ގާނޫނު އަސާސީއަށް ބަދަލު ގެންނަން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި މި މަޝްވަރާ ކުރައްވަމުން ގެންދަވަނީ މިހާރު މިއޮތް ގާނޫނު އާސާސީއަށް ތޭރަ ސާދަ އަހަރު ވެފައި ވުމާއެކު ހުރި މައްސަލަތައް ފާހަގަ ކުރެވޭތީ އެކަން ހައްލު ކުރައްވަން ކުރައްވާ މަސައްކަތުގައި ޕާޓީތަކުން އެހީތެރިކަން ދެއްވާނޭ ކަމަށް އެމަނިކުފާނު އުއްމީދު ކުރައްވައެވެ.
ރައީސް ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި ގާނޫނު އަސާސީގައި މައްސަލަތަކެއް ހުރި ކަމަށް ފެނިގެން ބަދަލު ގެންނަން އެކި މީސްމީހުން އެކި ގޮތްގޮތަށް މަޝްވަރާ ކުރެވެމުންދާކަން އެމަނިކުފާނަށް އެނގިވަޑައިގަނެއެވެ. އެކަމަކު އެއީ ކޮން ފެންވަރެއްގައި ކޮން ތަނެއްގައި ކޮން ބަޔަކު ކުރާ މަޝްވަރާތަކެއް ކަމެއް އެމަނިކުފާނު ފާހަގައެއް ނުކުރައްވައެވެ.
ރައީސް ނަޝީދު ވަނީ ޕީޕީއެމްގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައިފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާވެސް ބައްދަލު ކުރައްވައިފައެވެ. މީގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާވެސް އެމަނިކުފާނު ވަނީ ބައްދަލު ކުރައްވައިފައެވެ. ގާސިމާ ދެއްކެވި ވާހަކަ އޮތީ ސިއްރު ކޮށްފައެވެ. ޕީޕީއެމުން ބުނެފައި ވަނީ ރައީސް ޔާމީން މިނިވަން ނުވާހައި ހިނދަކު މަޝްވަރާ ކުރަން އެއްބަސް ނުވާނޭ ކަމަށެވެ.