އެމްޑީޕީގެ މައްޗަށް އަމުރެއްނެތް، ވޯޓުލުންދަނީ ކުރިއަށް: ހަސަން ލަތީފް

މިއަދު މެންދުރުފަހު 2:00 އިން ފެށިގެން ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މައްޗަށް ކޯޓުއަމުރެއް ނެތްކަމަށާއި ވޯޓުލުން ކަނޑައެޅިފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވުމުގެ ނަމުގައި ފުލުހުން ހިންގާ އަމަލަކީ ވެސް ޣައިރުގާނޫނީ އަމަލެއް ކަމަށެވެ. އެކަން ހުއްޓުވުމުގެ ނަމުގައި މީހުންގެ ގޯތި ގެދޮރަށް ވަދެ މުދާ ގެންދިޔުމުގެ ބާރު ފުލުހުންނަށް ލިބިފައިނުވާ ކަމަށެވެ.

"ކޯޓު އަމުރެއްގައި ނެތް އެމްޑީޕީ ނުވަތަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ ގެ ވާހަކައެއް. އެހެންވީމާ ފުލުހުން އެ އުޅެނީ ކޮންޕާޓީއެއްގެ ޕްރައިމަރީއެއް ހުއްޓުވަން ކަމެއް އެނގިފައެއްނެތް. މި ޕާޓީގެ މައްޗަށް އެފަދަ އަމުރެއް އައި ކަމެއްވެސް އެނގިފައެއްނެތް. އެހެންވީމާ ތަވާލާ އެއްގޮތަށް ޕްރައިމަރީގައި ވޯޓުލުން ކުރިއަށްދާނެ،" އެމްޑީޕީގެ ޗެއާމަން އަދި ގާނޫނީ ވަކީލު އަލްއުސްތާޒު ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން އެގޮތަށް އެވިދާޅުވީ ކޯޓު އަމުރުގައި އެމްޑީޕީގެ ނަން ނުބައިކޮށް "މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ" މިހެން ލިޔެވިފައިވާތީ ކަމަށް ބެލެވެއެވެ. އެކަމާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން ހަސަން ވިދާޅުވީ "ރާއްޖޭގޭ ޝަރުއީ ކޯޓަކުން އޮޅުމަކުން ކަމެއް ކުރައްވާނެ ކަމަށް ގަބޫލު ނުކުރެވޭ،" ކަމަށެވެ.

ސިވިލްކޯޓުގެ އަމުރެއްގެ ދަށުން ފުލުހުންވަނީ އެމްޑީޕީގެ ވޯޓުލާ ބައެއް މަރުކަޒުތަކަށް ގޮސް ބައެއް ވޯޓުފޮށިތައްވެސް ގެންގޮސްފައެވެ. ހަސަން ވިދާޅުވީ ބައެއް ވޯޓު ފޮށިތައް ފުލުހުން ގެންދިޔަސް އޭގެ ބަދަލުގައި ބޭނުންކުރާނެ ފޮށިތައް ވެސް އެބަހުރި ކަމަށެވެ. "އެހެންވީމާ މިހާރުވެސް ވޯޓުލުން ކުރިއަށް އެބަދޭ. މިރޭ ބާރަޖަހަންދެން ވޯޓުލުން ކުރިއަށްދާނެ. ގަޑި ހަމަވާއިރުވެސް ވޯޓުލާން މީހުން އައިސްތިބި ކަމަށް ވާނަމަ އާންމު އުސޫލުން އެމީހުންނަށް ފުރުސަތު ދެވޭނެ،" ހަސަން ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި 200 އަށްވުރެ ގިނަ ވޯޓު ފޮށިތައް މާލެއާއި ރަށްރަށުގެ އިތުރަށް ބޭރުގެ ބައެއް ގައުމުތަކުގައި ވަނީ ބަހައްޓައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.