އެމްޑީޕީގެ ޕްރައިމަރީ ގާނޫނާ ޚިލާފު، ބަލައެއް ނުގަންނަން: އީސީ

ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވޯޓު ދެއްވަނީ: ފޮޓޯ ސޯޝަލް މީޑިއާ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް އިއްޔެ ބޭއްވި ޕްރައިމަރީއަކީ ގާނޫނުތަކާ ޚިލާފަށް ބޭއްވި ޕްރައިމަރީއެއް ކަމަށާއި އެ ޕްރައިމަރީ ބަލައިނުގަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަނުން އެގޮތަށް ވިދާޅުވީ ޝަރުތު ހަމަނުވާ ބޭފުޅަކު ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕްރައިމަރީގައި ވާދަ ކުރެއްވުމަކީ ގާނޫނުތަކާ ޚިލާފު ކަމެއް ކަމަށް އެޕާޓީއަށް އަންގައިފައި ވަނިކޮށް އެއަށް ބެލުމެއްނެތި ޕްރައިމަރީ ބާއްވާފައިވާތީއެވެ.

ރައީސް ނަޝީދުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަނުން ވިދާޅުވެފައިވަނީ އެމަނިކުފާނަކީ ޓެރަރިޒަމްގެ ދައުވާއެއް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައިވާ ބޭފުޅަކަށް ވާތީއެވެ. އެފަދަ ބޭފުޅުންނަށް އިންތިޚާބު ތަކުގައި ވާދަ ކުރުމުގެ ޖާގައެއް ގާނޫނުތަކުން ލިބިދީފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އިންތިޚާބު ބޭއްވުމުގެ ކުރިން ވެސް އެފަދަ އަމަލެއް ނުކުރުމަށް އިލެކްޝަނުން ވަނީ އެމްޑީޕީއަށް ސިޓީއަކުން އަންގައިފައެވެ. އެންގުމާ ޚިލާފުވެއްޖެ ކަމަށްވާނަމަ އެޕާޓީ އުވާލުމަށް ހައިކޯޓަށް ވެސް ހުށަހަޅުއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ފޮޓޯ ސޯޝަލް މީޑިއާ

މިއެންގުން އަންގާފައިވަނިކޮށް ޕްރައިމަރީގައި ވޯޓުލާން ފެށުމުން އިލެކްޝަންސް ކޮމިޝަނުގެ އެދުމުގެ މަތިން ކޯޓުން ނެރުނު އަމުރެއްގެ ދަށުން ފުލުހުންވަނީ ވޯޓުލުން ހުއްޓުވުމަށް މަސައްކަތް ކުރައްވައިފައެވެ. އެގޮތުން ބައެއް މަރުކަޒުތަކުގައި ހުރި ވޯޓު ފޮށިތައް ފުލުހުންވަނީ ގެންގޮސްފައެވެ. އެހެންނަމަވެސް އެމްޑީޕީން ވަނީ ވޯޓުލުން ކުރިއަށް ގެންގޮސް ނިންމައިފައެވެ.

އެޕާޓީގެ ޗެއާޕާސަން އަލްއުސްތާޒު ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކަކީ އިލެކްޝަންސް ކޮމިޝަނާ ބެހެވޭނެ އިންތިޚާބުތަކެއް ނޫންކަމަށެވެ. އެ ކޮމިޝަނުން އެކަން ބަލަންޖެހޭނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް ނަޝީދުގެ ނަން ގާނޫނީ ފޯމާއެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ހިސާބުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ 43،922 ވޯޓުން ޕްރައިމަރީ ކާމިޔާބު ކޮށްފައި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. ރައީސް ނަޝީދު އެކަނި ވާދަކުރެއްވި މި އިންތިޚާބު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަނެ މިހާރުވަނީ އެޕާޓީއާމެދު ފިޔަވަޅު އަޅަން ނިންމައިފައެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ފޮޓޯ ސޯޝަލް މީޑިއާ

ޕާޓީއާމެދު އަޅާނެ ފިޔަވަޅަކާ ބެހޭގޮތުން މަޝްވަރާ ކުރާނީ އާދީއްދަ ދުވަހު ބާއްވާ އެކޮމިޝަންގެ ބައްދަލުވުމުގައި ކަމަށް އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

ފިޔަވަޅެއްގެ ގޮތުން ޕާޓީ އުވައިލުމަށް އެދި ހައިކޯޓަށް ހުށަހެޅުމާއި، ޖޫރިމަނާ ކުރެވިދާނެއެވެ. މި ދެގޮތުން ބޮޑަށް ބެލެވެނީ ޕާޓީ އުވައިލުމަށް ހައިކޮޓަށް ހުށަހަޅާނެ ކަމަށެވެ. އެއީ އެމްޑީޕީން ގާނޫނާ ޚިލާވެއްޖެ ނަމަ ޕާޓީ އުވާލަން ހައިކޯޓަށް ހުށަހެޅުމަކީ "ޔަގީންކަމެއް" ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކުރިން ވިދާޅުވެފައިވާތީއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.