އަޅުގަނޑުގެ ނާއިބު ރައީސަކަށް ހުންނާނީ މާލެއިން ބޭރުބޭފުޅެއް: ނަޝީދު

ރައީސް ނަޝީދު ނާއިބު ރައީސަކަށް ހައްދަވާނީ މާލޭއިން ބޭރުގެ ބޭފުޅެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ އެފްބީ ލައިވްއެއްގައި މީހަކުކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ނާއިބު ރައީސަކަށް މާލެއިން ބޭރުގެ ބޭފުޅަކު ހުންނެވުން ވަރަށް މުހިންމު ކަމަށެވެ. އެކަން އެގޮތަށް ކުރިއަށް ގެންދަވާނެ ކަމަށާއި، ނާއިބު ރައީސަކަށް ވަޑައިގަންނަވާނީ އެކަމަށް އެކަށީގެންވާ ރަނގަޅު ބޭފުޅަކަށް ހައްދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފި ކަމަށްވާނަމަ އިންކަމް ޓެކްސް ވެސް ނަންގަވާނެ ކަމަށެވެ. އަދި ރާއްޖޭ ޒޯންތަކަށް ބަހައިގެން ތަރައްގީ ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން އައްޑޫސިޓީއަށް ވެސް ޚާއްސަ ވިޝަން އެއް އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް އޭގެ ތަފްސީލެއް ނުދެއްވައެވެ. އޭގެ އިތުރަށް ރާއްޖޭގެ އެހެން އަތޮޅުތައް ވެސް ތަރައްގީ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށް ޖަޒީރާ ރައީސްގެ ނަމުގައި އެމަނިކުފާނު ކެންޕޭން ކުރެއްވިޔަސް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު އެމަނިކުފާނު ފުރިހަމަ ނުވާތީ ވާދަނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ޕްރައިމަރީގައިވެސް ވާދަ ނުކުރެވޭނެ ކަމަށް އެޕާޓީއަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އަންގަވައިފައެވެ. އެހެނަމަވެސް އެމްޑީޕީން ބުނެފައިވަނީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެވޭނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.