާއި އެކަންކަން ތަހައްމަލު ކުރި ގޮތުގެ ވާހަކަވެސް ހިމެނޭނެއެވެ. ސެރީނާ ކާވެނި ކުރީ 2017ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 16ވަނަ ދުވަހުއެވެ. ސެރީނާގެ ހަޔާތުގެ ބައިވެރިޔަކީ ރެޑިޓްގެ ފައުންޑަރ އެލެކްސިސް އޮހޭނިއަން އެވެ.

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.