އެމްޑީޕީއާ މެދު ފިޔަވަޅު އެޅުމަށް މަޝްވަރާ ކުރަނީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގާނޫނީ ހަމަތަކުން ބޭރުން ނުބޭއްވުމަށް އެޕާޓީއަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަންގާފައިވަނިކޮށް އެއާ ޚިލާފަށް އަމަލު ކޮށްފައިވާތީ އެޕާޓީއާ މެދު އަޅާނެ ފިޔަވަޅަކާމެދު ޖޫން ދެވަނަ ދުވަހު މަޝްވަރާ ކުރައްވާނެ ކަމަށް އީސީ އިން ވިދާޅުވެއްޖެއެވެ.

އީސީ ގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ އެކޮމިޝަންގެ މެންބަރުން މިވަގުތު ވަޑައިގެން އުޅުއްވަނީ ރާއްޖެއިން ބޭރުގައި ކަމަށެވެ. "އެބޭފުޅުން ވަޑައިގެންނެވީމައި އަންނަމަހު ދެވަނަ ދުވަހު އިރާދަ ކުރެއްވިއްޔާ ބައްދަލުވުމެއް ބާއްވާނަން. އެބައްދަލުވުމުގައި އަޅުގަނޑުމެން މަޝްވަރާ ކުރާނަން އެމައްސަލަ ހައިކޯޓަށް ހުށަހެޅުމަށް. ބައްދަލުވުމުން ނިންމާ ގޮތަކަށް އަމަލު ކުރެވޭނެ،" ޝަރީފް ވިދާޅުވިއެވެ.

އީސީން ކުރިންވެސް ވަނީ ހުކުމެއް ތަންފީޒު ކުރަން ޖެހިފައިވާ މީހަކު ރިޔާސީ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ދީފި ކަމަށް ވާނަމަ ޕާޓީ އުވާލަން ހައިކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި ހަމައެކަނި ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނަކީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައިވާ ބޭފުޅެކެވެ.

މި އިންޒާރާއެކު ވެސް އެމްޑީޕީން ވަނީ ޕްރައިމަރީ ބާއްވައިފައެވެ. ޕްރައިމަރީގެ ވޯޓުލުން ހުއްޓުވުމަށްޓަކައި ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ވެސް އިއްޔެ ނެރުނެވެ. އެ އަމުރުގެ ދަށުން ފުލުހުންވަނީ އެމްޑީޕީގެ ބައެއް ވޯޓުފޮށިތައް ވެސް ގެންގޮސްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.