ރިޔާސީ ޕްރައިމަރީގެ ވޯޓުފޮށި 4 ގައުމެއްގައި ބަހައްޓާނަން: އެމްޑީޕީ

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި 4 ގައުމެއްގައި ވޯޓުފޮށި ބަހައްޓާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

ވޯޓުފޮށި ބަހައްޓާނީ އިނގިރޭސީ ވިލާތާއި، އިންޑިއާއި، ސްރީލަންކާއި، މެލޭޝިއާގައެވެ. އިންގިރޭސި ވިލާތުގައި ވޯޓު ފޮށި ބަހައްޓާނީ ލަންޑަނުގައެވެ، މެލޭޝިޔާގައި ބަހައްޓަނީ ކުއާލަލަންޕޫރުގައެވެ. ސްރީލަންކާގައި ބަހައްޓާނީ ވެރިރަށް ކޮލަމްބޯއާއި، ކެންޑީގައެވެ. އިންޑިއާއިން ބަހައްޓާނީ ޓްރިވެންޑްރަމާއި ބެންގަލޫރުގައެވެ.

އޭގެ އިތުރަށް ރާއްޖެގައި މީހުންއުޅޭ ހުރިހާ ރަށެއްގައި ވޯޓުފޮށިތައް ބަހައްޓާނެ ކަމަށް އެޕާޓީން ވަނީ ބުނެފައިވެއެވެ.

ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހުފައިވަނީ މިމަހު 30 ވަނަ ދުވަހުއެވެ. ޕްރައިމަރީއަށް ކުރިމަތި ލުމުގެ ފުރުސަތު މިމަހު 15 ވަނަ ދުވަހު ހުޅުވައިލާނެއެވެ.

މިހާތަނަށް ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފައިވަނ ރައީސް ނަޝީދެވެ. އެޕާޓީން މިހާރު ގެންދަވަނީ އެމަނިކުފާނުގެ ކެންޕޭން ފަށަށައި ކެންޕޭން ކުރައްވަމުންނެވެ.

ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެވޭ ގޮތް ނުވެއްޖެނަމަށް ދެންކަންތައް ކުރައްވާނެގޮތް ނިންމާނީ އެޕާޓީގެ ގައުމީ މަޖިލީހުން ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ރައީސް ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށްވާތީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވާދަ ނުކުރެއްވޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.