ނަޝީދުގެ ޝަރުތު ހަމަވާ ކަމަށް ބުނެ އެމްޑީޕީން ރައްދު ދީފި

ރައީސް ނަޝީދަކީ ޕާޓީއެއްގެ ރިޔާސީ ޕްރައިމަރީއެއްގައި ވާދަކުރެއްވުމުގެ ޝަރުތު ހަމަވާ ބޭފުޅެއް ނޫންކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީއަށް އެމްޑީޕީން ރައްދު ޖަވާބު ދީފިއެވެ.

އެމްޑީޕީން އިލެކްޝަނަށް ފޮނުވައިފައިވާ ސިޓީގައި ބުނެފައިވަނީ ރައީސް ނަޝީދަކީ ޝަރުތު ހަމަވާ ބޭފުޅެއް ކަމަށެވެ. އެމަނިކުފާނުގެ ކެންޑިޑެސީއާ ބެހޭގޮތުން ސުވާލު އުފެދޭ ކަމަށްވާނަމަ އެކަމަށް ގޮތެއް ނިންމަވާނީ ސްޕްރީމް ކޯޓުން ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

މިކަމާ ބެހޭގޮތުން އީސީގެ ރައީސް ވެސް ވިދާޅުވީ އެމްޑީޕީގެ ޖަވާބު ލިބިފައިވާ ކަމަށެވެ. "އެމްޑީޕީން އީސީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކުރީގެ ރައީސް ނަޝީދަކީ ޝަރުތުހަމަވާ މީހެކޭ. ޝަރުތުތަކާ ބެހޭ ގޮތުން މައްސަލައެއް އޮތް ކަމަށްވާނަމަ އެކަމަށް ގޮތެއް ނިންމާނީ ސްޕްރީމް ކޯޓޭ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރައީސް ނަޝީދު ޕްރައިމަރީގައި ނުވަތަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޝަރުތު ހަމަވޭތޯ ބަލަން އިސީއަކުން ކޯޓަށް ނުދާނެ ކަމަށެވެ. އެޝަރުތު ފުރިހަމަވޭތޯ ބަލަން ކޯޓަށް ދާންޖެހޭނީ އެމްޑީޕީން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެބޭފުޅުން ފޮނުވި ސިޓީގައި އެއްވެސް ވަރަކަށްނެތް ޕެރޯލްގެ ގާނޫނަށް ރިއާޔަތް ކޮށްފައެއް. އަޅުގަނޑުމެން ފޮނުވި ސިޓީގައި އޮންނާނެ ޕެރޯލްގެ ގާނޫނުގެ ބައެއް މާއްދާތަކަށް ވެސް ރިއާޔަތް ކޮށްފައި. އެމްޑީޕީގެ ސިޓީގައި ދެން މުޅިންވެސް އޮތީ ނަޝީދަށް ލިބެންވާ ހައްގުތައް އުނިވާކަމަށް،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފެބުރުއަރީ އެކެއްގެ އަމުރުން ނަޝީދު މިނިވަން ވެފައިވާ އެމްޑީޕީގެ ސިޓީގައި ބުނެފައިވާ ކަމަށެވެ. "އެކަމަކު އެސިޓީގައި ބަޔާން ކޮށްފައެއްނެތް ހަމަ ސްޕްރީމް ކޯޓުން އެބައި ބާތިލް ކޮށްފައި ނެރެފައިވާ އަމުރުގެ ވާހަކައެއްވެސް،" ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ އެ ސިޓީއަށްވެސް ވަރަށް އަވަހަށް ޖަވާބު ދެއްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.