ދަފްތަރު ބޭނުންކުރީ އާބާދީ ދައްކައިގެން ބޭރުން ލޯނު ހޯދަން: ޖޭޔޫ

މާލޭގައި ރައްޔިތުންގެ ދަފްތަރެއް ހަދައިގެން ކުރީގެ ބައެއް ސަރުކާރުތަކުން އުޅުނީ މާލޭގެ އާބާދީ ބޮޑުކަމަށް ދައްކައިގެން ބޭރުގެ ގައުމުތަކުން އެހީ ހޯދަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން (ޖޭޔޫ) ވިދާޅުވެއްޖެއެވެ.

އާފަތިހަށް ދެއްވި އިންޓަރވިއުއެއްގައި އޭނާ ވިދާޅުވީ އެ ދަފްތަރުގެ ސަބަބުން ރައްޔިތުންނަށް ކުރި އެއްވެސް ފައިދާއެއް ނެތްކަމަށެވެ.

"ރައީސް މައުމޫން ސަރުކާރުގައި މާލޭގައި ދަފްތަރެއް ހަދައިގެން އުޅުނީ ކޮންމެހެން ދަފްތަރު މީހުންނަށް ކަމެއްކޮށްދޭކަށްނޫން. އެއީ ރެފިޔުޖީންގެ ގޮތުގައި ބޮޑު އާބާދީއެއް ދައްކައި ރާއްޖެއިން ބޭރުގެ ގައުމުތަކާއި ވޯލްޑު ބޭންކު ފަދަ ތަންތަނުން ލޯނުހޯދަން ކޮށްގެން އުޅުނު ކަމެއް. އޭގެ ރާހަތެއް ނުކުރި ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިތިބި މީހުންނަށް ނުވަތަ ދިވެހި ރައްޔިތަކަށްވެސް،" އޭނާ ވިދާޅުވީއެވެ.

ޖަމީލް ވިދާޅުވީ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިތިބި މީހުންނަކީ އެމީހުންގެ އަސްލު ރަށުގައިވެސް އަދި މާލޭގައިވެސް ގޯއްޗެއް އޮތްބައެއް ނޫން ކަމަށެވެ. އެހެން ކަމުން އެފަދަ މީހުން އެމީހުންގެ އާއިލާ ގޮވައިގެން އުޅެމުންދަނީ ވަރަށް ނިކަމެތިކޮށް ކަށްމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ބޭނުންފުޅުވަނީ މިކަންކަން ބަދަލުކޮށް ރައްޔިތުން ބޭނުން ދިމާއަކަށް ދިރިއުޅުން ބަދަލު ކުރުމުގެ ފުރުސަތު ހޯއްދަވައި ދެއްވުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ޔާމީންގެ ވިސްނުން ފުޅަކީ ރާއްޖޭގެ ކޮންމެ ހިސާބަކުން މީހުން އެބަޔަކު ބޭނުންވާ ދިމާއަކަށް ބަދަލު ވުމުގެ ފުރުސަތު ހޯދައިދެއްވުން. އެހެންވީމާ އެބަޔަކު ބޭނުން ހިސާބެއްގައި މުސްތަގުބަލުގައި އުޅެވޭނެ އިރާދަކުރެއްވިއްޔާ،" އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.