ހެއްވާ: ހާރުކާ މީދާ

ކުޑަކުދިންގެ ބަހުރުވަ އަކީ ޚާއްސަ ބަހުރުވައެކެވެ. ކޮންމެ ކުޑަ ކުއްޖަކުވެސް ވާހަކަ ދައްކަން ފަށަނީ އޭނާގެ އަމިއްލަ ބަހުރުވައަކުންނެވެ. އެ ބަހުރުވައަކީ އެ ކުއްޖަކު ބޮޑު ވެގެން އަންނަ މާހައުލާއި އިވޭ އަޑުތަކެއްގެ ސަބަބުން ކުއްޖާއަށް ދަސްވާ ބަހުރުވައެއް ކަމަށް މާހިރުން ވިދާޅުވެއެވެ.

ބައެއް ފަހަރަށް އިވޭ އަޑު އެ ކުއްޖާގެ ސިކުނޑީގައި ހަރުލާ ގޮތަކުންވެސް ބަހުރުވަ އުފެދެއެވެ. އަދި ބައެއް އަޑުތައް ނެރެން އުނދަގޫ ވުމުގެ ސަބަބުން އުފެދޭ ބަހުރުވަވެސް ހުރެއެވެ. ބައެއް ކުދިންނަށް "ރ" ކިޔަން އުނދަގޫ ވެއެވެ. ބައެއް ކުދިންނަށް އުނދަގޫ ވަނީ "ލ" ކިޔާށެވެ.

އަޅުގަނޑުގެ ކޮއްކޮ އަކަށް ވާހަކަ ދެއްކިގެން އައި އިރު ބޭނުން ކުރާ ކޮންމެ ބަހެއްގެ ފަހަތަށް "ގުން" އިތުރު ކުރެއެވެ. ހޯނަކީ ހޯގުން އެވެ. އަޅުގަނޑުގެ ނަމުގެ ފަހަތަށްވެސް އޮންނަނީ ގުން އިތުރު ކުރެވިފައެވެ. އަދި އެހެން ކޮއްކޮއަކަށް ވާހަކަ ދެއްކިގެން އައި އިރު ބަސްތައް ބަދަލު ވެގެން ގޮސްފައި ހުރީ ޙައިރާން ވާ ކަހަލަ ގޮތަކަށެވެ. އޭރު އަޅުގަނޑުމެންގެ ގެއަށް ފިކުރީއޭ ނަމަކަށް ކިޔާ މީހަކު އައިސް އުޅެއެވެ. ކޮއްކޮ އޭނާއަށް ކިޔަނީ "ބަކަލީ" އެވެ. އެންމެ ފަހުން އޭނާގެ ނަން ބަދަލު ވެގެން ދިޔައީ ބަކަރި އަށެވެ. މިހިރީވެސް ކުޑަ ކުދިންގެ ބަހުރުވައިން ބަސް ބަހަށް ނުވަތަ ނަން ނަމަށް އަންނަ ބަދަލެވެ.

އަޑު އިވޭ ގޮތަކުން ކުދިންނަށް ބަސް ބަސް މާނަ ކުރެވޭ ގޮތަކުން ވަރަށް ހެއްވާ ބަސް ބަސް އުފެދެއެވެ. އޭގެ މިސާލެއް ދަންނަވައިލާނަމެވެ.

ކޮންމެ ރޯދަ މަހަކު ރޭޑިއޯ އިން ދީނީ ސުވާލު ތަކެއް ފޮނުވައެވެ. މި ސުވާލުތަކުގެ ޖަވާބު ދިމާ ކުރާ މީހަކަށް ޙައްޖު ދަތުރެއް ލިބެއެވެ. ކޮންމެ ދުވަހަކު ފޮނުވަނީ ތިން ސުވާލެވެ. އެ ސުވާލުތައް ފޮނުވާކަށް ވަކި ވަގުތެއް ހަމަޖެހިފައެއް ނޯވެއެވެ. އެހެންވީމާ ޖެހެނީ ރޭޑިއޯ ދޮށުގައި އަބަދު މީހަކު ހުންނާށެވެ. ސުވާލަށް ތައްޔާރު ވެގެންނެވެ.

އަޅުގަނޑުގެ ވަރަށް ގާތް ރަހުމަތްތެރިއަކު ރޯދަ މަހަކު މި ސުވާލުތައް ގަވައިދުން ނޯޓު ކުރަމުން ގެންދިޔައެވެ. އޭނާއަށް ރޭޑިއޯ އަޑު އަހަން ހުރެވޭ ގޮތް ނުވެއްޖެ ނަމަ ކޮންމެވެސް ކުއްޖަކު ރޭޑިއޯ ދޮށުގައި ބަހައްޓަނީއެވެ. ކޮންމެ ގޮތަކުންވެސް ހުރިހައި ސުވާލެއް ހަމަ ކުރެވޭތޯ އޭނާ މަސައްކަތް ކުރިއެވެ.

އެއް ދުވަހަކު ކޮންމެވެސް އެއްޗެއް ގަންނާން ފިހާރައަކަށް ދާން ޖެހިގެން އޭނާގެ ދަރިއަކު ރޭޑިއޯ ދޮށުގައި ބަހައްޓައިފައި ސުވާލު އަތުވެއްޖެއްޔާ ނޯޓު ކުރާށޭ ބުނެފައި ހިނގައްޖެއެވެ. އެ ކުއްޖާގެ ޢުމުރަކީ ގާތްގަނޑަކަށް ހައެއްކަ އަހަރެވެ.

އޭނާ ފިހާރައަށް ގޮސްފައި އެނބުރި އައި އިރު ސުވާލު ނޯޓު ކޮށްފައި އޮތެވެ.

"ހާރުކާ މީދާ ފަޖުރުލީމާ ހަދާނީ ކިހިނެއް؟"

ސުވާލު ފެނިފައި އޭނާ ޙައިރާން ވެއްޖެއެވެ. ހިތަށް އެރިއެވެ. މިއީ އަނެއްކާ ކޮން މީދަލެއްގެ ވާހަކަ ބާވައެވެ؟ ހާރުކާ މީދަލަކީ ކޮބައި ހެއްޔެވެ؟ ސުވާލުގެ ޖަވާބު ހޯދުމަށްވުރެ އެ ސުވާލު އޮޅުން ފިލުވުމުގެ ކަންތައް ބޮޑު ވެއްޖެއެވެ. އޭނާ މަސައްކަތް ފެށީ އެއީ ކޮން ސުވާލެއްތޯ އޮޅުން ފިލުވާށެވެ. އެކި ގޭގެއަށް ގޮސްގެން އެ ސުވާލުގެ އަޑު އިވުނު މީހަކު ހުރިތޯ ބެލުމުގެ މަސައްކަތް ފަށައިފިއެވެ. އެތައް މަސައްކަތަކަށް ފަހު އެންމެ ފަހުން އޮޅުން ފިލާ ގޮތް ވެއްޖެއެވެ. ސުވާލުގެ އަޑު އެ ކުއްޖާ އަށް ތަރުޖަމާ ކުރެވުނު ގޮތަށް ލިޔެލީއެވެ. އަސްލު ސުވާލަކީ މިއީއެވެ. "ހާރުކާން އިންދާ ފަޖުރުލީމާ ހަދާނީ ކިހިނެއް؟"

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.