ހުން އައިސްގެން ދައްކާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން، ސަމާލުވޭ: އެޗުއާރުއެޗު

ރާއްޖޭގައި މިހާރު ފެތުރެމުންދާ އެކިވައްތަރުގެ ރޯގާތައް އައްޑޫ ސިޓީގައިވެސް ފެތުރެމުންދާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) އިން ވިދާޅުވެއްޖެއެވެ.

ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ސީނިއަރ ކޮމިޔުނިޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބު ވިދާޅުވީ ރޯގާ ހުންޖެހިގެން ހޮސްޕިޓަލަށް ދައްކާ މީހުންގެ އަދަދު ވެސް މިހާރު އަންނަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން ކަމަށެވެ. އެއީ އެންމެން ވެސް މިކަމަށް ސަމާލުވެ އަމިއްލަ ރައްކާތެރި ކަމާއި މުޖުތަމައުގެ ރައްކާތެރިކަމަށް ސަމާލުވާންޖެހޭ ކަމެއް ކަމަށް ނަޖީބު ވިދާޅުވިއެވެ.

އެހެން ކަމުން އާންމު ސާފުތާހިރު ކަމަށް މިހާރަށްވުރެ އިސްކަންދީ ތިމާއުޅޭ ގެއާއި ގެދޮރުގެ ސާފުތާހިރުކަން އިތުރު ކުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ. އަދި ގޯތިތެރޭގައި ހުންނަ މަދިރި އުފެދޭ ޒާތުގެ ތަންތަން ނައްތާލުމަށާއި މަދިރިން ސަލާމަތް ވުމަށްޓަކައި ހަށިގަނޑު ނިވާ ކުރުމާއި، މަދިރި ލޯޝަން ބޭނުން ކުރުމަށްވެސް އޭނާ އެދިވަޑައިގެންނެވިއެވެ.

ނަޖީބު ވިދާޅުވީ މިދުވަސްވަރު ކުޑަކުދިން ގޮވައިގެން ހޮސްޕިޓަލަށާއި، ސިއްހީ ޚިދުމަތްދޭ އެހެން ތަންތަނުގެ އިތުރަށް ކޮންމެހެން ދާންޖެހިގެން ނޫނީ ބޭރަށް ނުދިޔުމަކީ ބަލިތަކުން ސަލާމަތް ވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އޭނާ ވިދާޅުވީ މަދިރިން ރައްކާތެރި ވުމަށްޓަކައި ކޮންމެ ހަފްތާއަކު ދެދުވަހު ކަނޑައަޅާ ވަކި ސަރަހައްދު ތަކެއް ފޮގް ކުރަމުންދާ ކަމަށެވެ. އެމަސައްކަތް ކުރަމުންދަނީ ހައުސިން މިނިސްޓްރީއާ ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންމެ އަހަރަކުވެސް ވިއްސާރަ މޫސުން ލައިގަތުމުން ޑެންގޫއާއި އެފަދަ އެހެނިހެން ރޯގާތައް ފެތުރުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. އައްޑޫގެ އިތުރަށް މުޅި ރާއްޖޭގައިވެސް މިފަދަ ރޯގާތައް މިދުވަސްވަރު ފެތުރެމުންދާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވެސް ވަނީ ބަލިތަކުން ސަލާމަތް ވުމަށް ޚާއްސަ ސަމާލު ކަމެއް ދެއްވުމަށް އިލްތިމާސް ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.